މާލެއިން ގެއްލިގެން ހޯދަމުންދާތާ 12 ދުވަސްފަހުން ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލްގެ ތެރެއިން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:30 ހާއިރުން ފެށިގެން އާސިރު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިމަހުގެ ހަތަރުވަނަ ދުވަހު އޭނާ އެންމެ ފަހުން ފެނުނީ ވެސް އެއާޕޯޓުގެ ޓާމިނަލަށް ވަންނަނިކޮށެވެ. ފުލުހުންނަށް އޭނާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އާސިރު ފެނުނީ ވީއައިއޭގެ ޓާމިނަލްގެ ތެރެއިން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އާސިރު ފެނުނު ހަބަރު ފުރަތަމަ ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ، އެރޭގެ ވަގުތެއްގައި އާސިރު ފުލުހުންނަށް ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ ފެނުނުތަނެއް މިނިސްތަރު އިމްރާން އެރޭ ވިދާޅެއް ނުވެއެވެ.

އޭގެ ފަހުން ފުލުހުން ބުނެފައިވަނީ އާސިރު ފެނުނު އިރު، އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް ފުލުހުން ވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ 7:20 ހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އާސިރު އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ސީސީޓީވީން ލިބިފައިވާ ފުޓޭޖުތަކުން އެނަލައިޒްކޮށްގެން ހޯދިފައިވާ ކަމަށާއި ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އާސިރު ހޯދުމަށް އެއާޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ބަލާފައިވާ ކަމަށާއި އަދި އެއާޕޯޓުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.