ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، (ސާފް)ގެ އަހަރީ އާންމު ބައްދަލުވުން މިއަދު ރާއްޖޭގައި ބާއްވައިފިއެވެ.
ސާފްގެ އަހަރީ އާންމު ބައްދަލުވުން މިއަދު ބާއްވާފައި ވަނީ ކްރޮސްރޯޑްސްގެ އިވެންޓް ގޯލުގައެވެ. މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އެތުލެޓިކްސްގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި އިރު، އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ރައީސް، ގަތަރުގެ ޖެނެރަލް ދަހްލާން އަލް ހަމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ ކުރިން ދަހްލާން އާންމުގޮތެއްގައި ސާފްގެ އެތުލެޓިކްސް މުހިއްމު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ދަހްލާނަކީ 2013 ވަނަ އަހަރުން ފެށިގެން އޭޝިއާގެ އެތުލެޓިކްސްގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާ ބޭފުޅާއެވެ.
މިއަދުގެ ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވާއިދާ ގުޅޭ މުހިންމު ކަންކަން މަޝްވަރާކޮށް އަސާސީ ގަވާއިދު ފާސްކޮށްފައިވާ އިރު، ކުރިއަށް އޮތް ދައުރަށް ސާފްގެ ހިންގާ ބޯޑުގެ އިންތިހާބުވެސް ބޭއްވިއެވެ.
މިއީ ރާއްޖޭގައި ސާފްގެ އަހަރީ އާންމު ޖަލްސާ ބޭއްވި ތިންވަނަ ފަހަރެވެ. އެންމެ ފަހުން 2017 ވަނަ އަހަރު މި ޖަލްސާ ބޭއްވީ އައްޑޫ ސިޓީގައެވެ.
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ މުހިންމު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.