މުނިފޫހިފިލުވުން

ޓިކްޓޮކް ޝަޒީލާގެ ބަދަލުވި ހަޔާތް، މަންމަ ވަކިވުމުގެ ހިތާމަ، އާ ހިތްވަރާއެކު އަލުން މައިދާނަށް

އިބްރާހިމް އަލީފް

ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އަހަރެން ގަވައިދުން ކުރާ އެއްކަމެއް އޮވެއެވެ. ފޯނުގައި ހުންނަ ޓިކްޓޮކް އެޕްލިކޭޝަން ހުޅުވައި އެއިން ވަކި މިންވަރަކަށް ޓިކްޓޮކް ބަލައިލުމެވެ، ޓިކްޓޮކްގައި ކަމުދާ އެކަކީ ޝަޒީލާ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޝަޒީލާގެ އާ ޓިކްޓޮކެއް ނުފެނި ދުވަސްކޮޅެއް ދިޔައެވެ، ދެން އޭނާ ފެންނަން ފެއްޓިއިރު ފޯނު ކަވަރުން އިތުރު އާކަމެއް އަހަންނަށް ސިފަވެގެން ދިޔައެވެ. މަންމަގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ފޯނު ކަވަރުގައި ހަރުކޮށްފައި ހުންނައިރު ޝަޒީލާ ވަނީ ދާދި ފަހުން އޭނާގެ މަންމަ ނިޔާވި ހިތާމަވެރި ހަބަރުވެސް ސަޕޯޓުކުރާ މީހުންނާ ހިއްސާކޮށްފައެވެ.

ޝަޒީލާއަކީ ދިވެހިންގެ ތެރޭގައި މާބޮޑު ތައާރަފެއް ބޭނުންވާނެ ފަންނާނެއް ނޫނެވެ. ޓިކްޓޮކުން އޭނާ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދިއިރު އޭނާ ވަނީ މޭކަޕްގެ ދާއިރާއިންވެސް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯދާފައެވެ. ދެ މަސައްކަތްވެސް ވަރަށް ރަނގަޅަށް މެނޭޖް ކުރަމުން އައި ޝަޒީލާއަށް 2022 ވެގެން ގޮސްފައިވަނީ ގޮންޖެހުންތައް ބޮޑު އަހަރެއް ކަމުގައެވެ. ހަޔާތުގައި ދިމާވެދާނެ ކަމަށް އުއްމީދު ނުކޮށް ހުރި އެތައް ކަމަކާ ކުރިމަތިލާން ޖެހުނު އަހަރަކަށެވެ. އަދި އަހަރު ނިމިގެން ގޮސްފައިވަނީ އެންމެ ލޯބިވާ މަންމައާ ވަދާއީ ސަލާން ކުރަމުންނެވެ.

"އެންމެ ކުޑައިރުގެ ހަނދާންތައް އާކޮށްލާފަ އެއްޗެއް ބުނަންޏާ ބުނާނީ މިއީ ވަރަށް ހަލަނި ސަކަ މިޒާޖުގެ ކުއްޖެކޭ އޭރު، ކޮށްލާ ކަންތައްތަކުން އޭރުވެސް މަންމަމެން ކިތަންމެ ރުޅި އަންނަން ބޭނުންވިއަސް ހެއްވާލެވޭ. ވަރަށް ނުލަފާ ކަންތައް ކުރެވިފަ ހުންނާނީ. " އަމިއްލަ ހިޔާލަށް ކުރެވިފައިހުރި ކަންތައް ގެންނަމުން އެކަމާއި ހެމުން ހެމުން ޝަޒީލާ ކިޔައިދިނެވެ. ޝަޒީލާ ބުނި ގޮތުގައި އޭރުގެ ދިރިއުޅުން ވަރަށް ސާދާވެފައި ހިތްގައިމެވެ. ސްކޫލުން ގެއަށް އައިސް ކިޔަވައި ކުޅެ އާއިލާއާއި އެއްކޮށް ދުވަސްތައް ވޭތު ކުރަމުން އައީ އެއްވެސް މާބޮޑު ފިކުރެއް ނެތިއެވެ. ނަމަވެސް ދިރިއުޅުމަކީ ކޮންކަހަލަ އިމްތިހާނެއްކަން ފުރަތަމަވެސް ޝަޒީލާއަށް އިހުސާސް ކުރެވިގެން ދިޔައީ ބައްޕަގެ ނިޔާވުމާއި އެކު އެވެ.

