ޔުނައިޓެޑް ނޭޝަންސް ހިޔުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރްސީ) ނުވަތަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެއިން މަސައްކަތްކުރާނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އަލަށް އެކުލަވާލި މެންބަރު ގައުމުތަކުގެ ފުރަތަމަ ބައްދަލުވުން ފެށުމުގެ ގޮތުން ޖެނިވާގައި ހުންނަ އދ. ގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކައުންސިލްގެ ހަގީގީ މަގުސަދު ހާސިލުވާނީ ހުރިހާ ގައުމަކަށްވެސް އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި އަޑު އުފުލުމަށް ހަމަހަމަ ފުރުސަތެއް ދިނުމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ ތިން ކަމެއްގެ މައްޗަށް ކަމަށާއި އެއީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން އަދި ޑިމޮކްރަސީއާއި ހިންގުން ހަރުދަނާ ކުރުމުގެ މައްޗަށް ކަމަށެވެ. ޝާހިދު ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް ހިންގުމަށް ރާއްޖެއިން އެންމެ އިސްކަން ދޭނީ އެކަންތައްތަކަށް ކަމަށެވެ.
"އަންހެނަކަށް ވިޔަސް، ޒުވާނަކަށް ވިޔަސް، ކުޑަ ގައުމަކަށް ވިޔަސް، އެ އެންމެންނާއެކު މި ކައުންސިލް ހިންގުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭނެ ކަމަކީ" ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގެން ގެންދަވަނީ ރާއްޖެއާއި ދުނިޔޭގެ ގައުމުތަކުގައި ހެޔޮ ވެރިކަމާއި ޑިމޮކުރަސީ ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރުމުގެ ގޮތުން ރާއްޖެއިން ވަނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ.
ތަރައްގީގެ މަގުގައި ރާއްޖެ ކުރިއަރައިދާއިރު ވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރަން ވިސްނަން ޖެހޭ ކަމަށާއި އެކަމަށް ރާއްޖެއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންކަމަށް އޭނާ ވިދާޅުވިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސަކަށް ރާއްޖޭގެ ފަރާތުން މިދިޔަ އަހަރު ވަނީ ޑރ. އާސިމް އަހުމަދު އިންތިހާބުކޮށްފައެވެ. ރާއްޖޭގެ އިތުރުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްކަމަށް އިންތިހާބުވީ ބޮލީވިއާ، ލަކްސަމްބާގް އަދި ގަމްބިއާއެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ ޗެކް ރިޕަބްލިކްގެ ބޭފުޅެކެވެ.
އެ ބޭފުޅުން އެ ކައުންސިލް ހިންގަވަން ފައްޓަވާނީ މިއަދުން ފެށިގެންނެވެ. އެ ބޭފުޅުންގެ ދައުރަކީ ތިން އަހަރެވެ.