ޓެކްސީތަކުގައި ކެމެރާ ހަރުކުރަން އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އާންމުކުރި "ޓެކްސީ ގަވާއިދު"ގައި ވަނީ ޓެކްސީ ތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭ ގޮތަށް ލާޒިމުކޮށްފައެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، އެ ގަވާއިދު ގެޒެޓުގައި ޝާއިކުރާ ދުވަހުން ފެށިގެން ހަ މަސް ފަހުންނެވެ. އެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަހެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިމަހުގެ 23 ވަނަ ދުވަހު އެ ގަވާއިދު އިސްލާހުކޮށް އަލުން ޝާއިއުކޮށްފައެވެ. އަލަށް ގެނައި އިސްލާހުގައި ވަނީ އެ ގަވާއިދަށް އަމަލުކުރަން ފަށާނީ ތިން މަސް ފަހުން ކަމަށެވެ.

"ޓެކްސީ ގަވާއިދު"ގައި ބަޔާންކޮށްފައިވަނީ ޓެކްސީ ހިދުމަތް ދިނުމުގެ މިންގަނޑާއި އުސޫލުތަކުގެ ތެރޭގައި ޓެކްސީ ކުރާ ކޮންމެ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓާއި ޓެކްސީ ޑްރައިވަރުގެ ލައިސަންސް، ޕަސިންޖަރަށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެކަށީގެންވާ މިންގަނޑަކަށް އުޅަނދު ސާފުތާހިރުކޮށް ބެހެއްޓުމާއި ޓެކްސީ ކާރުތައް އެއާކޮންޑިޝަން ކުރަންޖެހޭ ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކޮންޑިޝަން މަސައްކަތް ނުކުރާނަމަ، އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ދަތުރެއް ކުރަމުންދާ އިރު، ކުރަމުންދާ ދަތުރުގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރަށް ވުރެ ގިނަ ފަސިންޖަރުން ތިއްބައި، އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެއް ކަމަށާއި އަދި ސައިކަލް ޓެކްސީ ޑްރައިވަރުން ހިދުމަތްދޭ ވަގުތުތަކުގައި ޓެކްސީ ސެންޓަރުގެ ލޯގޯ ޖަހާފައި ހުރި ހެދުމެއް ލާން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

"ޓެކްސީ ގަވާއިދު" ގެ ދަށުން ވަނީ "ޕްރައިވެޓް ހަޔާ" ގެ ހިދުމަތް ހުއްދަކޮށްފައެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.

"ޓެކްސީ ގަވާއިދު" އާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެއް ކަމަށާއި އެފަދަ ކުށެއް ކޮށްފިނަމަ، ޖޫރިމަނާކޮށް އެ ފަރާތެއްގެ ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީ އަށް ލިބިގެންވާ ކަމަށްވެސް ގަވާއިދުގައިވެއެވެ.