އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީގެ ތާއީދު ހޯދުމަށް އެ މަނިކުފާނުގެ ބައެއް މަންދޫބުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ރޭ ބައްދަލުކުރައްވައިފިއެވެ.
ސަން އައިލެންޑް ރިސޯޓުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސްގެ މަންދޫބުންގެ ގޮތުގައި ގާސިމާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.
ސަން އައިލެންޑްގައި ހުރެ "ވަން" އަށް މައުލޫމާތު ދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ގާސިމާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނުދެއްވިއެވެ.
"މި ބައްދަލުވުމުގެ މައުލޫމާތު އަދި އަޅުގަނޑުމެން ފަހުން ހިއްސާކުރާނަން. އެކަމު މިއީ ވަރަށް އުންމީދީ ބައްދަލުވުމެއް،" އަސްލަމް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ މަންދޫބުން ގާސިމާ ބައްދަލުކުރެއްވި އިރު، އެ މަނިކުފާނާ ދުރުން އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން އުޅޭ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގާސިމް ރިޔާސީ ރޭހަށް ނެރުއްވުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވަމުންނެވެ. އެގޮތުން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ގާސިމަށް ރަނުގެ ފުރުސަތެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު