ވ. އަތޮޅު ކަނޑުން މިދިޔަ މަހު ފެނުނު ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ، މުހައްމަދު ލިޓަންގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން އެ ހަށިގަނޑު ފެނުނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ހަށިގަނޑު ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެ ކާކުކަން ނޭނގޭވަރުވެފައިކަމުން އެއީ ކާކުކަން ދެނެގަތުމަށް ޑީއެންއޭ އެނަލިސިސް ހެދުމަށް ހަށިގަނޑުން ސާމްޕަލް ނެގިއެވެ. އަދި މި މަހުގެ ކުރީކޮޅު ހަށިގަނޑު ވަނީ ވަޅުލައިފައެވެ.

އެ ހަށިގަނޑު ފެނުނުއިރު، އެ ދުވަސްވަރު ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ދެ މީހަކު ގެއްލިގެން ފުލުހުން ދިޔައީ ހޯދަމުންނެވެ. އޭގެ ތެރެއިން އެ ބޯޓުން ދަތުރު ކުރި މުހައްމަދު ނިޒާމު، 45، ގދ. ތިނަދޫ/މަނާރު މާލެ ތެރޭގައި އުޅެނިކޮށް ފެނިގެން ވަނީ ހައްޔަރުކޮށްފައެވެ. އެހެންވެ، އެ ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްވެސް ކުރިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، އެ ހަށިގަނޑަކީ ތެޔޮބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ނޫންކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

"އެ ހަށިގަނޑަކީ، އޮޔާއެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަނޭޝަނަލް ޕާޓްނާސްއާ ދަނީ ވާހަކަ ދެކެވެމުން،" އެ މެސެޖްގައި ފުލުހުން ބުންޏެވެ.