ލައިފް ސްޓައިލް

ދުވާލަކު ބިހެއް ކެއުމުން ކޮލެސްޓްރޯލް މަތިވޭތަ؟

އިބްރާހިމް އަލީފް

ކުކުޅު ބިހަކީ އިންސާނުންގެ ހަށިގަނޑަށް ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އާއި ހަށިގަނޑުގެ އެތެރޭގައި ހުންނަ ހަށިގަނޑަށް ގެއްލުން ލިއްބައިދޭ މާއްދާތައް ހަށިގަނޑުން ބޭރު ކުރުމުގައި ބިސް ބޮޑު ރޯލެއް އަދާކުރާއިރު ބިހަކީ ހަށިގަނޑަށް ފައިދާހުރި އިތުރު އެތައް މާއްދާތަކެއްވެސް ލިއްބައިދޭ އެއްޗެކެވެ.

ހަށިގަނޑުގައި ޕްރޮޓީން ހުންނަ މިންވަރު ދަށް ނަމަ ނުވަތަ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ ފުރަތަމަ ކެއުމަށް ލަފާދޭ އެއްޗަކީ ބިހެވެ. އެހެން ނަމަވެސް ބިހުގެ ސަބަބުން އިންސާނުންގެ ހިތުގެ ދުޅަހެޔޮ ކަމަށް ކުރާ އަސަރާއި ހަށިގަނޑުން ބަރުދަން ލުއި ކުރުމުގައި ބިސް އަދާކުރާ ދައުރަކީ މިއަދު މިފަދަ ކަންތައް ދިރާސާކުރާ ގިނަ ސައިންޓިސްޓުން ދެބަސްވާ ނުވަތަ ބަހުސްކުރާ މައްސަލައެކެވެ.

ހަށިގަނޑަށް ބޭނުންވާ އެހެން މާއްދާތައްވެސް އެންމެ އެކަށޭނެ މިންވަރަށް ކައިހަދާ މީހަކު ބަރުދަން ލުއި ކުރުމަށް ނުވަތަ ބަރުދަން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ބިސް ކެއުމަކީ އެދެވޭ ކަމެއް ކަމުގައި ގިނަ ސައިންޓިސްޓުން އެއްބަސްވި ކަމުގައިވީ ނަމަވެސް ބިހުގައި ހިމެނޭ ސަރުބީގެ މިންވަރަކީ ކަންބޮޑުވާން ޖެހޭ ފަދަ މިންވަރެއް ކަމަށްވެސް އެމީހުން އެއްބަސްވެއެވެ.

އިންޑިއާގެ މުމްބާއީގައި ދާދިފަހުން ވަނީ ކުކުޅު ބިހާއި އެ ކެއުމުން އިންސާނުންގެ ހަށިގަނޑަށް ކުރާ އަސަރާ ގުޅޭ ގޮތުން ދިރާސާއެއް ކޮށްފައެވެ. ބިސް ކެއުމުން އިންސާނުންގެ ހަށިގަނޑުގެ ސަރުބީ މަތިވޭތޯ ބެލުމަށް ކުރެވުނު މި ދިރާސާގައި އެކި އުމުރުގެ ދެ ޖިންސުގެ މީހުން ބައިވެރިކޮށްފައިވާއިރު ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެކި ދުވަސް މަތިން އެކި މިންވަރަށް އެމީހުންނަށް ބިސް ކާންދީގެންނެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ބިހުގެ ސަބަބުން ސަރުބީ މަތިވާކަމަށް ދިރާސާގެ ނަތީޖާ ދައްކައިފައިވަނީ ދިރާސާގައި ބައިވެރިވި ވަރަށް މަދު އިންސައްތައެއްގެ މީހުންގެއެވެ. ސަރުބީ މަތިވާ ކަމަށް ދެއްކި މީހުންގެ ސަރުބީ މަތިވެފައިވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި ކަންބޮޑުވާންޖެހޭ މިންވަރެއް ނޫންކަމަށްވެސް ދިރާސާގެ ނަތީޖާއިން ހާމަކޮށްދެއެވެ.

އެހެން ނަމަވެސް، ދިރާސާ ކުރި ސައިންޓިސްޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ހަށިގަނޑުގައި ސަރުބީގެ މިންވަރު މަތިކޮށް ހުންނަ ފަރާތްތަކުން ބިސް ކެއުމުގެ ކުރިން ޑޮކްޓަރުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން އާއިލާގައި ހިތުގެ މައްސަލަ، ލޭގެ ޕްރެޝަރު މަތިވުން ފަދަ މައްސަލަތައް ހުންނަ މީހުންވެސް އާންމު ގޮތެއްގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ބިސް ހިމެނުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދިރާސާކުރި ސައިންޓިސްޓުން ވަނީ ލަފާދީފައެވެ.

ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާއަށް ބިސް ކައި އުޅޭ މީހުންގެ ހަށިގަނޑުގައި ހުންނަ ކެލޮރީސްގެ މިންވަރު އެގޮތަށް ގަވައިދުން ބިސް ކައި ނޫޅޭ މީހުންނާ އަޅައި ބަލާރު ދަށް ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ. ދުވާލުގެ ކެއުމުގައި ބިސް ބޭނުން ކުރުން އެންމެ ރަނގަޅު ވަގުތެއް ކަމުގައި ދިރާސާތަކުން ދައްކާފައިވަނީ ހެނދުނުގެ ނާސްތާއަށެވެ. އެގޮތުން ދުވާލުގެ އެހެން ވަގުތުގެ ކެއުންތަކާއި ހާއްސަ ގޮތެއްގައި ތަރުކާރީ ހިމަނައިގެން ތައްޔާރު ކުރާ ކާބޯތަކެއްޗާ އެކު ބިސް ކެއުމަކީ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބިދޭ ކަމެއް ކަމަށްވެސް ދިރާސާ އިން ވަނީ ދައްކާފައެވެ.