ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ކޯލިޝަންގެ ވިސްނުމުގެ ބޭފުޅުންނެއް ނޫން ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

އެމްޑީއޭއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ.

ރާއްޖޭ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފު ރޭ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު އެމްޑީއޭއަށް ކުރިއެރުން ލިބެން އޮތީ އެމްޑީޕީއާއެކު ކުރިއަށް ގެންގޮސް ކަމަށެވެ.

މައުރޫފް ވިދާޅުވީ، އެމްޑީއޭއިން މީގެ ކުރިން ކޯލިޝަންތަކެއް ހެދިކަމަށާއި ނަމަަވެސް އެ ކޯލިޝަންތަކުގައި އުޅުނީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ ރައީސް ޔާމީނަކީ ކޯލިޝަންގެ ވިސްނުމުގެ ސިކުނޑީގެ ބޭފުޅެއް ނޫންކަން. ހަމަ އެގޮތަށް ރައީސް ނަޝީދަކީވެސް ކޯލިޝަން ވިސްނުމުގެ ބޭފުޅެއް ނޫން" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމަށް ދެ އަހަރު ދުވަސްވީއިރު ކޯލިޝަން ރޫޅިއްޖެ ކަމަށާއި ނަޝީދުގެ ވެރިކަމަށް 23 ދުވަހުގެ ތެރޭގައި ކޯލިޝަން ރޫޅުނު ކަމަށެވެ. އެހެންވެ އެ ބޭފުޅުންނާއެކު ކޯލިޝަން ދަމަހައްޓަން އުނދަގޫވާނެ ކަމަށް ވިދާޅުވިއެވެ.