ވިލާތުގެ ދޮން ފަރަންޖީންގެ ތެރެއިން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ތަޖުރިބާތަކެއްކޮށް ދިވެހީންގެ އާދަކާދަތަކާއި ދިވެހިރާއްޖޭގެ މައްޗަށް އެންމެ ފުރަތަމަ ލިޔުމެއް ލިޔުނު މީހަކީ ފަރަންސޭސިއެއް ކަމުގައިވާ ފްރާންސުވާ ޕިރާޑް ޑިލަވާލްއެވެ. މީނާއަކީ މީލާދީން 1578 ވަނަ އަހަރުން 1623 ވަނަ އަހަރާ ހަމަޔަށް ދުނިޔޭގައި އުޅުނު މީހެކެވެ. ފަރަންސޭސިންގެ ތެރެއިން މަތީފަންތީގެ އާއިލާއަކުން އައިސްހުރި ތަންދޮރުފިލާ، ލޯހުޅުވުންވެސް ބޮޑު މީހެކެވެ. އޭނާ ދިވެހިރާއްޖެއަށް އައީއެއް ނޫނެވެ. އާދެވުނީއެވެ. ދަތުރުކުރި ކޯބިންއޭ ކިޔުނު ނައު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ފަރަށް އުރުމުގެ ސަބަބުންނެވެ. އޭނާ ދިވެހިރާއްޖޭގައި ދެމިހުރީ ފުރުން މަނާ ގައިދީއެއްގެ ގޮތުގައި މީލާދީން 1602 ވަނަ އަހަރުން ފެށިގެން 1607 ވަނަ އަހަރާ ހަމައަށެވެ.
ދިވެހިރާއްޖޭގައި އޭނާ ހޭދަކުރި ހައެއްކަ އަހަރުގެ ތެރެއިން ބޮޑުބައެއް ހޭދަކުރީ ވެރިރަށް މާލޭގައެވެ. އެއީ އުތީމު ޣާޒީ ބަންޑާރައިންގެ ދަރިކަލުން އިބްރާހިމް ކަލާފާނުގެ ރަސްކަމުގެ އެންމެ ފަހު އަހަރުތަކެވެ. ދިވެހިބަސް ދަސްކޮށް، ދިވެހީންގެ އާދަކާދަތަކަށް އަހުލުވެރިވުމަށް ޕިރާޑު ވަރަށް ޚާއްސަ ސަމާލުކަމެއް ދިނެވެ. ރަސްގެފާނާއި ގަނޑުވަރުތެރޭގެ ބޭފުޅުންނާއި ރަހުމަތްތެރިކަން އުފައްދައި މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތުވެސް ތަނަވަސްކުރިއެވެ. އެކަމަކު ފުރައިގެން ދިއުމުގެ ހުއްދައެއް ނެތެވެ. ޕިރާޑަށް ރާއްޖެއިން ފުރައިގެން ދެވުނީ މީލާދީން 1607 ވަނަ އަހަރު ބޭރުގެ ބަޔަކު ދިވެހިރާއްޖެއަށް އުދުވާނީ ގޮތެއްގައި އައިސް، ވެރިކަމާ ތޮޅި، މިޒާތަކުން ބޮޑު ގަޑުބަޑެއް ފެށިފައިވަނިކޮށް އޭގެ ފައިދާ ނަގައިގެން ސިއްރުންނެވެ.
ޕިރާޑު އޭނާގެ ގައުމުކަމަށްވާ ފަރަންސޭސިވިލާތަށް ރުޖޫއަވުމަށްފަހު ލިޔުނީ އޭނާގެ މަޝްހޫރު މޮނޮގްރާފެވެ. މީގައި އޭނާ ބަޔާންކުޅައީ ދަތުރުގެ ތަޖުރިބާތަކެވެ. ރާއްޖޭގައި ހޭދަކުރި ދުވަސްތަކެވެ. ދިވެހީންގެ އުޅުމާއި އާދަކާދައެވެ. މީގެ ހަތަރުސަތޭކަ ފަނަރަ އަހަރު ކުރިން ދިވެހިން އުޅުނު ގޮތުގެ އެންމެ ސައުފު ކުރެހުމެއް ލިބެނީ މިދެންނެވި މޮނޮގްރާފުންނެވެ. ކޮންމެއަކަސް މީލާދީން ސަތާރަވަނަ ސައްތައިގެ ތެރޭގައި ދިވެހިންގެ އުޅުންހުރި ގޮތް ވަރަށް ރީއްޗަށް ޕިރާޑުގެ ފޮތުން ހާމަވެއެވެ. ތިރީގައި މި ބަލައިލަނީ އެފޮތުގައި ދިވެހީންގެ ބޮލާއި ތުނބުޅި މަތިމަހުގެ މައްޗަށް ޕިރާޑު އިންސާފުކޮށްފައިވާ ގޮތުގެ މައްޗަށެވެ. ވަރަށް ޝައުގުވެރިކުރަނިވި ވާހަކަތަކެއް ހިމަނާފައިވާތީއެވެ. ޕިރާޑުގެ ފޮތުގައި ދިވެހީންގެ ބޮލާއި ތުނބުޅި މަތިމަހާމެދު އޭނާ މައިގަޑުގޮތެއްގައި ބޭނުންކޮށްފައިވަނީ އަންނަނިވި އިބާރާތްތަކެވެ.
