ހުޅުމާލޭގެ 17 ބިމެއް 878 މިލިއަން ރުފިޔާއަށް ސަރުކާރުން ގަނެފިއެވެ.

ސަރުކާރުން އެ 17 ބިން ގަނެފައިވަނީ ހުޅުމާލޭ ދެވަނަ ފޭސް އިންނެވެ. ސަރުކާރުން ގަނެފައިވަނީ 15،000 އަކަފޫޓާއި 66،000 އަކަފޫޓޫގެ ދެމެދުގެ ބިންތަކެކެވެ.

އެ ބިންތަކުގެ ޖުމުލަ އަގު ކަމަށްވާ 878 މިލިއަން ރުފިޔާ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާފައިވާތީ ސިވިލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ހުކުމްކޮށްފައެވެ.

ދައުލަތުގެ އެކި ބޭނުންތަކަށް ސަރުކާރުން ވަނީ މީގެ ކުރިންވެސް އެޗްޑީސީ އަތުން ބިން ގަނެފައެވެ. އެގޮތުން ބޭރު ގައުމުތަކުގެ އެމްބަސީތައް ހެދުމަށް ވެސް ސަރުކާރުން ވަނީ ބިން ގަނެފައެވެ.