މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) ހޯދުމަށް މިހާތަނަށް މާލޭގެ އެކި ސަރަހައްދުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:30 ހާއިރުން ފެށިގެން އާސިރު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާސިރު ގެއްލުނުކަމުގެ ރިޕޯޓު ލިބުމާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، ރާއްޖޭގައި ގާއިމުކޮށްފައިވާ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށާއި އިންޓެލިޖެންސާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އޭނާ ހޯދުމަށް ފުލުހުންގެ އެކި ބަހާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
"މުހައްމަދު އާސިރު އިސްމާއީލް ހޯދުމަށް، އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓު ފެރީ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ވަނީ ބަލައިފައެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މިމަހުގެ ހަތަރުވަނަ ދުވަހުގެ 7:20 ހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އާސިރު އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ސީސީޓީވީން ލިބިފައިވާ ފުޓޭޖުތަކުން އެނަލައިޒްކޮށްގެން ހޯދިފައިވާ ކަމަށާއި ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އާސިރު ހޯދުމަށް އެއާޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ބަލާފައިވާ ކަމަށާއި އަދި އެއާޕޯޓުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެގޮތުން ކުރެވުނު މަސައްކަތުން، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަށް ނުދާކަން ޔަގީންކުރެވިފައެވެ. އޭގެ އިތުރުން، މުހައްމަދު އާސިރު އިސްމާއީލް އެއާޕޯޓަށް ދިއުމަށް އެރި ޓެކްސީ އައިޑެންޓިފައިކޮށް އެ ޓެކްސީގެ ޑްރައިވަރާ ތަހުގީގު ޓީމުން ވަނީ ސުވާލުކޮށްފައެވެ..،" ބަޔާނުގައި ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓުހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތުގެ އިތުރުން، މާލެ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި އާސިރު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތުތައް ގަވާއިދުން އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާސިރު ނުފެނި ފާއިތުވާ ކޮންމެ ދުވަހަކީ ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ ދުވަހެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ތަހުގީގު ޓީމުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް އަންގައިދިނުމަށް ފުލުހުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު