އޮސްޓްރޭލިއާގެ ޑޭމިއަން ރައިޑާގެ ހަޔާތް ފެށީ އާދައިގެ، ފަސޭހަ ގޮތަކަށް ނޫނެވެ. އެންމެ ޅައުމުރުގައިވެސް އާއިލާގެ ފަރާތުން ޖިންސީ އަނިޔާއާއި ނަފުސާނީ އަދި ޖިސްމާނީ އެތައް އަނިޔާއެއްގެ ތެރޭގައި ރައިޑާގެ ދިރިއުޅުން ވެފައި އޮތީ "ގަނަތެޅުމަކަށެވެ". މުޅި އާއީލާ ތެރެއިންވެސް އޭނާއަށް ދަސްވީ "ތަޅާފޮޅުމާއި މަސްތުވުމެވެ". ގޯސް ވިސްނުމުން ރައިޑާ ފުރަތަމަ ބޭނުންކުރީ ކުރިން ދަސްވި މަސްތުވުމާއި އަނިޔާވެރި ވިސްނުމެވެ. ރައިޑާގެ ޓީނޭޖް އެކުގައިހެން ދިޔައީ "ލާހޫރުވުމުގައެވެ".
އުމުރުން 22 އަހަރުގައި ހާޓް އެޓޭކެއް ޖެހި ފުރާނައަށް ނުރައްކާވިއެވެ. އެކަމުންވެސް އަރައިގަންނަން ރައިޑާއަށް ޖެހުނީ އަމިއްލަ ހާލައިގެންނެވެ. އަޅައިލާނެ ޔާރެއް ނެތި، ވިސްނުން ދިޔައީ އެކި ދިމަދިމާލަށެވެ. އެކަނިމާއެކަނި ސާފް ބޯޑެއް ހިފައިގެން، 2100 ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް ދުއްވައި، އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓަށް ގޮސް، ސާފަރަކަށް ވާން ކުރި މަސައްކަތުން ދަސްވީ ސާފިންނެއް ނޫނެވެ. ހިޔާލުތަކުން ދުރަށް ދާނެ އާ ނަޒަރިއްޔާތެކެވެ.
ދާނެ މިސްރާބެއް ނެތިފައި ހުރި ރައިޑާއަށް ތަފާތު ވިސްނުމެއް ގެނުވީ މޫދުންނެވެ. އަމިއްލަ ނަފުސަށް ގެއްލުން ދިނުމުން ދުރުވެ، ހަރުދަނާ ދިރިއުޅުމަކަށް، ހާއްސަކޮށް ހިތާމައިގެ އެތައް އިހުސާސަކާ ދުރަށްދެވޭނެ ދިރިއުޅުމަކަށް ވިސްނި ވިސްނުމުންނެވެ. ތަކުލީފުގެ ވިސްނުމާ ދުރަށް ދާން އޭނާ ބޭނުންވީ ދުނިޔަވީ "ކޭއޯސް" ތެރެއިން ނުކުމެ، އެކަނި ތަޖުރިބާތަކެއް ކުރާށެވެ. އެ ތަޖުރިބާތަކަކީ "އެކްޓްރީމް ތަޖުރިބާ"ތަކަކަށްވުން ރައިޑާއަށް ލާޒިމުވިއެވެ. އެއީ ހަޔާތުގެ ހިތި އެތައް ހަނދާނަކާ ސުލްހަވާން އޭނާ ހިޔާރުކުރި ގޮތަކީ އެއީ ކަމަށްވީމައެވެ. އެކަން ރައިޑާއަށް އިހުސާސް ކުރެވުނީ ރާޅުތަކުންނެވެ. އެ ތަޖުރިބާތަކަކީ ކެއުމެއް ބުއިމެއް ނެތި، އަމިއްލަ ނަފްސު އޮއެވަރަށް ދޫކޮށްލައިގެން ކުރާ ތަޖުރިބާތަކަކަށް ހަދަން އުޅުމުގައި ރައިޑާ ވަނީ ދުނިޔޭގެ އެތައް ރެކޯޑެއްވެސް ހަދައިފައެވެ.
