ޕައިލެޓް ކޯސް، އެމްބީބީއެސް އިން ޑިގްރީ އަދި މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންގެ ފުރުސަތުތައް އިތުރުކޮށް ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވީ އެ ތިން ދާއިރާއިން ފުރުސަތު އިތުރުކުރަން ނިންމީ ވޭތުވެދިޔަ އަހަރުތަކުގައި އެ ދާއިރާތަކަށް އޮތް ޑިމާންޑަށް ބެލުމަށްފަހު ކަމަށެވެ.

"މިއަހަރު އަޅުގަނޑުމެން ލޯނު ސްކީމަށް ހުޅުވާލާއިރުގައި ޕައިލެޓް ޓްރޭނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުސަތު އަޅުގަނޑުމެން ހުޅުވާލާން. މިދިޔަ އަހަރު އަޅުގަނޑުމެން ހުޅުވާލާފައިވަނީ 10 ފުރުސަތު. މިއަހަރު އަޅުގަނޑުމެން 60 ފުރުސަތު އެބަ ހުޅުވާލަން. ޑިގްރީ ފެންވަރަށް އެމްބީބީއެސް ހަދަން އަޅުގަނޑުމެން ރާއްޖެއިން ބޭރުގައި މިފަހަރު 55 ފުރުސަތު ހުޅުވާލާނަން. މިދިޔަ އަހަރު އަޅުގަނޑުމެން ހުޅުވާލީ 25 ފުރުސަތު. އަދި މިއާއެކު އަޅުގަނޑު ފާހަގަކޮށްލަން މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް އަޅުގަނޑުމެން 20 ފުރުސަތު މިއަހަރު ހުޅުވާލަނަން، މިދިޔަ އަހަރު އަޅުގަނޑުމެން ހުޅުވާލީ 10 ފުރުސަތު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމެއް ބިނާކުރަން ބޭނުންވާ ހުރިހާ ދާއިރާއަކުން ކިޔަވަން ލޯނު ލިބޭނެ ކަމަށެވެ. އެހެންކަމުން އެއް ދާއިރާއަކަށް އާދަޔާ ހިލާފަށް ގިނައިން ލޯނު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ޑިގުރީ ލޯން ސްކީމުގެ ދަށުން މިދިޔަ އަހަރު ކިޔެވުމުގެ ހަރަދު ފިޔަވައި އެހެނިހެން ހަރުދުތައް ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ ވަކި ދާއިރާއަކުން ކިޔަވަން ލޯނު ނެގި ދަރިވަރުންނަށް ކަމަށްވިޔަސް މިއަހަރު ރާއްޖޭގައި ފުރަތަމަ ޑިގުރީއަށް ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށްވެސް، އެ ދަރިވަރަކު އިތުރު އެހީ ބޭނުންވާނަމަ ލޯނު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ލޯނު ނަގާފައިވިޔަސް ދަރިވަރުގެ އަމިއްލަ އިހުތިޔާރުން ބޭރުގެ ހިނގި ކަމެއްގެ ސަބަބުން ކިޔެވުން ފުރިހަމަ ނުކުރެވިފައިވާނަމަ، އެ ކޯސް ނިންމުމަށް ލޯނު އެކްސްޓެންޝަން ފައިސާ ދިނުމަށް މިއަހަރު ނިންމާފައިވާ ކަމަށެވެ. އެ ފުރުސަތު ލިބިގެންދަނީ ލައިސަންސް ލެވެލް، ޑިޕްލޮމާ ލެވަލް، ޑިގްރީ އަދި މާސްޓާސްއަށް ކިޔަވާ ދަރިވަރުންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ޕީއެޗްޑީ ހެދުމަށް 15 ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތުތައް ހުޅުވާލީ ރާއްޖޭގެ ކޮލެޖުތަކަށް މީހުން ބިނާކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕީއެޗްޑީއަށް ކުރިމަތިލެވޭނީ ކޮލެޖު ނުވަތަ ޔުނިވާސިޓީން ނޮމިނޭޓް ކުރާ ފަރާތްތަކަށް އެކަންޏެވެ.

ހަޔާ އެޑިއުކޭޝަނުން ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ލޯނަށް އެދުމުގެ 720 ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތުތައް މިނިސްޓްރީން ހުޅުވާފައިވަނީ އިދާރީ ފީގެ ގޮތުގައި އެއް ޕަސަންޓު ޗާޖުކުރާ ގޮތަށެވެ. ދަރިވަރުން ލޯނަށް ހުށަހަޅާ އިރު ލޯނަށް އަރާނެ ވަރު އެނގެން ހުންނާނެ ކަމަށާއި ފަހުން އެ އަދަދު ބަދަލުނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލޯނަށް އެދުމަށް އަންނަ މަހުގެ 15 ދުވަހުގެ ކުރިން މިނިސްޓްރީގެ [ޕޯޓަށް](https://www.mohe.gov.mv/scholarship-loan/view/228?fbclid=IwAR0jGpb8F7465PD6pARrniSqyF1wSgPqd8JED0IzsqbIb2rm7iJKe9adpNc) ހުށަހެޅުމަށް ވަނީ އެދިފައެވެ.