މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައި، އެމްޑީޕީއާއެކު ކުރިއަށްދިއުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔެންސް (އެމްޑީއޭ) އިން ނިންމުމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކޯލިޝަނުން މަސައްކަތް ކުރާނީ ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީ އާއި ކުރިއެރުމަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީ އާި ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް،" ރައީސް ވިދާޅުވިއެވެ.

ޗަމްޕާ ހޮޓެލްގައި މިއަދު ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ހުށަހެޅުއްވީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ވޯޓާއެކުއެވެ. އެ ހުށަހެޅުމަށް ނުފެންނަ ކަމަށް ވޯޓު ދިނީ ދެ މެންބަރެކެވެ.

އެމްޑީއޭ އަކީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމި ދެވަނަ ޕާޓީއެވެ. މީގެ ކުރިން މިދިޔަ ބުދަ ދުވަހު އަދާލަތު ޕާޓީން ވެސް ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމައިފައެވެ.

ރައީސް ސޯލިހު ވަނީ ކޯލިޝަން ހެދުމަށް އެމްޑީއޭ އާއި އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ވެސް ސިޓީފުޅެއް ފޮނުއްވައިފައެވެ. އޭގެ ތެރެއިން އެމްޑީއޭ ފިޔަވައި، ދެން ހިމެނޭ ޕާޓީތަކަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކެވެ.

ކޯލިޝަން ހެދުމާ މެދު ޖޭޕީން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެޕާޓީގެ ގައުމީ ކޮންފަރެންސްގައެވެ. އަދި އެމްއާރުއެމުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މިވަގުތު ސިންގަޕޫރުގައި ހުންނެވި އެޕާޓީގެ ޒައީމް، ރައީސް މައުމޫން އަބްދުލްޤައްޔޫމް ރާއްޖެ ވަޑައިގަތުމުންނެވެ.