ޔުކްރޭނުގެ ހަނގުރާމައިގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ ވިސްނުންފުޅާއި ކަންކަން ނިންމަވާނެގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއްބޭފުޅަކީ ބެލަރޫސްގެ ރައީސް އެލެގްޒާންޑަރ ލުކަޝެންކޯއެވެ. އެއީ ރަޝިޔާގެ އެންމެ ގާތް ބައިވެރިޔާއެވެ. ބެލަރޫސްއާ ދެކޮޅަށްވެސް ހުޅަނގުގެ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތުމުގައި ބެލަރޫސްގެ ސަރަހައްދު ބޭނުންކުރުމުންނެވެ. ވަސީލަތްތައްވެސް ބޭނުންކުރުމުންނެވެ. މި ހަނގުރާމަ ފެށުނުފަހުން ރައީސް ޕުޓިން ހުޅަނގުގެ ނޫސްވެރިންނާ މިހާތަނަށް ބައްދަލެއް ނުކުރައްވައެވެ. އެކަމަކު ރައީސް ލުކަޝެންކޯ ވަނީ އެއްއަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހުޅަނގުގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ބުރާސްފަތި ދުވަހު އެމީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
ހުޅަނގުގެ ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޕުޓިންގެ އެންމެ ގާތް މިތުރު ކަމަށްވާ ލުކަޝެންކޯ ދެއްވީ ކޮންކަހަލަ ޖަވާބުތަކެއް ބާވައެވެ. ޔުކްރޭނުގެ ހަނގުރާމަޔާމެދު އޭނާގެ ވިސްނުންފުޅު ބަދަލުވަމުން އެބަދޭބާވައެވެ. ބަލައިލަމާބަހީއެވެ. ވެރިރަށް މިންސްކުގައި ބޭއްވުނު ނޫސް ކޮންފަރެންސްގައި އިނގިރޭސިވިލާތުގެ ބީބީސީގެ ނޫސްވެރިޔާ ދެންނެވިއެވެ. ޔުކްރޭނަށް އަރައިގަތުމުގައި ރޫސީ ސިފައިން އެންމެ ފުރަތަމަ ބޭނުންކުރީ ބެލަރޫސްގެ ސަރަހައްދު ނޫންތޯއެވެ. މިހާތަނަށް ލިބުނު ފިލާވަޅުގެ އަލީގައި ބެލަރޫސްގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ރަޝިޔާއަށް އަދިވެސްދޭން އެއްބަސްވެދާނަންތޯއެވެ. ލުކަޝެންކޯ ވިދާޅުވިއެވެ. އާނއެކެވެ. ތައްޔާރެވެ. ހިޔަފަހަރު ދޭންވެސް ތައްޔާރެވެ. ހަނގުރާމައިގައި ސީދާގޮތުން ބައިވެރިވާންވެސް ޖެހިދާނެއެވެ.
ބޭނުންވެއްޖެ ހިނދެއްގައި ބެލަރޫސްގެ ސަރަހައްދު ރޫސީ ސިފައިންނަށް ހުޅުވައިލުން އެކަންޏެއް ނޫނެވެ. ރަޝިޔާއާ ބައިވެރިވުމަށް މި ހަނގުރާމައިގެ ތެރެއަށް ސީދާގޮތެެއްގައި ވަނުމާމެދު ރައީސް ލުކަޝެންކޯ ވިދާޅުވީ މިހެންނެވެ. ޔުކްރޭނުގެ ތެރެއިން، ޕޯލެންޑުގެ ތެރެެއިން ނުވަތަ ނޭަޓޯގެ މެންބަރު އެހެން ގައުމެއްގެ ތެރެއިންވިޔަސް ބެލަރޫސްއަށް އެއްވެސް ބަޔަކު އެއްވެސް ގޮތަކުން ހަމަލާއެއް އަމާޒުކޮށްފިނަމަ އެއޮތީ ގޯސްވެފައެވެ. ބެލަރޫސްގެ ރައްޔިތުން މަރައި ބިރުދެއްކުމުގެ ގޮތުން ދުޝްމަނުންގެ ސިފައިންގެ ތެރެއިން ހަމައެންމެ މީހަކުވިޔަސް ހަތިޔާރާއެކު ބެލަރޫސްގެ ފަސްގަނޑުގައި ފައިބީއްސާލައިފިނަމަ ބެލަރޫސްގެ ލަޝްކަރުތައް ސީދާގޮތެއްގައި މި ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށް ރައީސް ލުކަޝެންކޯ އިންޒާރު ކުރެއްވިއެވެ.
ނިއުކުލިއަރ ހަނގުރާމައެއްގެ ބިރު އިހުސާސްނުކުރަނީތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ލުކަޝެންކޯ ވިދާޅުވިއެވެ. ނޫނެކެވެ. ބިރު އެބައޮތެވެ. އެއީ ހުޅަނގުގެ ގައުމުތަކުންވެސް އިހުސާސްކުރަންޖެހޭ ބިރެކެވެ. އެއީ އެންމެނަށްވެސް އެއްވަރަކަށްެ އޮތް ބިރެކެވެ. މި ހަނގުރާމަޔަކީ ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ނޭއްގާނި ސިޔާސަތުގެ ނަތީޖާއެވެ. ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީވެސް ހުޅަނގުގެ ގައުމުތަކުންނެވެ. ހުޅަނގުގައި ހުރި ނިއުކުލިއަރ ހަތިޔާރަށްވުރެ ރަޝިޔާގައި ހުރި އެފަދަ ހަތިޔާރު ގިނަކަން ނޭނގެނީތޯ ސުވާލު ކުރައްވަމުން އޭނާ ވިދާޅުވެފައިވަނީ، ނިއުކުލިއަރ ހަނގުރާމައެއްގައި ވުޖޫދުން ފޮހެވިގެންދާނީ ހަމައެކަނި ބެލަރޫސްއެއް ނޫންކަމަށާއި އެމެރިކާވެސް ނޯންނާނެކަން ދަންނަންވާނޭ ކަމުގައެވެ.
ރައީސް ލުކަޝެންކޯ ވިދާޅުވިގޮތުގައި ހަނގުރާމަޔަށް ތެޔޮއަޅައި އަލިފާން އަންދަނީ ނޭޓޯގެ ގައުމުތަކުންނެވެ. އެކަން ވަރަށް ސާފެވެ. އެންމެފަހުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ނޭޓޯގެ ގައުމުތަކުން ޔުކްރޭނަށް އޮއްސަމުންދާ ޒަމާނީ ހަތިޔާރުތަކެވެ. ވިދާޅުވިއެވެ. ނިއުކުލިއަރ ކުރިމަތިލުމަކަށް ބަދަލުވާޒާތުގެ ކަންކަން އެކުރަނީ ހުޅަނގުންނެވެ. ނޭޓޯއިންނެވެ. އަލިފާނަށް ތެޔޮއަޅައިގެން އެއްބަޔަކަށް ލިބޭނޭ މޮޅެއްވެސް ނެތެވެ. ހަލާކާއި ގެއްލުންއޮތީ އެންމެނަށް އެއްވަރަކަށެވެ. ވަކިބަޔަކު އިސްތިސްނާވުމެއް ނެތެވެ. އެހެންވީމާ އެންމެ ބުއްދިވެރިގޮތަކީ ސުލްހަޔަށް މަގުފަހިކުރުމެވެ. ސުލްހަޔަށް އޮތްމަގަކީ މަޝްވަރާ ކުރުމެވެ. ޔުކްރޭނަށް ހަތިޔާރު ދިނުމުގެ ބަދަލުގައި ހުޅަނގުން ކުރަންޖެހޭ ކަމަކީ މަޝްވަރާޔަށް ބާރުއަޅައި ގޮތްދޫކުރުން ކަމަށްވެސް ރައީސް ލުކަޝެންކޯ ވިދާޅުވިއެވެ.
މަޝްވަރާޔަށް މިއީ ނުހަނު ފަހި ދަނޑިވަޅެއްކަން ބަޔާންކުރައްވަމުން ލުކަޝެންކޯ ވިދާޅުވިއެވެ. މިފެށޭ ހަފުތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ޕޯލެންޑަށް އެބަވަޑައިގަންނަވައެވެ. ޕޯލެންޑުގެ ވެރިރަށް ވޯސޯ އޮންނަނީ ބެލަރޫސްގެ ވެރިރަށް މިންސްކާ ނުހަނު ގާތުގައެވެ. މަތިންދާބޯޓުގައި ކުރަން ޖެހޭނީ އެންމެ ތިރީސް މިނިޓުގެ ދަތުރެކެވެ. އެހެންވީމާ ރައީސް ބައިޑެންއަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ބެލަރޫސްއަށް ވަޑައިގަތުމެވެ. އެ ދައުވަތު ލުކަޝެންކޯ ވަނީ ރައީސް ބައިޑެންއަށް އަރުވައިފައެވެ. ރައީސް ބައިޑެން މި ދައުވަތު ގަބޫލުކުރައްވާނަމަ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންވެސް މިންސްކަށް ވަޑައިގެން ބައިޑެންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމުގެ ކަންކަން ބެލަރޫސްގެ ފަރާތުން އިންތިޒާމް ކުރާނޭ ކަމަށް ލުކަޝެންކޯ ވިދާޅުވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