"2016 ގައި ބައްޕަ ނިޔާވީ. އަބަދުވެސް ބައްޕައާއި އެކު ވަރަށް ފުން އުފާވެރި ހަނދާންތަކެއްވޭ. އަސްލުވެސް މިއީ ހަމަ ޑެޑީސް ގާލްއެއް. ބައްޕަ ނިޔާވުމުން ވަރަށް އަސަރުކުރި، އަދިވެސް ބައްޕަގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު ފެންކަޅިވޭ. އާއިލާގައި އެއްބަނޑު އެއްބަފައި މީހުން ތިއްބަސް ދެން އައިޑޮލް އަކަށް އެހިސާބުން ވެގެން ދިޔައީ މަންމަ. ބައްޕަ ގާތުގައި ނެތް ކަމަކު ދުނިޔޭގައި ބައްޕަ ނެތް ކަމުގެ އިހުސާސް އެހާ ބޮޑަށް ކުރެވުނަކަ ނުދޭ." ޝަޒީލާ އޭނާގެ ބައްޕަގެ ހާއްސަކަން ކިޔައިދިނެވެ.

ސްކޫލް ނިންމާލުމަށްފަހު ޝަޒީލާ މަންމައާ ދުރަށް މާލެ ބަދަލުވިއެވެ. ކިތަންމެ މަގުބޫލު ކަމަކާއި މަޝްހޫރުކަމެއް ލިބުނު ނަމަވެސް ޝަޒީލާ ބުނި ގޮތުގައި އޭނާއަށް އަބަދުވެސް އެންމެ ފުރިހަމަ ސަޕޯޓެއް ދިން މީހަކީ އޭނާގެ މަންމައެވެ. އެގޮތުން މަންމައާ އެކުވެސް ގިނަ ޓިކްޓޮކް ތަކެއް ހެދިފައިވާނެ ކަމަށް ޝަޒީލާ ވަނީ ބުނެފައެވެ. އެކި ގޮތްގޮތަށް ހަދާފައިވާ ޓިކްޓޮކްތަކާއި ކުރެވިފައިވާ މޭކަޕް ތަކަށް މަންމަ ކިޔައިފައިވާ ފާޑުކިޔުންތަކަކީ ޝަޒީލާ ބުނި ގޮތުގައި މަންމަގެ 'ކެރެކްޓަރ' އެންމެ ރަނގަޅަށް މަންމަގެ ކިބައިން ފެނިގެންދިޔަ ކަންތަކެވެ.

"2020 ވަނަ އަހަރުން ފެށިގެން މަންމަ ބަލިވަމުން އައީ، ރާއްޖެއިން ބޭރަށް ފަރުވާއަށްވެސް ގޮވައިގެން ދިޔައިން. އެންމެ ވޭނުގައި އުޅުނު އިރުވެސް މަންމައަކީ ހަމަ ވަރަށް މަޖާ މީހެއް. އެންމެ ހިތްދަތި ވަގުތު ތަކުގައިވެސް މަންމަ ބުނެލާ އެއްޗެހިން ވަރަށް ހެއްވާލާ. ދެން އެހެން ގޮސް 2022 ވަނަ އަހަރު މަންމަ މާ ބޮޑަށް ބަލިވީ." މަންމަގެ ބަލި ދަތުރު ވަރަށް ކުރު ގޮތަކަށް ކިޔައިދެމުން ޝަޒީލާ ބުންޏެވެ.

2019 ވަނަ އަހަރުން ފެށިގެން ޝަޒީލާ އައީ ހުޅުމާލޭގައި ހުންނަ މަޝްހޫރު ސެލޫނެއްގައި މަސައްކަތް ކުރަމުންނެވެ. އެހެން ގޮސް 2022 ވަނަ އަހަރު މަންމަ ބަލިވުމާ އެކު ވަޒީފާގައި ވަރަށް ކުރަން ބޭނުން ނޫން ކަމެއް ކުރަން ޖެހުނު ކަމަށް ޝަޒީލާ ވަނީ ކިޔައިދީފައެވެ.

