ތައިލެންޑްގައި މިއަދު ފެށި އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ރާއްޖެއިން އިރާން ބަލިކޮށްފިއެވެ.
މިއަދު ކުޅުނު މެޗުގައި ރާއްޖެއިން އިރާން ބަލިކުރީ 27 ލަނޑުންނެވެ.
މިއަދު ތައިލެންޑްގައި ފެށި އޭސީސީ މުބާރާތަކީ އޯޑީއައި ފޯމެޓަށް ކުޅޭ 50 އޯވަރުގެ މުބާރާތުކެވެ. މުބާރާތުގައި ރާއްޖެ ހިމެނެނީ ބަހްރެއިން، ބޫޓާން އަދި އިރާނާ އެއް ގްރޫޕެއްގައެވެ. މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ނިންމާފައިވާ އިރު، އަނެއް ގްރޫޕްގައި ހިމެނެނީ ސައުދީ އަރަބިއާ އާއި އިންޑޮނޭޝިއާ، ތައިލެންޑް އަދި މިޔަންމާއެވެ.
ޓެރްދްތާއީ ކްރިކެޓް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވީ ރާއްޖެ އަށެވެ. ޓޮސް ދިމާވުމުން ރާއްޖެއިން ނިންމީ ބެޓް ކުރުމަށެވެ.
ރާއްޖޭން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު، 31.2 އޯވަރުގެ ތެރޭގައި ވަނީ 157 ލަނޑު ހަދައިފައެވެ. މެޗުގައި ރާއްޖޭގެ ކެޕްޓަން އާދަމް ނާސިފް (އާދަޅޭ) ވަނީ ބެޓްކުރަން އަރައި، 40 ބޯޅައިން 58 ލަނޑު ހަދައިފައެވެ. ދެން ރާއްޖެ ޓީމަށް ބެޓިންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ލަނޑު ހެދި، އިބްރާހިމް ރިޒާން އާއި ނުބައިނުވެ، 17 ލަނޑު ހެދި ޝުނާން އަލީއެވެ.
ބަދަލުގައި ކުޅެން އަރައި އިރާނަށް 42.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. ބޯލިންގައި އާދަޅޭ އާއި ހަސަން އިބްރާހިމް ވަނީ ކޮންމެ ކުޅުންތެރިއަކު ހަތަރު ވިކެޓް ނަގައިފައެވެ.
އޭސީސީ ޗެލެންޖާސް ކަޕްގައި ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު، ގްރޫޕުގެ ގަދަ ދެ ޓީމް ސެމީ ފައިނަލަށް ކޮލިފައިވާނެއެވެ. އަދި ފައިނަލަށް ހޮވޭ ދެ ޓީމް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ.
ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ބައްދަލު ކުރާނީ ބަހްރޭނާއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް