އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އޭޝިއަން ކަޕް 2023 ގެ ކޮލިފައިން ފުރަތަމަ ބުރުގައި ކުޅޭ އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފިރިހެން ކްރިކެޓް ޓީމު މިއަދު ތައިލެންޑަށް ފުރައިފިއެވެ.
ޓީމު މިއަދު ހެނދުނު ފުރާފައިވާ އިރު، ޓީމަށް ހިތްވަރު ދެއްވުމަށް ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލާއި ކުޅުންތެރިންގެ އާއިލާތަކުން ވަނީ ގްރޭޓާ މާލެ ބަސް ޓާމިނަލް ސަރަހައްދަށް ގޮސްފައެވެ. ފައިސަލް ވިދާޅުވީ 2017 ވަނަ އަހަރު ފުރަތަމަ ފަހަރަށް 50 އޯވަރުގެ މެޗުތަކެއް ކުޅުމަށް ގައުމީ ކްރިކެޓް ޓީމަށް ފުރުސަތު ލިބުނު ކަމީ އުފާކުރައްވާ ކަމެއް ކަމަށާއި އެ ފުރުސަތަށް އޭޝިއަން ކްރިކެޓް ކައުންސިލަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.
އޭސީސީ ޗެލެންޖާސް ކަޕް، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުން އަންނަ މަހުގެ ހަތަކަށެވެ.
އޯޑީއައި ފޯމެޓަށް ކުޅޭ 50 އޯވަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ބަހްރެއިން، ބޫޓާން އަދި އީރާންއާ އެއް ގްރޫޕެއްގައެވެ. މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ނިންމާފައިވާ އިރު، އަނެއް ގްރޫޕްގައި ހިމެނެނީ ސައުދީ އަރަބިއާ އާއި އިންޑޮނޭޝިއާ، ތައިލެންޑް އަދި މިޔަންމާއެވެ.
އޭސީސީ ޗެލެންޖާސް ކަޕަށް އެކުލަވާލި ގައުމީ ޓީމު މީގެ ދެ ދުވަސްކުރިން އިއުލާންކޮށްފައިވާ އިރު، މުބާރާތުގައި ޓީމްގެ ކެޕްޓަނަކީ އާދަމް ނަސީފް އުމަރެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް