އއ. މަތިވެރިން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަތިވެރިން ހޯދަމުން ދަނީ، އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) އެވެ. އޭނާއަކީ އުމުރުން 73 އަހަރުގެ މީހެކެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަސަންފުޅު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށާއި އޭނާ ގެއްލިގެން އުޅޭ މައްސަލަ ފުލުހުންގެ ހުރިހާ ސްޓޭޝަނަކަށާއި އިންޓެލިޖެންސަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އެކި ޑިޕާޓުމެންޓުތަކުން ހަސަންފުޅު ހޯދުމަށް މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މަތިވެރީގެ ފަޅު ގެތަކާއި ގެވަޅު އަދި ހުސް ބިންތަކާއި އެ ރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓު އަދި އެ ރަށުގެ ހޭޅިފަށާއި ގޮނޑުދޮށާއި ވަލުތެރެވެސް ބަލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އޭގެ އިތުރުން ރަށުގެ ގޮނޑުދޮށުން ފެށިގެން ފަޅާއި އަދި ކަނޑުގެ ސަރަހައްދު ފީނައިގެން ބަލާފައިވެއެވެ. އަދި އޭނާ އާންމުކޮށް ގޮސް އުޅޭ ރަށްރަށާއި އެ ރަށްރަށަށް ގޮސް އޭނާ އާންމުކޮށް ގޮސްއުޅޭ ގޭގޭގެ މީހުންނާ ސުވާލުކޮށް އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލާފައިވެއެވެ..،" ފުލުހުން ބުންޏެވެ.
ހަސަންފުޅު ގެއްލިފައިވާ މައްސަލައިގެ ތަހުގީގަށް މަތިވެރިން ލިބެންހުރި ސީސީޓީވީ ފޫޓޭޖުތައް ހޯދައި، 157 ގަޑިއިރުގެ ފުޓޭޖު ދިރާސާކޮށްފައިވާނެ ކަމަށާއި އެ ފުޓޭޖުތަކުން އެނގޭ ގޮތުގައި ހަސަންފުޅު އެންމެފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު 9:30 ހާއިރު ފިހާރައަކަށް ވަދެ ނުކުމުގެންދާ މަންޒަރުކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމަށް ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާތައްވެސް ބަލާފައިވާނެ ކަމަށާއި އަދި ތަހުގީގަށް މިހާތަނަށް 199 މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށް 29 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހަސަންފުޅު ހޯދުމަށް ކުރަމުންދާ މަސައްކަތް ގަވާއިދުން އޭނާގެ އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށެވެ.
ހަސަންފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރު 9994875 ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު