މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީ ދެމަފިރިއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި، އަނބި މީހާގެ ގަޔަށް ވަޅި ހަރައި، ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާއަށް ކުރާ ދައުވާގައި، އޭނާގެ ގަޔަށް ވަޅި ހެރުނީ ނިދާފައި އޮވެގެން ފުރޮޅުމުގެ ތެރޭގައި ކަމަށް އަންހެން މީހާ ބުނެފިއެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ދެމަފިރިންގެ ދޭތެރޭގައި ހިނގިކަމަށް ބުނާ މި މާރާމާރީގެ މައްސަލައިގައި ފިރިމީހާ، ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހުލާސާ ބަޔާން އިއްވުމެވެ. މި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އޭނާ ގަސްތުގައި އަނބިމީހާއަށް ހަމަލާދީފައިވާ ކަމަށާއި، އެ ހަމަލާދިނީ ނިދާފައި އޮއްވައި ކަމަށެވެ.
އަންހެންމީހާ ފުލުހުނަށް ދިން ބަޔާނުގައިވެސް ބުނެފައިވަނީ ފިރިމީހާ އޭނާއަށް ހަމަލާދީ ވަޅި ހެރި ކަމަށެވެ.
މިހާދިސާގެ ވީޑިއޯއެއް އޭރު އާއްމު ވެފައިވާއިރު، އެ ވީޑިއޯއިން ވެސް ފެންނަނީ ފޫކޮޅު މަސްގަނޑާ ދިމާލުން ފަލަމަސްގަނޑަށް ހަރާފައިވާ ވަޅިއާއެކު ފުލުހުންގެ އެހީގައި ހަނި ސިޑިއަކުން އެ އަންހެންމީހާ ބޭރަށް ނެރެގެން ގެންދާ މަންޒަރެވެ. އަދި އޭރު އަންހެން މީހާގެ މުޅި ހެދުމުގެ ފަސްބައި ލެއިން ތަތްތެޅިފައިވާއިރު އަންހެންމީހާގެ ގިސްލުމުގެ އަޑު އިވެ އެވެ.
ނަމަވެސް އެ މައްސަލައިގައި ހެކިބަސް ދިން ގޮތާ ހިލާފަށް، ޝަރީއަތުގެ މަޖިލީހުގައި އަންހެން މީހާ މިއަދު ބުނެފައި ވަނީ، އޭނާ ނިދަން އޮތީ ތަރުކާރީ ކޮށާތަނާ ދިމާލު، ސިޓިން ރޫމުގައި ކަމަށެވެ. އެއީ އާއްމުކޮށް ވަޅި ފަދަ ތަކެތި ހުންނަތަނެއް ކަމަށާއި، އޭނާގެ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅުމުން ކަމަށް ވެސް ބުނެފައިވެއެވެ.
ދެ ފަރާތުގެ ހުލާސާ ބަޔާނަށްފަހު، މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ގާޒީ ޝަފީއު ވިދާޅުވީ، މި މައްސަލައިގެ ހުކުމް ކުރެއްވުމަށް އަންނަ މާޗްމަހުގެ ހަ ވަނަދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު