މ. މުލި ބަނދަރު މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފިއެވެ.

އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ މުލި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ސަރަހައްދު ކޮނުމުގެ މަސައްކަތް ކަމަށެވެ.

މުލި ބަނދަރު މަޝްރޫއުގެ ދަށުން، 33،888 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 6،254 އަކަ މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި 465 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 89 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 497 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެއެވެ. އޭގެ އިތުރުން ތިން މީޓަރު ފުޅާމިނުގެ ބުރިޖެއް އެޅުމާއި 2،730 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމެންޓް އެޅުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުން ވެސް ހިމެނެއެވެ.

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ މުލީގައި ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ 61.8 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައެވެ. އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ 550 ދުވަސް ތެރޭގައެވެ.