ދިވެހިންގެ ބޮލުގެ އިސްތަށިގަޑު ދިގުވާލެއް ނުހަނު އަވަހެވެ. ނިކަން ދޭތެރެއަވަސްކޮށް ގިނަގިނައިން ބޯދޮވެ ތެޔޮލުމާއި މޫސުމުގެ ހޫނުކަން ބޮޑުވުމުގެ ސަބަބުންކަމަށް ފެނެއެވެ. ބޮލުގައި އާއްމުގޮތެއްގައި ލައިއުޅެނީ ކާށިތެލެވެ. އެއީ އެބައިމީހުން އަމިއްލައަށް އުފައްދާ ވަރަށްވެސް ފައިދާބޮޑު ތެލެކެވެ. ވަރަށްވެސް ތިޔާގި އެއްޗެކެވެ. އިސްތަށި ފަޅަނީ ބޮލުގައި އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑުގައި އިސްތަށިފަޅައިފައި ހުންނަ މީހުން ވަރަށްވެސް ގިނައިން ފެނެއެވެ. އެއީ އެބައިމީހުން ވަރަށް ފަޚުރުވެރިވެ އުފާކުރާ ކަމެއްވެސްމެއެވެ. އެޒާތަށް ކެހެރިނުފަޅާ ފިރިހެނުންނާމެދު ބުނެއުޅެނީ އެއީ އަންހެނެއް ކަމުގައެވެ. އަންހެނުންގެ ހަށިގަނޑުގައި އާދަވެގެން އިސްތަށިފަޅާ ތަންތަން ފިޔަވައި އެހެންތާކު އިސްތައްޓެއް ނުހުރެއެވެ.
ތުނބުޅި ދިގުކުރުމާއި ފަރުމާކުރުމަކީ އެބައިމީހުންގެ ތެރޭގައި ގިންތިޔާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެކެވެ. ވަކި ސުމާރެއްނެތި ދިގުވާނެ ވަރަކަށް ދިގުވާން ދޫކޮށްލުމަކީ ކޮންމެ ފިރިހެނަކަށް ހުއްދަ ކަމެއް ނޫނެވެ. ތުނބުޅީގެ މައްޗަށް ފުރިހަމަ އިޚުތިޔާރު އޮންނަނީ ފަނޑިޔާރުންނާއި ނާއިބުންނަށެވެ. ކަތީބުންނާއި މުދިމުންނަށެވެ. އަދި ހައްޖުވެގެންތިބޭ އަޅުވެރީންނަށެވެ. މި ގިންތީގެ މީސްމީހުންގެ ތުނބުޅިން އެންމެ އިސްތައްޓެއް ނުކެނޑިއަސް ކުށްވެރިވުމެއް ނެތެވެ. އެއްބަޔަކު ދަތްދޮޅީން ތިރިޔަށް ޖާގައޮތްވަރަކަށް ދިގުވާން ދޫކޮށްލައެވެ. މިއީ އެބައިމީހުންގެ ތެރެއިން ކަމުވޮށިގެންވާ ދަރަޖަވެރިންނެވެ. މީގެތެރެއިން އަނެބަޔަކު ދަންނައެވެ. ދަތްދޮޅީގެ ތިރިން ކަރުދަށުން ހިސާބަކަށް ބާލައެވެ. ދެތުންފަތުގެ މަތިންނާއި ތިރިންވެސް ހިސާބަކަށް ކޮށައި ތުނިކޮށް ވިނަވައިލައެވެ.
ތުނބުޅީގެ ދެވަނަ ވައްތަރަކީ އެންމެނަށްވެސް ހުއްދަ ވައްތަރެވެ. ވިލާތުގެ ވައްތަރަށް ތުންފަތުގެ ވަށައިގެންނާއި ދަތްދޮޅީގެ ތިރިން ބާލައެވެ. ކޯތާފަތްމަތިން ވީހާވެސް ތުނިކޮށް ކޮށުމާއެކު ދަތްދޮޅިޔާ ދިމާލުން ތިރިއަށް ފޭއްސައިގެން ކޮށައެވެ. ގިނަ ފިރިހެނުން ބަހައްޓަނީ މިޒާތުގެ ތުނބުޅިއެވެ. ފެޝަން ތުނބުޅިއަކީވެސް އެއީއެވެ. މިކަންކުރުމަށް ބޭނުންކުރަނީ ކުރަފަތެވެ. ގިނަ މީހުންނަކީ އަމިއްލަޔަށް މިކަންކުރަން އެނގޭ މީހުންނެވެ. މިކަމަށް ޚާއްސަ ފަންނުވެރިން ތިބެއެވެ. އުޖޫރަޔަށާއި ހިލޭސާބަހަށް ހަޖާމުކޮށްދޭ ހަޖާމުންވެސް ތިބެއެވެ. ވިލާތުގެ ތުނބުޅި ކަމަށް ޕިރާޑު ލިޔެފައިއެވާ ތުނބުޅިޔަކީ އެޒަމާނުގައި ފަރަންސޭސިވިލާތާއި ސްޕޭނުގައި އެންމެ ފެޝަން ތުނބުޅިއެވެ. ދިވެހިރާއްޖޭގައި އެންމެ ދެރަވަރު މީހުންވެސް އެޒާތުގެ ތުނބުޅި ބަހައްޓައިގެން ތިބުމަކީ ޕިރާޑު ވަރަށް ހައިރާންވި ކަމަކަށްވިއެވެ.