Close
ޚަބަރު

ޖާބިރު މަޖިލިސް ރައީސަށް: އަޅުގަނޑަށް ނުދީއޮތް 11 މިލިޔަން ދޭން ގާސިމަށް ދަންނަވާލަދީ!

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަތުން، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް 11 މިލިޔަން ރުފިޔާ ނަގާފައިވާ ކަމަށާއި، އެ ފައިސާ ދިނުމަށް ގާސިމަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ޖާބިރު އެދި ވަޑައިގެންފިއެވެ.

ދިވެހި ދައުލަތުން ނެގި ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްވަމުން ޖާބިރު ވިދާޅުވީ، ސިޔާސީގޮތުން ރާއްޖޭގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޖާބިރު ވިދާޅުވީ، "އަޅުގަނޑު ސިއްރު ވާހަކައެއް އިއްޒަތްތެރި ރައީސް އަރިހު ދަންނަވާލަން ބޭނުންވޭ، ގާސިމާ ވަރަށް އެއްކޮށް ތި އުޅުއްވަނީ، އަޅުގަނޑު އަތުން ގާސިމް ނަގާފައިވާ 11 މިލިޔަން ރުފިޔާ މަނިކުފާނުވެސް މެދުވެރިވެގެން ރައީސް ވެސް މެދުވެރިކޮށް ނެގި ލާރި ކީއްވެހޭ ނުދީ މިއޮތީ، އެއީ ރައީސާ ވަރަށް ގާތުގަ މިހާރު އުޅުއްވާތީވެ ތިހާކައިރީގަ އުޅުއްވާތީ ދަންނަވާލެވޭނެތާ ގާސިމަށް، އަޅުގަނޑު ދަންނަވާ ދަންނަވާ އަޑެއްނީވުނު،" ކަމަށެވެ.

ޖާބިރުގެ އެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި އަމިއްލަ މަސްލަހަތާ ގުޅޭ ކަންކަމުގެ ވާހަކަ ދެއްކުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއްނޫން ކަމަށެވެ. އެހެންކަމުން އަމިއްލަ މަސްލަހަތުގެ ވާހަކަ ކުރިއަށް ގެންދަވާނީ ޝަރުއީ ކޯޓުތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރު ވާހަކަފުޅު ދައްކަވާއިރުގައި އަމިއްލަ މަސްލަހަތާ ގުޅޭ ކަންކަމުގެ ވާހަކަ ދެއްކުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއްނޫން، އެހެންވީމާ އަމިއްލަ މަސްލަހަތުގެ ވާހަކަ ޝަރުއީ ކޯޓުތަކުގައި ކުރިއަށް ގެންދަވާނީ،"

ދެން ޖާބިރު ވިދާޅުވީ، "ދިވެހި ރައްޔިތެއް ވީމާ އަޅުގަނޑުގެ މަސްލަހަތުވެސް މަޖިލީހުގެ ކޮންމެ ކަމެއްގައި އޮންނާނެތީ އެވާހަކަ ދަންނަވާލެވުނީ،" ކަމަށެވެ. އަދި އެމަގުން މަޖިލިސް ރައީސްވެސް ކަންތައް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.