Close
ޚަބަރު

މަސައްކަތްތެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރިފާ ހަލީލު

މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި، މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ޕޮލިޓެކްނިކުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އޮފިސަރު މުހައްމަދު ހާޝިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމަކީ ވަރަށް މުހިންމު އަދި ތާރީހީ އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ ދެ މުއައްސަސާއިން ލިބެންހުރި ވަސީލަތްތައް އެއްބަޔަކު އަނެއް ބަޔަކަށް ބޭނުންކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ އިންޖީނުތަކާއި އެކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތް ޕޮލިޓެކްނިކުގެ މުވައްޒަފުންނަށާއި ކިޔަވާ ދަރިވަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ މިކަމުގެ މައިގަނޑު މަގުސަދަކީ ގައުމަށް ފައިދާހުރި މީހުން ބިނާކޮށް ވަޒީފާގެ މާހައުލަށް ނެރުން ކަމަށެވެ. ސްޓެލްކޯއަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށާއި ރައްޔިތުން އެދޭފަދަ ހިދުމަތް ދެވޭނީ އެކަމުގެ މައުލޫމާތާއި ހުނަރާއި ތަޖުރިބާ ލިބިފައި ތިބި މީހުން ވަޒީފާގައި ތިބެގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް އިވެލުއޭޓު ކުރާނީ ރައްޔިތުން. ރައްޔިތުން ބޭނުންވާފަދަ ހިދުމަތެއް ދެވޭނީ އެކަމުގެ މައުލޫމާތު އެނގި ހުނަރުވެރި ގާބިލު ތަޖުރިބާ ހުރި މީހުން ވަޒީފާގެ މާހައުލަށް ނެރެގެން. އެ ޓާގެޓަށް ވާސިލުވާން އަޅުގަނޑުމެން މި ޓްރެއިނިން ޕްރޮގުރާމްތައް މި ހިންގަނީ. ހާއްސަކޮށް އަތޮޅުތެރޭގެ ޓެކްނީޝަނުންގެ ގޮތުގައި ތިބި އަޅުގަނޑުމެންގެ މުވައްޒަފުން އަސާސީ ލެވެލްއެއްގަ ތަމްރީނު ކުރުން އަޅުގަނޑުމެންގެ ބޭނުމަކީ." އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އެކުންފުނީގައި 729 އިލެކްޓްރީޝަނުން މިހާރުވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި ބޭނުންވަނީ އެ އެންމެނަކީވެސް ދާއިރާއިން ސެޓިފައިޑް މީހުންނަށް ހެދުން ކަމަށެވެ. އަދި އަތޮޅުތަކުގައި މަސައްކަތްކުރާ ހުރިހާ މެނޭޖަރުންނަކީވެސް ދާއިރާގެ ސެޓުފިކެޓު ލިބިފައިވާ މީހުންނަށް ހެދުމަކީވެސް ކުރިއަށްއޮތްތާނގައި ކުރައްވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. މިއަހަރުތެރޭގައި ހުރިހާ އެންމެން ތަމްރީނުކޮށް ނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް އެ ކުންފުނީގެ 1053 މުވައްޒަފުން އެކިއެކި ތަމްރީނުތައް ހަދައި ނިންމާފައިވާ ކަމަށެވެ.