މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބީލަމާ ގުޅޭ މަސައްކަތްތަކަށް ހާއްސަ އޮންލައިން ޓެންޑާ ޕޯޓަލެއް ތައާރަފުކުރަން ނިންމައިފިއެވެ.
އެމްއޭސީއެލްއިން މިއަދު ބުނީ އެ ޕޯޓަލް މެދުވެރިކޮށް ބީލަމުގެ ހުރިހާ މަސައްކަތެއް އޮޓޮމެޓިކޮށް، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރެވެން ހުންނާނެ ކަމަށެވެ. އެ ޕޯޓަލް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ.
އޮންލައިން ޓެންޑާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރޭޝަން މަސައްކަތް އަދި އެމްއޭސީއެލުން ދޫކުރާ ބީލަމާއި ކޯޓޭޝަން ހޯދުމަށް އެދޭ ރިކުއެސްޓް (އާރުއެފްކިޔު) އިތުރުން އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ގުޅޭ ކަންކަންވެސް ކުރެވެން ހުންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޓެންޑާ ޕޯޓަލް ތައްޔާރުކޮށްފައި ވަނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޕްރޮކިއުމެންޓް ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް ބަލައިގެން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެފަދަ ޓެންޑާ ޕޯޓަލެއް ތައްޔާރުކުރުމުގެ މަގުސަދަކީ ލިޔެކިޔުމުން ހުށަހަޅާ އެޕްލިކޭޝަންތައް ހުއްޓާލައި، ޕްރޮކިއުމެންޓް ޕްރޮސެސްގެ ކަންކަން އިތުބާރުކުރެވޭފަދަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އޮންލައިން ޓެންޑާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން www.macl.aero މެދުވެރިކޮށް ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ އޮންލައިން ޓެންޑާ ޕޯޓަލަކީ އެމްއޭސީއެލްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.