މޯލްޓިވްސް ބްރޯޑްކާސްޓިން ކޮމިޝަން ހިންގަމުން އަންނަ ގ. ބިއްލޫރިޖެހިގޭގައި މީދާ ގިނަވުމާ ގުޅިގެން މަސައްކަތަށް ބުރޫ އަރާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން، މަސައްކަތްތައް މެދުކަނޑާލައިފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، މި މައްސަލަ ހައްލުކުރުމަށް ހަފުތާ ބަންދު ދުވަސްތަކުގައި ޕެސްޓް ކޮންޓަރޯލް އަށް ހާޒިރު ނުވެވޭތީ މިއަދު އެކަން ހައްލުކުރުމަށް އެހެން މެންބަރުންނާ މަޝްވަރާ ކުރުމަށްފަހު އޮފީސް ބަންދުކުރީ ކަމަށެވެ.

ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، އެ އިމާރާތަކީ ފެން ލީކުވުމާއި ކަރަންޓުގެވެސް މައްސަލަ ޖެހޭ އިމާރާތެއް ކަމަށެވެ. ނަމަވެސް މީދާ އެއީ އިންސާނުނަށްވެސް ގެއްލުންދޭ އެއްޗެއްކަމުން އެތާ ތެރޭގައި ކެއިން ބުއިންވެސް ވާނީ މަނާކޮށްފައި ކަމަށެވެ. މީދަލުގެ އުނދަގޫވާތާ ތިން އަހަރު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިކަމަށް ހައްލެއް ގެނައުމަށް ކުރިންވެސް ވާނީ އެތައްބަޔާކާ އެކު ބައްދަލުވުންތައް ބާއްވައިފައި" މަރިޔަމް ވަހީދާ ވިދާޅުވިއެވެ.