މަގެއްގައި ތާރު އެޅުމަށްފަހު ޖަންކްޝަންތައް ހުންނަ ދިމާލުން ތާރު ކަނޑައި ނެގުމަކީ އެ މަސައްކަތް ކުރާ ގޮތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް އެގޮތަށް ވިދާޅުވީ, އަމީނީ މަގުގައި ތާރު އެޅުމަށްފަހު ބައެއް ހިސާބުތަކުން ތާރު ކަނޑައި ނަގާތީ އެކަމުގެ ފާޑުކިޔުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެންބަރުން އަމާޒު ކުރެއްވުމުންނެވެ.
އެގޮތުން އެކަމާ ގުޅޭ ގޮތުން ފުރަތަމަ ސުވާލު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ. އޭނާ ސުވާލުކުރެއްވީ މަގުތަކުގައި ތާރު އެޅުމަށްފަހު އަލުން ތާރު ކެނޑުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި މަގުތައް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ, ހުރިހާ ނިޒާމެއް ގާއިމުވެފައި ނެތުމުން ކޮންމެވެސް މަސައްކަތެއް ކުރަން މަގުތައް ކަނޑައި ނަގަންޖެހޭ ކަމަށެވެ. އަދި ހުރިހާ ނިޒާމެއް ގާއިމުވެފައި އޮތް ނަމަ, ރާއްޖެ ވާނީ ތަރައްގީވެފައި އޮތް ގައުމަކަށް ކަމަށް ވިދާޅުވިއެވެ.
އެ ޖަވާބަށްފަހު އިތުރު މެމްބަރަކަށް ފުރުސަތު ދިނުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ, ރާއްޖެއަކީ މެދު އާމްދަނީގެ ގައުމަކަށްވާއިރު އަމީނީ މަގުގައި ތާރު އަޅާފައި ޖެހިގެން އަންނަ ދުވަހު ތާރު ކަފާފައި ނަގަން ޖެހެނީ އެވަރަށް ނުބައްލަވާތީތޯއެވެ. އެއަށްފަހު މަޖިލިސް ރައީސް ފުރުސަތު ދެއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދަށެވެ.
ޝާހިދު ކުރި ސުވާލާއެކު މަޖިލިސް ރައީސްގެ ފާޑުކިޔުމަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ, ޖަންކްޝަންތަކުގެ މަތި ކަނޑައި ނެގުމަކީ އެ މަސައްކަތް ކުރާ ގޮތް ކަމަށެވެ.
"އަމީނީ މަގުގައި މިހާރު ތާރު އަޅަނީ, މިހާރު ތާރު އަޅާފައި ހުރި ޖަންކްޝަންތަކުގެ މަތީގައި އެ ހުންނަ ކޮންކްރީޓް ބައި, ތާރު އަޅަމުންދާއިރު ޕޭވަރުން ދާނީ އޭގެވެސް މަތިން. އެހެންވީމަ އެތަނުގެ މަތީގައި ތުނި އެއްޗެއް އަޅާ ބާއްވާފައި އޭގެ މަތިންދާނީ. އެއީ މަސައްކަތްކުރާ ގޮތް, އެއީ މަސައްކަތް ކުރާ ގޮތް, އޭތިކޮޅު ކަނޑާ ނަގާނެ,!" އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު