ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެ ގެއްލުނު ހަޓޭސްޕޯގެ ފޯވަޑް ކްރިސްޓިއަން އަޓްސޫ، އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ފެނިއްޖެއެވެ.

އަޓްސޫ އިމާރާތެއްގެ ދަށުން ފެނުނުކަން އޭނާގެ އެޖެންޓް ވަނީ ޔަގީންކޮށްދީފައެވެ. އަޓްސޫ އިމާރާތެއްގެ ދަށުވެ ގެއްލިގެން ހޯދަން ފެށީ މިމަހުގެ ކުރީކޮޅުގައެވެ. އޭގެފަހުން ދެތިން ދުވަސް ފަހުން އަޓްސޫ ފެނުނު ކަމަށް ތުރުކީގެ އިދާރާތަކުން މައުލޫމާތު ދިން ނަމަވެސް، އެޖެންޓް ފަހުން ބުނީ އަޓްސޫ އެއްވެސް ހޮސްޕިޓަލެއްގައި ނެތް ކަމަށާއި ހޯދަން ކުރި މަސައްކަތުގައި އެއްވެސް ހަބަރެއް ލިބިފައި ނުވާ ކަމަށެވެ. އަޓްސޫ މަރުވިކަން އެޖެންޓާއި ނޫސްތަކުންވެސް ޔަގީން ކޮށްދިނީ މިއަދުއެވެ.

ތުރުކީ އާއި ސީރިއާގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް އިމާރާތެއް ވެއްޓި، އެތައް ބަޔަކު ވަނީ މަރުވެފައެވެ. ދެ ބިންހެލުމެއްގެ އަސަރު ތުރުކީއަށް ކުރި އިރު، ދެ ބިންހެލުން އައިސްފައިވަނީ 7.8 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ތުރުކީގެ ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ އިރު، އެގައުމުގެ ކްލަބު، ހަޓޭސްޕޯގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބި އިމާރާތެއްވެސް ވަނީ ބިމާ ހަމަވެފައެވެ. އެ ކްލަބަކީ ކުރިން ޗެލްސީ އާއި ނިއުކާސަލްގެ އިތުރުން އެވަޓަން އާއި ބޯންމައުތު އަދި މަލާގާއަށްވެސް ކުޅުނު ގާނާގެ 31 އަހަރުގެ ފޯވަޑް އަޓްސޫވެސް ކުޅެމުން ދިޔަ ކްލަބެވެ.

އަޓްސޫ ތުރުކީ ލީގަށް ބަދަލުވީ މިދިޔަ އަހަރުއެވެ. ޕޯޓޯއިން ކެރިއަރު ފެށި އަޓްސޫ 2013 ވަނަ އަހަރުން 2017 ވަނަ އަހަރަށް ހޭދަކުރީ ޗެލްސީގައެވެ. ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި އަޓްސޫ ވަނީ ލޯނު އެއްބަސްވުންތަކެއްގައި ގިނަ ކްލަބުތަކަކަށް ކުޅެފައެވެ. އަޓްސޫ ވަނީ ގާނާ ގައުމީ ޓީމަށްވެސް 65 މެޗު ކުޅެގައެވެ. އޭގެ ތެރޭގައި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ބައެއް މެޗުތައްވެސް ހިމެނެއެވެ.