ތައިލެންޑްގައި ކުރިއަށްދާ އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި މިއަދު ބަހްރޭން އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

މިއަދު އޭއައިޓީ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 292 ލަނޑުންނެވެ.

ފުރަތަމަ މެޗުގައި 27 ލަނޑުން އިރާން ކައިރިން މޮޅުވެފައި އޮވެ ރާއްޖެއިން މިއަދުގެ މެޗަށް ނުކުތް އިރު، ރާއްޖެއަށް ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ބަހުރޭނުން ބެޓިންނަށް ނުކުމެ، 50 އޯވަރުގެ ތެރޭގައި ވަނީ 380 ލަނޑު ހަދައިފައެވެ. ބަހްރޭންގެ ޝަހްބާޒް ބާދަރު 144 ބޯޅައިން 178 ލަނޑު ހަމަކުރި އިރު، ޖުނައިދު އަޒީޒުވެސް ވަނީ 75 ލަނޑު ހަދައިފައެވެ. ރާއްޖެއިން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި އިބްރާހީމް ހަސަނެވެ.

ދެވަނަ އިނިންގްސްއަށް ރާއްޖެއިން ކުޅެން ނުކުމެ، 31.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 88 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު މުހައްމަދު މަހުފޫޒް ވަނީ 41 ބޯޅައިން 35 ލަނޑު ހަދައިފައެވެ.

އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު، ގްރޫޕުގެ ގަދަ ދެ ޓީމް ސެމީ ފައިނަލަށް ކޮލިފައިވާނެއެވެ. އަދި ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ.

ބަހްރޭން އަތުން ބަލިވި ނަމަވެސް ރާއްޖެއަށް އަދިވެސް ސެމީ ފައިނަލްގެ ފުރުސަތު އޮތީ ފަހިކޮށެވެ. އަންނަ އަންގާރަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު މޮޅެއް ހޯދައިގެން ރާއްޖެއަށް ސެމީއަށް ދިޔުމުގެ ފުރުސަތު އޮތް އިރު، ބޫޓާން އޮތީ ބަހްރޭނާއި އިރާން އަތުންވެސް ބަލިވެފައެވެ.