Close
ސްޕެއިން

އާ ކޯޗުގެ ހިތްދަތިވި ފޯނު ކޯލަކާއެކު ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ސްޕެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ، ޑިފެންޑަރު ސާޖިއޯ ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

ގައުމީ ޓީމަށް 180 މެޗު ކުޅެދީފައިވާ ރާމޯސް ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާން ކުރީ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ހާއްސަ މެސެޖަކާ އެކުގައެވެ. މެސެޖުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވެފައި ވުމުން، ކުޅުމުގެ ފެންވަރަކަށް ބެލުމެއް ނެތި ޓީމުން ބޭރުކޮށްލުމުން މާޔޫސްވާ ކަމަށެވެ.

ރާމޯސް ބުނީ ސްޕެއިނާ އަލަށް ހަވާލުވި ކޯޗު ޑެ ލަ ފުއެންޓޭގެ ފޯނު ކޯލެއް މިއަދު ހެނދުނު ލިބުނު ކަމަށާއި ގައުމީ ޓީމަށް އޭނާއާއެކު ޕްލޭނެއް ނެތް ކަމަށް ކޯޗު ބުނެފައިވާ ކަމަށެވެ. އަދި ކްލަބު ފުޓުބޯޅައިގައި ކިތަންމެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ގައުމީ ޓީމުން ފުރުސަތު ނެތް ކަމަށް ކޯޗު ފާހަގަކުރި ކަމަށްވެސް ރާމޯސް ބުންޏެވެ.

ރާމޯސް ހިތްހަމަނުޖެހި އިތުރަށް ބުނީ ގައުމީ ޓީމާއެކު އިތުރަށް ކުރިއަށް ދާން ބޭނުންވި ނަމަވެސް، އެ މާހައުލެއް ޓީމުގައި ތަނަވަސްވެފައި ނުވާ ކަމަށެވެ. ރާމޯސް ބުނީ ސްޕެއިނާއެކު މިހާތަނަށް ހޯދުނު ކާމިޔާބީތަކަށް ބަލާ އިރު، އޭނާއަށް އެއަށްވުރެ ރަނގަޅަށް، އަމިއްލައަށް ބޭނުންވެގެން ކެރިއަރު ނިންމާލުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަން އަމިއްލަ އިހުތިޔާރުގައި ކެރިއަރު ނިންމާލަން ފުރުސަތު ލިބެން ޖެހޭނެކަމަށް. އެއީ ކުޅުން ދަށްވެގެން ކަމުގައިވީ ނަމަ މައްސަލައެއް ނެތް. އެކަމަކު ކުޅުމަށް ނުބަލައި، އުމުރުން ދުވަސްވި ކަމަށް ބުނެ ގައުމީ ޓީމުގެ ކެރިއަރު ނިންމާލަން ޖެހުމަކީ މާޔޫސްވީ ކަމެއް،" ރާމޯސް ބުންޏެވެ.

ރާމޯސް ބުނީ ރަނގަޅަށް ކުޅެވޭނެނަމަ އުމުރަކީ ކެރިއަރަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އުމުރަކީ އެ ހާލަތުގައި ނަންބަރެއް އެކަނި ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަން ފާހަގަކޮށް ރާމޯސް ވަނީ ލިއޮނަލް މެސީއާއި ލޫކާ މޮޑްރިޗްގެ އިތުރުން ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭގެ ނަންވެސް ފާހަގަކޮށްފައެވެ.

ރާމޯސް ބުނީ ހިތާމައިގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ސްޕެއިންގެ އެއް ނަންބަރު ސަޕޯޓަރުގެ ގޮތުގައި ހުންނާނެ ކަމަށާއި، އެތައް ކާމިޔާބީއަކާއެކު ސްޕެއިނުން އޭނާއަށް ހިނުތުންވުން ގެނުވި ކަމަށެވެ. އަދި ނިމުން އިންސާފުވެރި ނޫން ނަމަވެސް ކަރުއެލުވާލައި، އިސްދަށަށް ޖަހައިގެން ހުންނަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ހިތްހަމަޖެހުމާއެކު ކެރިއަރުގެ ފަހުބައި ހޭދަކޮށްލަން ކަމަށް ރާމޯސް ބުންޏެވެ.

ސްޕެއިންގެ ޒުވާން ހުރިހާ އުމުރުފުރާއެއްގެ ޓީމުތަކަށްވެސް ކުޅުނު ރާމޯސް، ގައުމީ ސީނިއާ ޓީމަށް ނުކުތީ 2005 ވަނަ އަހަރުއެވެ. ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ކުޅުންތެރިޔާ ރާމޯސް ސްޕެއިނާއެކު ހޭދަކުރި ދުވަސްތަކަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ކާމިޔާބު ދުވަސްތަކެވެ. ސްޕެއިނުން 2008 ވަނަ އަހަރު ޔޫރޯއާއި 2010 ވަނަ އަހަރު ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ ޖެހިޖެހިގެން ކާމިޔާބުކުރި ޓީމުގައި ރާމޯސްގެ ދައުރު ބޮޑެވެ.

ރާމޯސްއަކީ ޑިފެންޑަރެއް ނަމަވެސް އޭނާ ވަނީ ސްޕެއިން ޖާޒީގައި 23 ގޯލު ޖަހައިދީފައެވެ.