އަމާޒު ގެއްލިފައިވާ ދިރިއުޅުމުގެ ހުންގާނު ރަނގަޅު ކުރަން ރައިޑާ މިސްރާބު ހިފީ "އެކްސްޓްރީމް ސްޕޯޓް"އަށެވެ. ހަޔާތް ބަދަލުކޮށްލީ އެކްސްޓްރީމް ސްޕޯޓްސްގެ އެތުލީޓެއްގެ ގޮތުގައި ގެނައި ބަދަލުތަކާއެކުގައެވެ. އެ ވިސްނުމުގައި ތިން ޓަނުގެ ޕިކަޕެއް، 28 ކިލޯމީޓަރަށް ކޮއްޕާފައި ގެންދިއުމުގެ އިތުރުން 17 ދުވަސް ވާންދެން، ޕެޑަލް ބޯޑެއްގެ މަތީގައި އޮސްޓްރޭލިއާގެ ގަދަ ކަނޑުގެ ތެރޭގައި ފެތުންވެސް މިއީ ރައިޑާ ކޮށްފައިވާ ކަންތައްތަކެވެ. އޮސްޓްރޭލިއާ ކަނޑު ތެރެއިން 800 ކިލޯމީޓަރު ހުރަސް ކުރި އިރު، އެ ކަނޑުން އެކަނިވެސް 22 މިޔަރާ ހަނގުރާމަކޮށް، އެތައް ތަކުލީފުތަކަކުން ރައިޑާ "އުފާ" ހޯދިއެވެ.
އޭގެ އިތުރުންވެސް ގާތްގަނޑަކަށް 7،500 ފޫޓުގެ މަތީގައި އޮތް ހޮޓް އެއާ ބެލޫނަކުން ބޭރަށް ފައިބައި، ބެލޫންގެ ވަށައިގެން އެނބުރި، ފަހުން ހަރުކަނޑަކުން އެ ބެލޫނަށް އަނެއްކާ އެރުމުން ގޮސް، އެތައްއެތައް އެކްސްޓްރީމް ކަމެއް ރައިޑާ ކޮށްފައިވެއެވެ. "ރިސްކީ" ލައިފްސްޓައިލުން ރައިޑާ ދޭން ބޭނުންވި މެސެޖަކީ "ޓްރޯމާ" އިން އަރައިގަންނަން ބޭނުންވާ މީހުންނަށް ހިތްވަރަކަށް ދޭން ބޭނުންވި މެސެޖެކެވެ. ކިތަންމެ އަޑިއަކަށް މީހާގެ ދިރިއުޅުން ވެއްޓުނު ނަމަވެސް އަރައިގަނެވޭނެ ކަމުގެ މެސެޖެވެ. "އިމްޕޮސިބަލް" ކަމެއް ނޯންނާނެ ކަމަށް ދޭން ބޭނުންވާ މެސެޖެވެ.
ރައިޑާގެ ވިސްނުމުގައި އެ ހުރިހާ ކަމަކުންވެސް އޭނާއަށް ކުރެވުނު އެންމެ ބުރަބޮޑު މަސައްކަތަކީ ހަޔާތެއް، ދިރިއުޅުމެއް، ހެވަށްޓަކައި ބަދަލުކޮށްލެމެވެ. ހަޔާތެއްގެ އަނދިރި ސަފުހާތަކުން އަރައިގަނެ، އެ ވާހަކަތައް އެހެން މީހުންނަށް ކިޔައިދީ، އެ ވާހަކަތަކަކީ އެހެން މީހުންގެ ހިތްވަރަކަށް ހަދަން، ސަމާލުކަން ގެނުވާ ކޮންމެ ކަމަކަށްވެސް ރައިޑާ ނުކުންނަނީ އަޒުމެއްގައެވެ. ފޮތްތަކާއި ޑޮކިއުމެންޓްރީތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ރައިޑާ، ރާއްޖޭގެ ކަނޑަށް ނުކުމެ، އަށް ދުވަސް ތެރޭގައި ހުވަދޫ ކަނޑު ހުރަސްކޮށް، 480 ކިލޯމީޓަރަށް ޕެޑަލް ކުރަން ނުކުތީވެސް އޭނާގެ އާންމު ދިރިއުޅުމުގެ ތެރެއިންނެވެ. ދުނިޔޭގެ ދެބައިހަމަ ކައިރީގައިވާ މަޝްހޫރު 'ވަން އެންޑް ހާފް ޑިގްރީ ޗެނަލް' ހުރަސްކުރަން ނިންމުމާއި، ދުނިޔެ ދެބައިވާ ރޮނގު ހުރަސްނުކޮށް ދޫކޮށްލަން އޭނާ ބޭނުން ނުވީއެވެ.
