ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން 2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްތަކަށް "ކަންގަތި އެވޯޑް" ދީފިއެވެ.
އެލްޖީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ "ކަންގަތި އެވޯޑް" އަކީ ކައުންސިލްތަކުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ. އަދި ކައުންސިލްތަކަށް "ކަންގަތި އެވޯޑް" ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލްތަކުން އެލްޖީއޭއަށް ހުށަހަޅާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"ކަންގަތި އެވޯޑް" ދިނުމަށް ކައުންސިލްތަށް ހަތަރު ބަޔަކަށް ގިންތި ކޮށްފައިވާ ކަމަށާއި އެއީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ގަދަހަމާންތި ދަރަޖަ އާއި ރަށު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ރަނަހަމާންތި ދަރަޖަ އަދި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށް އަދި އަތޮޅު ކައުންސިލަށްދޭ މާރަދަ ހަނދާނީ ފިލާ އާއި ފާއިތުވެދިޔަ އަހަރުގެ ނަތީޖާއާ އަޅައި ބަލާއިރު، އެންމެ ބޮޑު ކުރިއެރުން ހޯދި އަތޮޅު އަދި ރަށު ކައުންސިލަށްދޭ ކާންނަ ހަނދާނީ ފިލާ ކަމަށް އެލްޖީއޭއިން ބުންޏެވެ.
އެލްޖީއޭއިން ބުނީ ސަބް އިންޑެކްސް ބައި ހަތަރު ބަޔަކަށް ބެހިފައިވާ ކަމަށެވެ. އެއީ އިފެކްޓިވް އިންޑެކްސް އާއި ޕާޓިސިޕޭޝަން އިންޑެކްސް އާއި ސެކިއުރިޓީ އިންޑެކްސް އަދި އެވެ.
ސަބް އިންޑެކްސްގެ ކެޓަގަރީން އެންމެ މަތީ ދަރަޖަ ހޯދާފައިވާ ރަށު ކައުންސިލަކީ ކުރެންދޫ ކައުންސިލެވެ. އެ ކެޓަގަރީން އެންމެ މަތީ ދަރަޖަ ހޯދި އަތޮޅު ކައުންސިލަކީ ތިލަދުންމަޑުން އުތުރުބުރީ އަތޮޅު ކައުންސިލެވެ. އިފެކްޓިވް އިންޑެކްސްގެ އެންމެ މަތީ ދަރަޖަ ހޯދި އަތޮޅު ކައުންސިލަކީ މިލަދުންމަޑުލް އުތުރުބުރީ ކައުންސިލެވެ. އަދި އެންމެ މަތީ ދަރަޖަ ހޯދި ރަށު ކައުންސިލަކީ ފެހްނދޫ ކައުންސިލެވެ.
ޕާޓިސިޕޭޝަން އިންޑެކްސްގެ ބައިން އެވޯޑް ލިބިފައިވަނީ ނިލަންދި އަތޮޅު އުތުރުބުރީ ކައުންސިލެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން އެ އެވޯޑު ލިބުނީ ބޮޑުފުޅަދޫ ކައުންސިލަށެވެ.
ސެކިއުރިޓީ އިންޑެކްސްގެ ބައިން އެންމެ މަތި ދަރަޖަ މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލް ހޯދި އިރު، ރަށު ކައުންސިލަކަށް ހޮވުނީ ހުޅުދުއްފާރު ކައުންސިލެވެ.
އެލްޖީއޭއިން ބުނީ އެވޯޑުތައް ލިބުނު ކައުންސިލްތަކަށް ރަސްމީކޮށް އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ފަހުން އިއުލާން ކުރާނެ ކަމަށެވެ.