ޓެކްނޮލޮޖީ

ގެލެކްސީ އެސް23 ގެ ބެޓެރީގެ މޮޅުކަން ހާމަވާ އާދަޔާ ހިލާފު ވާހަކަތަކެއް!

އާދަމް ނަސީރު

ސެމްސަން ކުންފުނީގެ ގެލެކްސީ އެސް23 އަލްޓްރާ އަކީ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނެވެ. ގެލެކްސީ އެސް 23އަލްޓްރާ ސްމާޓްފޯނުގައި ހުރި 5،000 އެމްއޭއެޗްގެ ބެޓެރިން ހިފަހައްޓަނީ ކިހާ އިރަކުތޯ ބެލުމަށް ކުރި ޓެސްޓުތަކުން ގިނަ ބަޔަކު ވަނީ ހައިރާވެފައެވެ.

މީގެ ކުރިންވެސް 5000 އެމްއޭއެޗް ނުވަތަ މިލިއެމްޕަޔަރުގެ ފޯނުތައް ސެމްސަން ކުންފުނިންވަނީ ނެރެފައެވެ. އެހެން ނަަމަވެސް ބެޓެރީގެ ފެންވަރާއި އެ ބެޓެރި ހެޔޮ ގޮތުގައި ބޭނުންކޮށް ރަނގަޅު ފައިދާ ނަގާ ފުރަތަމަ ސްމާޓްފޯނަކީ އެސް23 ކަމަށް މިހާރު ވަރަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އޭގެ ބެޓެރީ ލައިފް މޮޅު ކަމަށާއި އަދި މި ފޯނު ބޭނުން ކުރަމުން އަންނައިރު، ބެޓެރީ ހިފަހައްޓާ ގޮތާއި ފޯނުގެ އެކިއެކި ކަންކަމަށް ބެޓެރީގެ ހަކަތަ ބޭނުންކުރާ ގޮތް ރަނގަޅުވަމުން އަންނައިރު، ފޯނުގެ އެކި އެކި އެޕްލިކޭޝަންތަކަށް ބެޓެރީގެ ހަކަތަ ދިނުމުގައި އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން އޭއައި ޓެކްނޮލޮޖީން ފައްކާކޮށްފައިވާ ގެލެކްސީ އެސް23 އަލްޓްރާ ފޯނުގެ 13 ޕަސެންޓު ޗާޖު ބާކީ އޮއްވާ، ދެ ދުވަހާއި ހަތް ގަޑިއިރު އެފޯނު ނުނިވި ބޭނުން ކުރެވިފައިވެއެވެ. އެންމެ 13 ޕަސެންޓު ޗާޗުން 2 ދުވަހު ފޯނުގެ ބޭނުން ކުރެވޭކަމަށް ދެއްކުމަކީ ގިނަ ބަޔަކު ހައިރާން ކުރުވި ކަމެކެވެ. މިދެންނެވި ފޯނުގެ ވައިފައިވެސް ކޮންމެވެސް ވަރަކަށް ބޭނުން ކޮށްފައިވާ އިރު 2 ގަޑި އިރު ނޯމަލް ވޮއިސްކޯލް ކުރެވިފައިވެއެވެ. އެންމެ 13 ޕަސެންޓު ޗާޖުން ފޯނު ނުނިވި މިވަރަށް ހިފެހެއްޓުމަކީ ބޮޑު ހައިރާންކަމެއް ގެނުވިކަމެކެވެ.

އެއީ ފްލެގްޝިޕް ސެމްސަންގް ގެލެކްސީ ސްމާޓް ފޯނަކަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ. އާންމު ފޯނެއްގެ ބެޓެރީ ކެޕޭސިޓީއާ އެއްވަރު ބެޓެރީއެއް އަޅުވާފައިވާ އެސް23 އަލްޓްރާ ފްލެގްޝިޕް ފޯނުގެ ބެޓެރީ މިހާ ފުރިހަމައަށް ބޭނުން ކުރުމުން އެ ބެޓެރީ ހުސްވާ ވަގުތު މިހާ ފުރިހަމަކޮން ހުރެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރި ނަމަވެސް ގެލެކްސީ އެސް23 އަލްޓްރާއިން އެ ވިސްނުން ގޯސްކަން މިވަނީ ސާބިތުކޮށްދީފި އެވެ. ކުއަލްކޮމް އާއި ސެމްސަންގް ޕާޓްނަޝިޕާއި ކަސްޓަމް ގެލެކްސީއަށް އެކަނި ބޭނުންކުރާ ސްނެޕްޑްރެގަން 8 ޖެން 2 ޕްރޮސެސަރުގެ މަސައްކަތް އަޖައިބު ކުރުވަނިވި ގޮތަކަށް ކުރިއަށްދާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

ހަގީގަތުގައި އެސް23 އަލްޓްރާގެ ބެޓެރީ ހިފަހައްޓާ ވަރު ދިގުވުމުގެ ސަބަބުން ގެލެކްސީ އެސް23 އެއްފަހަރު ޗާޖުކޮށްލުމުން އެ ފޯނު ނުނިވި ކިހާ ދުވަހަކު އޮވެދާނެތޯ ބެލުމަށްވެސް ގިނަ ބަޔަކުވަނީ ޝައުގުވެރިވެފައެވެ. ފޯނު ފުލްކޮން ޗާޖު ކުުރުމަށްފަހު ބޭނުން ނުކޮށް ބޭއްވުމުން އެފޯނު ނުނިވި އޮންނަ މުއްދަތު ބެލުމަށް މިހާރު އަންނަނީ ޓެސްޓްތައް ހަދަމުންނެވެ. ގެލެކްސީ އެސް23 ގެ ތިން މޮޑެލްގައި ވެސް އެއްގޮތް އޮޕްޓިމައިޒޭޝަންތަކެއް ހުރި ނަމަވެސް ހަގީގީ އިމްތިހާނެއް ނެތި، މިދިޔަ ހަފުތާއެއްހާ ދުވަހު ގެލެކްސީ އެސް23 އަލްޓްރާ ބޭނުން ކުރުމަށްފަހު ގިނަ ބަޔަކު ބުނަމުން އަންނަނީ މި ފޯނަކީ ބެޓްރީގެ ހަކަތަ އެންމެ ފުރިހަމައަށް ބޭނުންކުރާ ފޯނު ކަމަށާއި މި ފޯނުގެ ޕުރޮސެސަރުތައް ހިންގުމުގައި ބެޓެރީ ކުޅޭ ފުރިހަމަ ދައުރުގެ ސަބަބުން ބޮޑު އުންމީދެއް ލިބިފައިވާ ކަމަށެވެ.

ގިނަ ދުވަހު ފޯނު ޗާޖުނުކޮށް ބޭނުން ކުރުމަށް އެދޭ ގިނަ މީހުންގެ އުންމީދީ ވިސްނުން މާޔޫސްކަމަށް ބަދަލުވިޔަ ނުދީ ހިފަހައްޓާލީ މި މޮޅު ފޯނުން ކަމަށް މިހާރު ނިންމިދާނެއެވެ.