ރައިޑާ ރާއްޖެ އައިސް، ހުވަދޫ ކަނޑުގެ ދިރާސާތައް ހަދައި، ދަތުރަށް ތައްޔާރުވީ ފުރިހަމައަށް ނިދައި، ކައިބޮއެ ހަދައި، ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްގެންނެވެ. އޭނާގެ ދަތުރަށް ރާއްޖޭގައިވެސް އޮތީ ތަފާތު ހިޔާލުތަކެކެވެ. ދެބަސްވުންތަކެކެވެ. އެއީ ހަމައެކަނި ނިދާލަން ރަށަކަށް އަރައި، ދުވާލު އެތައް ގަޑިއިރެއް ވަންދެން ރާއްޖޭގެ ރާޅުބޮޑެތި މާ ކަނޑުތަކުގެ ތެރޭގައި ޕެޑަލް ކުރުން އެއީ އާދައިގެ ކަމަކަށް ނުވާތީއެވެ.
"އަހަރެން މިކަމަށް ނުކުތް އިރު، ކުރަން އުޅުނު ކަންތައް ހާސިލުކުރެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި. ނުވާނެއޭ ބުނި އެތައް ބަޔަކު ތިބި. އެކަމަކު މިކަން ކުރެވިފައި މިއޮތީ. ހުޅުމާލެ ފެންނަ ހިސާބަށް އާދެވުނު ވަގުތު އިހުސާސްކުރެވުނު މިކަން ވެއްޖެކަން. މިއީވެސް، އަދި މުޅި ރާއްޖެއަކީވެސް ވަރަށް ހިތްގައިމު މަންޒިލެއް،" ރައިޑާގެ ދަތުރު ނިންމުމަށް މިއަދު ހުޅުމާލެއަށް ފޭބުމަށްފަހު ބުންޏެވެ.
"އަހަރެމެންނަށް މި ދަތުރުގައި ހުރިހާ އިހުސާސެއް ކުރެވިއްޖެ. ހުރިހާ ތަޖުރިބާއެއް ކުރެވިއްޖެ. ފުރަތަމަ މާފުއްޓަށް ޕެޑަލް ކުރީވެސް ބާރު ވަޔާއި އޮއިވަރުގައި. ހޫނު ގަދައަވީގައި. އެ ދަތުރާއެކުވެސް ހަންގަނޑު އަނދައި، ފަޔާ އަތުން ދިލަ އިހުސާސް ކުރެވުން. ހަތް ގަޑިއިރުން މާފުއްޓަށްވެސް މިދެވުނީ. މިސްރާބުން ކައްސާލައި، އެތައް ތަނަކަށް އަމާޒު ހިފި ދުވަސްވެސް ފާއިތުވެގެންދިޔަ އެހެންދާއިރު،" ރައިޑާ އިތުރަށް ބުންޏެވެ.
ރައިޑާ ބޭނުންވާނެވެސް ގޮތަށް، ރާއްޖޭގެ ކަނޑުގައި ޕެޑަލް ކުރުން އެހާމެ ފަސޭހައެއް ނޫނެވެ. ރަށަކަށް އަރައި، ނަށާލައި، އާންމުންނާ އެކު ހޭދަކޮށްލާ ވަގުތު އުފާވެރިވެފައި ހިތްހަމަޖެހުން ގެނުވާ ނަމަވެސް، ވެހުނު ވާރޭއެއްގެ ތެރެއިން، ދިއްލި އަތްވެއްގެ ހޫނުގައި ދުވާލުދާ ހަތަރު ދަމު ޕެޑަލްކޮށް ރަށްރަށަށް ދާން ކުރީ އުނދަގޫ ތަޖުރިބާއެކެވެ.