"އަސްލު ސެލޫންގައި އުޅުނީ ވަރަށް ވަރަށް އުޅޭ ހިތުން، އެތަނާއި ޝަޒީ އާއި އޮތީ ވަރަށް ބޮޑަށް ގުޅިފައި، ވަރަށް ގިނަ ރެގިއުލަރ ކްލައެންޓުންވެސް އޭރު އެތަނުގައި ތިބި. އެހެން ނަމަވެސް އެހުރިހާ ކަމަކަށް ވުރެން އަސްލު މަންމަތާ މުހިންމު ވާނީ. މަންމަ ވަކި ވަރަކަށް ބަލިވީމަ ދެން ހަމަ ނިންމީ ވަޒީފާއިން ކެނޑިގެން މަންމަ ކައިރިއަށް ބަދަލުވާން." 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އޭނާގެ މަންމަ ކައިރިއަށް ގއ. ވިލިނގިއްޔަށް ދިރިއުޅުން ބަދަލުކުރި ޝަޒީލާ ކިޔައިދިނެވެ.

" އޭރު ދެން ރަށަށް ބަދަލުވެފަ ހަމަ އެއްކޮށް ޓިކްޓޮކްވެސް މޭކަޕް ކޮށް ދިނުމުން ވެސް ބޮޑު ބްރޭކެއް ނެގީ. އަސްލު ބޭނުންވީ ހަމަ ހުރިހާ ވަގުތެއްވެސް މަންމައަށް ހުސްކުރަން. މިހެން ބުންޏަސް ހަމަ ކޮންމެވެސް ވަރަކަށް ރައްޓެހިންނާއި އާއިލާއާ އެއްކޮށް ސިކުނޑި ހަމަޖައްސާލަން އެކި ކަންކަން ކޮށް އުޅުނިން. އެއީ ވަރަށް ސްޓްރެސްފުލް ދުވަސްކޮޅެއް." ފިރިމީހާއާއި ގާތް އެކުވެރިންނާއި ދުރުގައި ރަށުގައި ހޭދަކުރި ދުވަސްތައް ކިޔައިދެމުން ޝަޒީލާ ބުންޏެވެ.

ޝަޒީލާ ރަށުގައި ހޭދަކުރި 4 ވަރަކަށް މަސް ދުވަސްތެރޭގައި އޭނާގެ އެއްވެސް ޓިކްޓޮކެއް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝަޒީލާ އެދުވަސްތަކުގެ ވާހަކަ ކިޔައިދެމުން ބުނެފައިވަނީ އެއީ މުޅި ދިރިއުޅުން ބަދަލުކޮށްލި ދުވަސްތަކެއް ކަމުގައެވެ. މީހާގެ ގައިގައި ހުންނަން ޖެހޭ، އެހެން ނަމަވެސް ކުރިން ނެތް އެތައް ރީތި އާދަކާދަތަކެއް އެދުވަސްވަރު ގައިގައި އަށަގަނެގެން ދިޔަކަމަށް ޝަޒީލާ ބުންޏެވެ. ދިރިއުޅުމާ މެދު އިތުރަށް ލޯ ހުޅުވި މަންމަ ކޮށްދިން ކަންތަކާއި ގާތަށްވެސް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައިވީ ނަމަވެސް އޭގެ ބަދަލުގައި ކަންތައް ކޮށްނުދެވޭނެ ކަން ޔަގީންވި ކަމަށް ގަބޫލުކުރެވުނުކަމަށް ޝަޒީލާ ބުންޏެވެ.

"ޝަޒީ މިހާ ހިސާބަށް އައުމުގައި މަންމަ އަސްލު ވަރަށް ގިނަ ކަންތައް ކޮށްދިން. މަންމައާއި އެއްކޮށް އެންމެ ފަހުން ހޭދަކުރެވުނު 4 ވަރަކަށް މަސް ދުވަހު އަސްލު މަންމައަށްޓަކައި ވަރަށް ގިނަ ކަންތައް ކޮށްދިނިން. އެކަމަކު މަންމަ ކޮށްދިން ކަންތައްކުގެ ކުޑަ މިންވަރެއް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުންވެސް ނުލިބޭ. އަބަދުވެސް ބޭނުންވީ އިތުރަށް ކަންތައް ކޮށްދޭން." ޝަޒީލާ ކިޔައިދިނެވެ.

