ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށްދިއުމަކީ ފަހި ފުރުސަތެއް ކަމަށް ވިސްނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުންނާއެކު، ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު، "ވަން" އަށް މައުލޫމާތުދެއްވަމުން އަލީ މައުރޫފު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާކުރުމަށް އެމްޑީއޭގެ ރައީސަށް އެންމެ ފުރަތަމަ ސިޓީފުޅެއް ފޮނުއްވީ ރައީސް ސޯލިހު ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އެހެންވީމަ ރައީސްގެ ސިޓީފުޅަށް އިޖާބަދިނުމުގެ ގޮތުން އެންމެ ފުރަތަމަ މި މަޝްވަރާތައް ބޭއްވީ އެމްޑީޕީއާ. 2023 ގައި އެމްޑީއޭގެ ރައީސް ސިޔާމް ނިކުމެވަޑައިނުގަންނަވާ ގޮތަށް އޮތީ، އެހެންވީމަ އިއްޔެ ގައުމީ މަޖިލީހުން ނިންމީ ކޯލިޝަނަކާއެކު ކުރިއަށް ދިއުމަށް،"
މައުރޫފް ވިދާޅުވީ، އެމްޑީއޭގެ މައިގަނޑު ވިސްނުމަކީ ކޯލިޝަނެއްގައި ދަތުރު ކުރާއިރު އެންމެ ރަނގަޅު ހުށަހެޅުމެއް ލިބޭ ބަޔަކާއެކީގައި ކުރިއަށް ދިއުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ މިވަގުތު ގައުމަށް އެންމެ ފައިދާހުރި، އެންމެ ރަނގަޅު، ސިޔާސީގޮތުން އެންމެ ހަމަޖެހޭ ގޮތަކަށް ކަންތައްތައް ވެގެން ދިއުމަށް."
ރައީސް ސޯލިހުގެ މަންދޫބުންނާއެކު، ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެމްޑީއޭގެ ހުރި ކަންބޮޑުވުންތައްވެސް ހުށަހަޅާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަަރަށްބޮޑަށް ވިސްނަން ހަމަހިމޭންކަމާއެކު ސިޔާސީ މަސްރަހު ބޭއްވުމަށް، އެއީ އަޅުގަނޑުމެންގެ ރައީސަކީ ވަރަށްބޮޑަށް ގައުމީ ވިޔަފާރިވެރިއަކަށްވާތީ ގައުމުގެ ހަމަޖެހުމާއެކު ވިޔަފާރިވެސް، ގައުމުގެ އިގުތިސާދުވެސް ކުރިއަށްދިއުންވެސް އޮތީ،"
ޚަބަރު
ޚަބަރު
ޚަބަރު