މަޝްހޫރު ލަވަކިޔުންތެރިޔާ ރޮބާޓް ސިލްވެސްޓާ ކެލީ (އާރް ކެލީ) އަށް އިތުރު 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމާއި ކުޑަކުދިންގެ އޮރިޔާން ކާޑު ހެދި މައްސަލައެއްގައި މިހާރުވެސް އާރް ކެލީ އަންނަނީ 30 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ރެޕް ލަވަ ކިޔުމުން މަޝްހޫރުކަން ހޯދާފައިވާ އާރް ކެލީއަށް އިއްޔެ ކުރެވުނު 20 އަހަރުގެ ޖަލު ހުކުމަކީ ކުޑަކުދިންގެ އޮރިޔާން ކާޑު ހެދިކަމުގެ މައްސަލަ ސާބިތުވެ ކޮށްފައިވާ ހުކުމެކެވެ. މިހުކުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އާރް ކެލީގެ ވަކީލު ހެރީ ޑީ ލެއިނެންވެބާ ވިދާޅުވެފައިވަނީ އިއްޔެ ކުރި 20 އަހަރުގެ ހުކުމް މިހާރު އޭނާ ތަންފީޒު ކުރަމުން އަންނަ 30 އަހަރުގެ ހުކުމުގެ ތެރެއިން ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ކާމިޔާބުވާނެ ކަމުގެ ވަރަށް އުއްމީދު ބޮޑު ކަމަށްވެސް ވަކީލު ހެރީ ވަނީ ވިދާޅުވެފައެވެ.
އާރް ކެލީގެ އޮރިޔާން ކާޑު ހެދުމާއި ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލަ ފެންމަތިވެ އިދާރާތަކަށް މައްސަލަ ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އަށް ވަނީ ފުރަތަމަ ހުކުމް ކުރެވިފައެވެ. މި މައްސަލައިގައި އާރް ކެލީގެ ކުރީގެ ރައްޓެއްސެއްގެ އަންހެން ދަރިފުޅު ކޯޓުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ އަށް އާރް ކެލީގެ ފަރާތުން އެންމެ ފުރަތަމަ ޖިންސީ ގޯނާ ލިބިފައިވަނީ އުމުރުން 14 އަހަރުގައި ކަމަށެވެ. އޭނާގެ މައިންބަފައިންނާ އެއްކޮށް އާރް ކެލީއާ ކުރެވުނު އެކި ބައްދަލުވުންތަކުގައި އާރް ކެލީ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށްވެސް އެ އަންހެން ކުއްޖާ ވަނީ ބުނެފައެވެ. އަދި އަހަރުތަކެއް ފަހުން އާރް ކެލީ ގަދަކަމުން އޭނާ އަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށްވެސް އެ އަންހެން ކުއްޖާ ވަނީ ކޯޓުގައި ބުނެފައެވެ.
ކޯޓުގެ ގާޒީ އެ އަންހެން ކުއްޖާ އާއި އާރް ކެލީ ކުރަމުން އައި ގޯނާތަކަށް ނޫނެކޭ ބުނެ ދެކޮޅު ހެދިތޯ އަދި އެވާހަކަ މައިންބަފައިން ކައިރީ ނުބުނީ ކީއްވެތޯ ސުވާލު ކުރުމުން އެއީ މައިންބަފައިންނާ ގާތް އަދި އިތުބާރު ކުރެވޭ ރައްޓެއްސެއް ކަމަށްވުން އެވާހަކަ ބުނަން ޖެހިލުންވީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އަންހެން ކުއްޖާގެ އުމުރުން 16، 17 އަހަރުގެ ތެރޭގައި އާރް ކެލީގެ ގޭގައި ބާބަކިއު ހެދުމަށް ރައްޓެހި އެހެން އަންހެން ކުދިންނާ އެއްކޮށް އަންނަން ދައުވަތުދީފައިވާ ކަމަށްވެސް އެ އަންހެން ކުއްޖާ ވަނީ ކޯޓުގައި ބުނެފައެވެ. އަދި އެކި ފަހަރު މަތިން އޭނާއާ އެއް އުމުރެއްގެ އެހެން އަންހެން ކުދިންނަށްވެސް އާރް ކެލީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެ އަންހެން ކުއްޖާ ވަނީ ކޯޓުގައި ބުނެފައެވެ. އެގޮތުން ކޯޓުގައި އެ ބައްދަލުވުންތަކުގައި ބައިވެރިވި އެހެން އަންހެން ކުދިންވެސް ވަނީ ކޯޓުގައި އެގޮތަށް އާރް ކެލީއާ ދެކޮޅަށް ހެކިބަސް ދީފައެވެ.
އުމުރުން 55 އަހަރުގެ އާރް ކެލީ އަށް 30 އަހަރުގެ ހުކުމެއް ކޮށްފައިވާ އިރު، ގިނަ ގައުމުތަކުގައި 30 އަހަރުގެ ހުކުމް ބަލައި އުޅެނީ އުމުރަށް ޖަލަށްލުމަށެވެ.