ޑިސެމްބަރު މަހާއި ކައިރިވިއިރު މަންމަ ގިނަ ގިނައިން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށާއި އެގޮތުން މަންމަ އެންމެ ފަހުން ހޮސްޕިޓަލަށް ކުރި ދަތުރަކީ ހަނދާނުން ފޮހެލަން ދަތި ދަތުރެއްކަމަށް ޝަޒީލާ ކިޔައިދިނެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލި ހިސާބުން މިގެއްލެނީ މަންމަގެ އިތުރުން ބައްޕަގެ ލޯބިވެސް ފާއިތުވި އަހަރު ތަކުގައި ދެމުން އައި ފަރާތްކަން އިހުސާސްކުރެވި ހިތް ކުދި ކުދިވި ކަމަށް ޝަޒީލާ ބުންޏެވެ.

"އެދުވަހު އިންސްޓަގްރާމް ސްޓޯރީއަށް ލިން މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅެމުން. އަސްލު އެދުވަހުގެ އިހުސާސްތައް ކިޔައިދޭން ވަރަށް ދަތި. އަދިވެސް މަންމަ ނިޔާވިއެކޭ ބުނާކަށް ބޭނުމެއް ނޫން، ހަމަ ހީވަނީ އެހެން ހުރެފައި މަންމަ އައިސްދާނޭ. އެދުވަހު ސަޕޯޓަރުންނާއި އެކި މީހުންގެ ފަރާތުން ލިބުނު ލޯތްބާއި ދިން ހިތްވަރު އަސްލު މިފުރުސަތުގައި ފާހަގަކުރަން ބޭނުން. އެ އެންމެންގެ ފަރާތުންވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ. " ޝަޒީލާ ކިޔައިދިނެވެ.

ޝަޒީލާ އިތުރަށް ބުނި ގޮތުގައި މަންމަ ނިޔާވުމާ އެކު ދިރިއުޅުން އިތުރަށް މަޑުޖެހިލި އެވެ. ފިރިމީހާއާއި އާއިލާގެ އިތުރުން ގާތް ރައްޓެހިންގެ ސަޕޯޓާއެކު މިހާރު މަޑު މަޑުން އަނެއްކާވެސް ކުރީގެ ޝަޒީލާ އަނބުރާ ހޯދުމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަޒީލާ ބުންޏެވެ.

"މިހާރު މަޑު މަޑުން އަނެއްކާވެސް ޓިކްޓޮކް އެބަ ކުޅެން. ކުރިއަށް އޮތްތަނުގައި ފޭނުން ހަމަ ބަލާހިތްވާނެ ފަދަ ގިނަ ޓިކްޓޮކް ތަކެއް ފެންނާނެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު ދެން މިވިސްނަނީ ދިރިއުޅުން ހަމަޖެހިލަންދެން ފްރީލާންސްކޮށް މޭކަޕްވެސް ކުރަން. މިހާރުވެސް މަޑު މަޑުން އެބައި ވެސް ކުރިއަށް ޖައްސަމުން މިއަންނަނީ." ހުޅުމާލޭގައި މިހާރު ދިރިއުޅެމުން އަންނަ ޝަޒީލާ އޭނާގެ ދިރިއުޅުމުގެ މިހާރުގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

އިންޓަވިއު ނިންމާލަމުން ޝަޒީލާއާ އެންމެ ގިނަ ބަޔަކު ކުރިންވެސް އަދި މިހާރުވެސް ކުރަމުން އަންނަ ސުވާލު އަޅުގަނޑުވެސް ކޮށްލީމެވެ. އެއްވެސް ވަރަކަށް ފިލްމަކުން ނުވަތަ ޓީވީ ސީރީސް އަކުން ނަމަވެސް ފެނިދާނެތޯއެވެ.

"ހަމަ އެންމެ ގިނައިން ހަޔާތުގައި މިހާތަނަށް ޖަވާބު ދެވުނު ސުވާލު ތިއީ. ނޫން. ނުފެންނާނެ އެއްވެސް ފިލްމަކުންވެސް، ޑްރާމާއަކުންވެސް، ޓީވީ ސީރީޒް އަކުންވެސް. އެކަމަކު އިޝްތިހާރުތަކުން، ޓީވީ ޕްރޮގްރާމްތަކުން ފެނުން އެކަށީގެންވޭ. ދެން އޭޒް ޔޫޝުއަލް، ޓިކްޓޮކުން ފެންނާނެ." ޝަޒީލާ ބުންޏެވެ.