ދުނިޔެ

ޗާލްސްގެ ކޮރޮނޭޝަން ހަފުލާގައި ޑަޔާނާގެ ކޮއްކޮ ބައިވެރިއެއް ނުވާނެ

އިމާދު ލަތީފު

އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީގޮތުން ތަޚުތުގައި ވެޑުވުމުގެ ހަފުލާ މިއަހަރުގެ މެއިމަހު ބާއްވާއިރު އެ ހަފުލާގައި ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ޗާލްސްގެ އަވަހާރަވެފައިވާ ކުރީގެ އަނބިކަނބަލުން ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު ޗާލްސް ސްޕެންސަރ ވިދާޅުވެއްޖެއެވެ.

ޗާލްސް ސްޕެންސަރ އަކީ އިނގިރޭސިވިލާތުގެ މިހާރުގެ ވަލީއަހުދު ޕްރިންސް ވިލިއަމްގެ ބޮޑުބޭބޭފުޅެވެ. އައުރަސްގެފާނުގެ ކޮރޮނޭޝަން ހަފުލާއަށް ދައުވަތު އެރުވޭނޭކަން ކަށަވަރު ބޭފުޅެކެވެ. މެއިމަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަފުލާއާމެދު ޗާލްސް ސްޕެންސަރގެ ރައުޔަކީ ކޮބައިތޯ ޓީވީ ޕްރޮގްރާމެއްގައި ކުރެވުނު ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ޒަމާނަށް ނުފެތޭ ބޯދާ ކަޓު ކަމެއް ކަމަށާއި އެ ހަފުލާގައި ބައިވެރިވުމުގެ ވިސްނުމެއް ނެތްކަމުގައެވެ.

އިނގިރޭސި ރަސްކަމުގެ އާދަކާދަތަކަކީ ގިނަ ބަޔަކު ހީކުރާކަހަލަ ރީތި އާދަތަކެއް ނޫންކަމަށާއި ޚާއްސަގޮތެއްގައި ޕްރިންސަސް ޑަޔާނާއާމެދު ކަންތައް ހިނގިގޮތުގެ ސަބަބުން އިނގިރޭސި ޝާހީ ގަނޑުވަރާމެދު ވަރަށް އެހެން ވިސްނުމެއްގައި ހުންނަން ޖެހިފައިވާ ކަމަށްވެސް ޗާލްސް ސްޕެންސަރ ވިދާޅުވިއެވެ.

ޕްރިންސަސް ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. މިއީ ޑަޔާނާ އަވަހާރަކޮށްލުމަށް ގަސްތުގައި ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މިކަމުގައި އިނގިރޭސި ޝާހީ އާއިލާގެ ދައުރެއް އޮވެދާނެ ކަމަށް ގިނަބަޔަކު ޝައްކުކުރިއެވެ. ޑަޔާނާ އަވަހާރަވިއިރު ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވީ މިސްރުގެ މީހެއްކަމަށްވާ ޑޯޑީ އަލްފާއިދާއެވެ.