"ކުރި ހުރިހާ ދަތުރެއްވެސް ހަމައެހާމެ އުނދަގޫކޮށް ދިޔައީ. ޕެޑަލް ކޮށްކޮށް ވަރުބަލިވެ، ދޫކޮށްލަންވެސް އުޅުނިން. ކޮންމެ ދުވަހަކު 12 ގަޑިއިރު ޕެޑަލް ކުރުމަކީ ފަސޭހަކަމެއް ނޫން. އެއީވެސް އެކިއެކި ކޮންޑިޝަންތަކުގައި، ބައެއް ދުވަސް ދުވަހު ވާރޭ ވެހިދާނެ، އަނެއްބައި ދުވަސް ދުވަހު ވައި ރޯޅިއެއް ނުޖެހި، ނޫނީ ވައިބާރުވެސް ވެދާނެ،" ރައިޑާ ބުންޏެވެ.
ރައިޑާގެ ނަސީބުން ހުވަދޫ ކަނޑަށް އޭނާއަށް ނުކުމެވުނީ ކަނޑުމަޑު ދުވަހެއްގައެވެ. އެއީ ފަސޭހައެއް ކަމަށް ރައިޑާ ފާހަގަކުރި އިރު، ދަތުރުގެ އެންމެ ފުރިހަމަ މަގުސަދު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހާސިލުވި ކަމަށްވެސް އޭނާ ބުންޏެވެ.
"އެންމެ ގަދަ ކަނޑަށް (ހުވަދޫ ކަނޑަށް) ނުކުތް ދުވަހު ނަސީބު ދިމާކުރި ގޮތުން، ރާޅުތައް ތިރި ދުވަހަކާ ދިމާވީ. ތައްޔާރުވެގެން ދިޔައީ 10 ފޫޓު ވަރުގަދަ ރާޅުތަކަށް ނަމަވެސް ވައިމަޑުވުމުން އެކަމާ ކުރިމައްޗެއް ނުވި. މި ދަތުރުގައި ހާސިލުކުރަން ބޭނުންވީ ދެތިން ކަމެއް. އެއް ކަމަކީ، އެންމެ މުހިންމު ކަމަކީ ހުވަދޫ ކަނޑު ހުރަސްކުރުން. އަނެއްކަމަކީ ވާދުއާ ހަމައަށް ދިއުން. ދެން އަނެއް ކަމަކީ މި ތަޖުރިބާ ހޯދައި، އެ ތަޖުރިބާ ޑޮކިއުމަންޓްވެސް ކުރުން. އަހަރެމެންނަށް މި ޓީމާއެކު މިކަން ވެއްޖެ،" ރައިޑާ ފާހަގަކުރިއެވެ.
ލ. އަތޮޅާއި ގދ. އަތޮޅާ ދެމެދު އޮންނަ ހުވަދޫ ކަނޑަކީ ރާއްޖޭގެ ދެ އަތޮޅެއް ދޭތެރޭގައި އޮންނަ އެންމެ ބޮޑު ކަނޑެވެ. ހުވަދޫ ކަނޑުގެ ފުޅާމިނުގައި ގާތްގަނޑަކަށް 100 ކިލޯމީޓަރު ހުންނަ އިރު، އެއީ ރާޅު ބޮޑު ކަނޑެކެވެ. ކަނޑު ތެރެއިން ދުވާލު ދަތުރުކޮށް ރޭގަނޑު ކޮންމެވެސް މަންޒިލެއްގައި ރައިޑާ މަޑުކޮށްފައިވާ އިރު، އެ މަޑުކުރި ރަށްތަކަކީ ރާއްޖެ ތަފާތު ނަޒަރަކުން ބަލައިލަން ރައިޑާއަށް ލިބުނު ފުރުސަތެކެވެ.
