ހުޅުމާލޭގައި ހެދި ސަރުކާރުގެ އޮފީސް އިމާރާތް މިއަދު ހުޅުވައިފިއެވެ.
މިދިޔަ އަހަރު އަވަހާރަވި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ހަނދާނުގައި އެ މަނިކުފާނުގެ ނަމުން ނަން ދީފައިވާ އެ އިމާރާތް ހުޅުއްވައިދެއްވީ އެ ތަނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިމާރާތް ހުޅުވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އެ އިމާރާތުގައި ގައުމީ ދިދަ ނަންގަވައިދެއްވައިފައެވެ.
ޓްރީޓޮޕް ކައިރީގައި ހުންނަ ހަ ބުރީގެ މި އިމާރާތަކީ ސަރުކާރުގެ ގިނަ އޮފީސްތަކުގެ އިދާރީ މަސައްކަތްތަކަށް އަމިއްލަ ތަންތަން ވަކި މުއްދަތެއް ނެތި ކުއްޔަށް ހިފައިގެން އުޅެން ޖެހިފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ހެދި އިމާރާތެކެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019ގައި ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގުރޫޕާ ހަވާލުކޮށްގެން ހެދި މި އިމާރާތަށް ޖުމުލަ 185 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި އިމާރާތުގެ ކޮންމެ ބުރިއެއްގެ ބޮޑު މިނުގައި 25,000 އަކަފޫޓް ހުންނައިރު، މި އިމާރާތުގެ ފަންގިފިލާތައް ބެހިގެންވާ ގޮތަކީ:
- ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ: ޕާކިން އޭރިއާ
- ދެވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް
- ތިންވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- ހަތަރުވަނަ ފަންގިފިލާ: އެމެރިކަން އެމްބަސީ
- ފަސްވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
- ހަވަނަ ފަންގިފިލާ: ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަހެއް
މިހާތަނަށް ޖެންޑާ މިނިސްޓްރީ ވަނީ އެ އިމާރާތަށް އެއްކޮށް ބަދަލުކޮށްފައެވެ. އަދި އެހެން މިނިސްޓްރީތައް ވެސް އެ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު