'ޖަބް ވީ މެޓް' ކަހަލަ ފިލްމެއް ހެދޭނީ ކޮންމެ 2 ގަރުނަކުން 1 ފަހަރު ކަމަށް އެ ފިލްމުގެ ލީޑް އެކްޓަރު ޝާހިދް ކަޕޫރް ބުނެފިއެވެ. ކަރީނާ ކަޕޫރް އާއި އެކު ޝާހިދް ކަޕޫރް ކުޅެފައިވާ މި ފިލްމަކީ އިންޑިއާގެ ގިނަ ރައްޔިތުންގެ އިތުރުން މުޅި ދުނިޔޭގެވެސް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ފިލްމެކެވެ.
ޝާހިދް ކަޕޫރު އިތުރަށް ބުނެފައިވާ ގޮތުގައި މިހާރު ނިކުންނަ ގިނަ ފިލްމުތަކަކީ އޭގެ ފެންވަރު އެންމެ ރަނގަޅު ނޫން ފިލްމުތަކެވެ. 'ޖަބް ވީ މެޓް' ކަހަލަ ފިލްމެއްގެ ސްކްރިޕްޓަކީ ކޮންމެ ކޮންމެ ދުވަހަކު ލިޔެވޭނެ ފަދަ ފެންވަރުގެ ސްކްރިޕްޓެއް ނޫން ކަމަށާއި އެފަދަ ފިލްމެއް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ގިނަ ދުވަސްތަކަކާއި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ޝާހިދް ކަޕޫރު މިފަދައިން ވާހަކަ ދައްކައިފައިވަނީ 'ޖަބް ވީ މެޓް' ފަދަ ފިލްމުތަކުން މިހާރު އޭނާ ނުފެންނަނީ ކީއްވެތޯ އިންޑިއާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
މި އިންޓަވިއުގައި ޝާހިދް ކަޕޫރް ވަނީ 'ޖަބް ވީ މެޓް'ގެ ޑައިރެކްޓަރު އިމްތިއާޒް އަލީގެ މޮޅު ކަމަށްވެސް ތައުރީފުކޮށްފައެވެ. އެގޮތުން ޝާހިދް ކަޕޫރަށް މިހާތަނަށް އެއްކޮށް މަސައްކަތްކޮށްލަން ލިބުނު އެންމެ ފަސޭހަ އަދި މޮޅު ޑައިރެކްޓަރަކީ އިމްތިއާޒް އަލީ ކަމަށް އޭނާ ވަނީ ބުނެފައެވެ. އިމްތިއާޒް އަލީއާ އެކު އެފަދަ އެހެން ފިލްމެއްގެ މަސައްކަތް ކުރުމުގެ ކޮންމެވެސް ވަރެއްގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ޝާހިދް ކަޕޫރު ވަނީ ބުނެފައެވެ. އެގޮތުން 'ޖަބް ވީ މެޓް' ކަހަލަ މަޖާ އަދި ހިތްގައިމު ޕްރޮޖެކްޓެއްގައި އިމްތިއާޒު އަލީއާ އެއްކޮށް މަސައްކަތް ކޮށްލަން ވަރަށް ބޭނުން ކަމަށްވެސް ޝާހިދް ބުނެފައިވެއެވެ.
މީގެ 16 އަހަރު ކުރިން ސިނަމާތަކަށް އައިސްފައިވާ 'ޖަބް ވީ މެޓް' އަކީ ލޯބީގެ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގައި އެކްޓު ކޮށްފައިވާ އެކްޓަރުންގެ ފަރާތުން އަދިވެސް ވަރަށް ގާތް އެކުވެރިކަމެއް މީސްމީޑިއާގައި ފެނިގެންދާއިރު އެ ފިލްމުގެ އެކްޓަރުން 2022 ވަނަ އަހަރު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ 'ޖަބް ވީ މެޓް' ފަދަ ދެވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތުދީފައެވެ.