ޖަޕާނަކީ ހުރިހާ ގޮތަކުންވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. އެހެންނަމަވެސް އެގައުމުގެ ޖަޒީރާތަކުގެ އަދަދު ބަރާބަރަށް ދެނެގަނެ ބެލެހެއްޓުމަކީ ކުރެވޭ ކަމަކަށް ނުވެއެވެ. ޕެސިފިކް ކަނޑުގެ ގާތްގަޑަކަށް ތިންލައްކަ ހަތްދިހަހާސް ކިލޯމީޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެކި ސައިޒުގެ އެތައްހާސް ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޕާނަކީ ބިންހެލުންތައް ގިނަ، ތޫފާންތައް އުފެދުން ގިނަ ތަނެކެވެ. ޖަޕާނު އޮންނަ ސަރަހައްދުގެ އަޑީގައި ބިންގަނޑުގެ ގުދުރަތީ ހަރަކާތްތައްވެސް ގިނައެވެ. އެހެންވީމާ އެކި ސައިޒުގެ އައު ޖަޒީރާތައް އުފެދުން ގިނައެވެ. ކުރިން އުފެދިފައި ހުންނަ ޖަޒީރާތައް ނެތިދިއުންވެސް އެހާގިނައެވެ. މިސަބަބަށްޓަކައި ޖަޒީރާތަކުގެ ހަގީގީ އަދަދު ދެނެގަތުމާއި ބެލެހެއްޓުން އުނދޫވަނީއެވެ.

ރަސްމީގޮތުން މިހާތަނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން އަދި ރަސްމީ ތަފާސްހިސާބުތައް ބުނާގޮތުން ޖަޕާން އުފެދިގެންވަނީ ގާތްގަޑަކަށް ހަހާސް ޖަޒީރާގެ މައްޗަށެވެ. އެކަމަކު އެންމެފަހުގެ ހޯދުންތަކުން އެނގޭގޮތުގައި މިއީ މާމަދު އަދަދެކެވެ. ޑިޖިޓަލް މެޕިން ޓެކްނޮލޮޖީ އާއި އެނޫންވެސް ޓެކަނޮލޮޖީ ބޭނުންކޮށްގެން އެންމެފަހުން ކުރި ސާވޭތަކުން އެނގިފައިވަނީ ކުރިން ހީކުރެވިފައިވާ އަދަދަށްވުރެ ޖަޕާނުގައި ދެގުނައަށް ޖަޒީރާތައް އެބަހުރިކަމެވެ. މީގެ ތިރީސްފަސް އަހަރު ކުރިން އެއްކުރި މައުލޫމާތުގެ މައްޗަށް ރަސްމީ ތަފާސްހިސާބު ތައްޔާރުކޮށްފައިވާއިރު އެއިން އެނގެނީ ޖަޕާނުގައި އޮތީ ނުވަތަ އޮންނަނީ 6852 ޖަޒީރާ ކަމުގައެވެ. އެކަމަކު އެންމެފަހުން މިއަހަރު މުޅި ސަރަހައްދު އަލުން ބަލައި ސާރވޭކުރިއިރު ޖަޒީރާތަކުގެ އަދަދަކީ 14125 އެވެ. މިއީ 7273 އިތުރު އަދަދެކެވެ.

ޖަޕާނުގައި އެންމެފަހުން ޖަޒީރާތަކުގެ އަދަދު ބެލުމުގެ ރަސްމީ ސާރވޭއެއް ހިންގިފައިވަނީ 1987 ގައެވެ. މިކަންކުރުމަށް އޭރު ބޭނުންކުރީ ކަރުދާހުގެ ޗާޓުތަކާއި އޭރުގެ ވަސީލަތްތަކެވެ. ޖަޒީރާއެއްކަމުގައި ބަލަނީ ވަށައިގެން މޫދުގެ އޮއިވަރު ދައުރުކުރާ އަދި އެތަނެއްގެ ވަށައިގެން އެންމެ ކުޑަވެގެންވެސް ސަތޭކަ މީޓަރު ހަމަވާ ކޮންމެ ތަނެކެވެ. މިގޮތަށް ބެލީމާ ފެނުނީ 6852 ޖަޒީރާއެވެ. ހިއްކައިގެން އުފައްދާފައިވާ ރަށްތަކެއް ނުހިމެނެއެވެ. ހައްތާވެސް ގުދުރަތީގޮތުން އުފެދިފައި ހުންނަ ރަށްރަށެވެ. ކޮންމެއަކަސް ޖަޒީރާތަކުގެ އައު ބޯހިމެނުމެއް ހަދަން ޖެހުނީ ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ބަޔަކު މިކަމަށް އެދި ޕާލަމެންޓްގައި ވާހަކަ ދެއްކުން ގިނަކުރުމުންނެވެ. ހިސާބުތައް އަދާހަމަނުވުމުގެ ޝަކުވާ ގިނަވުމުންނެވެ.

އެންމެފަހުން ކުރެވުނު ސާރވޭގައި އެއްކުރެވުނު މައުލޫމާތުގެ އަލީގައި ޖަޕާނުގެ ޗާޓު އަލުން ކުރަހައި ޖަޒީރާތަކުގެ އައު ތަފާސްހިސާބު އާއްމުކުރާނީ ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައެވެ. ރަސްމީ އިދާރާތަކުން ބުނާގޮތުގައި ޖަޒީރާތަކުގެ އަދަދު ޑަބަލްވިޔަސް ޖަޕާނުގެ އެއްގަމާއި ކަނޑުގެ ސަރަހައްދަށް އުނިއިތުރުވުމެއް ނެތެވެ. އައު ޖަޒީރާތައް އުފެދިފައިވަނީ ކުރިންވެސް ރަސްމީގޮތުން ޖަޕާނުގެ ސަރަހައްދުކަމުގައި ހިމެނޭ ސަރަހައްދުތަކުގެ ތެރޭގައެވެ. ޖަޕާނުގެ ރަށްތައް އުތުރުން ދެކުނަށް ދެމިގެންގޮސްފައިވާއިރު ޖަޕާނުގެ ވެރިކަމުގެ ދަށުގައި މިހާރު އެންމެ އުތުރުން އޮންނަ ޖަޒީރާއަކީ ހޮކައިޑޫއެވެ. އެންމެ ދެކުނުގައި އޮންނަ ތަނަކީ އޮކިނާވާއެވެ. ޖަޕާނުގެ އަމިއްލަ ޖަޒީރާތަކަކީ މިހާރު ހޮކައިޑޫން ފެށިގެން އޮކިނާވާއާ ހަމަޔަށް އެދޭތެރޭގައި ހުރިއްޔާ ހުރި ޖަޒީރާއެކެވެ.

ޖަޕާނުގެ އެންމެ އުތުރުން ރަޝިޔާގެ ބައެއްކަމުގައިވާ ސަކަލިންއަކީ ކުރީޒަމާނުގައި ޖަޕާނުގެ ތަނެކެވެ. ހަމައެގޮތަށް ޖަޕާނުގެ އެންމެ ދެކުނުން ޓައިވާނާއި ޓައިވާނުގެ ކައިރީގައިވާ ބައެއް ޖަޒީރާތަކަށްވެސް އިހު އޮތީ ޖަޕާނުގެ ހުކޫމަތެވެ. މިހާރުގެ ޖަޕާނަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަޕާނުގެ ބާރު އޮތް ކޮންމެ ތަނެކެވެ. މުޅިއެކު 47 ޕްރިފެކްޗަރގެ މައްޗަށް އެކުލެވިގެންވާ ޖަޕާނުގައި އޮންނަނީ މައިގަނޑު ބިޔަ ހަތަރު ޖަޒީރާއެވެ. އެއީ ހޮކައިޑޫ، ހޮންޝޫ، ޝިކޯކޫ އަދި ކިޔޫޝޫއެވެ. މިތަނުން އެންމެ ބޮޑު ޖަޒީރާއަކީ ހޮކައިޑޫއެވެ. އެކަމަކު އާބާދީ އެންމެ ކުޑައީ އެތާގައެވެ. އާބާދީ އެންމެ ބޮޑީ ހޮންޝޫގައެވެ. ވެރިރަށް ޓޯކިޔޯއާއި އޮސާކާ ފަދަ ބޮޑެތި ސަހަރުތައް ގިނައީ ހޮންޝޫގައެވެ. ކުރިން ދެންނެވި ބޮޑު ހަތަރު ޖަޒީރާގެ ތެރެއިން ކޮންމެ ޖަޒީރާއެއްގެ ވަށައިގެންވެސް ކުދިބޮޑު އެތައް ޖަޒީރާއެއް އޮވެއެވެ.

އެންމެފަހުން 2021 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި ޖަޕާނުގެ އާބާދީއަކީ 125.7 މިލިޔަން މީހުންނެވެ. އެހެންކަމުން އެއީ ދުނިޔޭގެ އެންމެ އާބާދީބޮޑު އެގާރަވަނަ ގައުމެވެ. އެކަމަކު ގައުމުގެ ސައިޒުގެ ގޮތުން އެއީ ދުނިޔޭގެ 63 ވަނަ ގައުމެވެ. އާބާދީއާއި ގައުމުގެ ސައިޒުގެ ފަރަގު ބޮޑުވީމާ ޖަޕާން ހިމެނެނީ ތޮއްޖެހުން އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައެވެ. ޖަޕާނު އޮންނަނީ ބިންހެލުން އާންމު ސަރަހައްދެއްގައެވެ. ގައުމުގެ ސައިޒަށް ބަލާއިރު ދުނިޔޭގައި އެންމެ ގިނަ ބިންހެލުން ރިކޯޑްކުރެވޭ ގައުމަކީވެސް ޖަޕާނެވެ. ޖަޕާން އޮންނަނީ ޕެސިފިކް ކަނޑުގެ ރިންގް އޮފް ފަޔަރ ނުވަތަ އަލިފާން ބޮޅުގެ މަތީގައެވެ. ޖަޕާނުގައި އައު ޖަޒީރާތައް އުފެދުމާއި ނެތިދިއުން ގިނަވުމުގެ ސިއްރަކީ އެއީއެވެ. ސުނާމީ، މި ލަފުޒަކީވެސް ޖަޕާނު ލަފުޒެކެވެ. މާނަޔަކީ އައްސޭރިފަށުގެ ބޮޑުރާޅެވެ.