"ކޮންމެ ރަށަކުންވެސް ފެނުނީ އުންމީދުވެސް ނުކުރާ މެހެމާންދާރީއެއް. އަހަރެން ކޮންމެ ރަށަކަށް ދާއިރުވެސް ބަލަނީ އަވަސްކޮށް އާންމުންނާ ބައްދަލުކޮށްލައި، ނިދާލުމަށް. ރަށްރަށުން ފެނުނީ އަމިއްލަވަންތަކަން. އަމިއްލަ ގޮތެއްގައި މެހެމާންދާރީ އަދާކުރިތަން. ވަރަށް ޝައުގުވެރިކުރަނިވި ތަޖުރިބާއެއް އަހަންނަށް ކުރެވުނީ. ހީއެއް ނުވޭ، އެހެން މީހުންނަށް މި ގޮތަށް ރާއްޖެ ތަޖުރިބާ ކުރެވުނުހެން. މި ތަޖުރިބާ އެހެން މީހުންނާ ހިއްސާކުރާނަން. މި ތަޖުރިބާ ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ގޮތުގައި ތައްޔާރުކޮށް ދިވެހީންގެ ހިނިތުންވުން އެންމެންނާ ހިއްސާކުރާނަން،" މަގުބޫލު އެތުލީޓް ރައިޑާ ބުންޏެވެ.
ރައިޑާ ދިޔަ ކޮންމެ ރަށަކުންވެސް އޭނާއަށް ދިވެހީންގެ އޯގާތެރި، ސަގާފީ މެހެމާންދާރީގެ ތަސްވީރުތައް ދައްކުވައިދިން އިރު، ދުނިޔެއަށް އެ މަންޒަރު ދައްކަންވެސް ރައިޑާ ބޭނުންވެއެވެ. ލަގްޒަރީ ރިސޯޓުތަކުގެ ވިސްނުމުން ނެއްޓި، ލޯކަލް ރަށްރަށަށް ގޮސް، ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކުރަން ރައިޑާ ދުނިޔެއަށް ދައުވަތުވެސް ދެއެވެ.
"މިއީ ދުނިޔޭގެ އެހެން މީހުންނަށް ރާއްޖެ ފެންނަ ގޮތާ މުޅިން ތަފާތުކޮށް ރާއްޖެ ފެނުނު ދަތުރެއް. ހިތްގައިމު ލަގްޒަރީ ރަށްތަކުގެ ތަޖުރިބާއަށްވުރެ ބޮޑަށް ލޯކަލް ތަޖުރިބާއެއް އަހަންނަށް ކުރެވުނު. އެވެސް އެހެން ތަފާތު ގޮތަކަށް. އަހަރެން މުޅި ދުނިޔެއަށްވެސް ބުނެލަން ބޭނުންވަނީ ރާއްޖޭގެ ލޯކަލް ރަށްތަކަށް ދިއުމަށް، އެ ރަށްތަކުގެ ގެސްޓްހައުސްތަކަށް ދާށޭ. އެ ރަށްރަށުގައި ކާ އެއްޗެހި ތަޖުރިބާ ކޮށްލާށޭ. ރާއްޖޭގެ ރަށްތަކުގައި އެ އުޅެނީ 'އޭމެޒިން ބިއުޓިފުލް' މީހުންތަކެއް،" ރައިޑާގެ އެންމެ ފަހު ބަހަކަށް ބުންޏެވެ.
މިމަހުގެ 17 ވަނަ ދުވަހު ރައިޑާ ފެށި ދަތުރުގައި، އަށް އަތޮޅު ހުރަސްކޮށްފިއެވެ. ހުޅުމާލެއިން ފެށި ދަތުރުގައި މަޑުކުރީ ކ. މާފުއްޓާއި، ވ. ރަކީދޫ، މ. ކޮޅުފުށި، ތ. ގުރައިދޫގެ އިތުރުން ލ. ފޮނަދުއާއި ގއ. ކޮލަމާފުށި އަދި ގދ. ވާދޫގައެވެ. ކޮންމެ ރަށަކުން ތަފާތު ތަޖުރިބާތަކެއްކޮށް، ރައިޑާ ހިއްސާކުރި ކޮންމެ މަންޒަރަކުން ރާއްޖޭގައި އޭނާކުރި ދަތުރުގެ ތަފާތު ދައްކުވައިދިނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް