އޭއައި، ނުވަތަ އާޓިފިޝައަލް އިންޓެލިޖެންސްގެ ޒަމާން މިއޮތީ އައިސްފައެވެ. ދުނިޔޭގެ ހުރިހާ ކުންފުނިތަކަކުން އޭއައި އެކުލެވޭ ޕްރޮގުރާމްތަކާއެކު އާ ޖާދޫތައް ދައްކަން މިވަނީ ފަށާފައެވެ. އެގޮތުން މައިކްރޯސޮފްޓުން ޗެޓްޖީޕީޓީ ގަނެ ބުނާ އެއްޗެއްގެ ސުރުހީ އަޅައިލުމުން މުޅި ލިއުން ލިޔެދޭން ފެށިފަހުން ގޫގުލް އަށް ކެތެއް ނުވިއެވެ.
ގޫގުލް އަކީ މައިކްރޯސޮފްޓް އަދި އެޕަލް ކުންފުނީގެ ވެސް ވާދަވެރި، ދުނިޔޭގެ އެންމެ ވަރުގަދަ އައިސީޓީ ކުންފުނިވެސް މެއެވެ. ގޫގުލް އަކީ އާ އީޖާދުތައް އުފެއްދުމުގައި ކުރިއަރާފައިވާ ދުނިޔޭގެ އެންމެ މަޝްހޫރު ގޫގުލް ސާޗް އިންޗީނުވެސް ހިންގާ ކުންފުނިވެސް މެއެވެ. ގޫގުލް ސާރޗުން ފަސޭހަކަމާއިއެކު ކޮންމެ އެއްޗެއްގެ މައުލޫމާތުވެސް ހޯދޭނެއެވެ. އަތުން ލިޔަން އުނދަގޫނަމަ ވޮއިސް ކޮމާންޑަކުންވެސް އެކަން ވާނެއެވެ. ނުވަތަ ފޮޓޯގަނޑެއް އަޕުލޯޑް ކޮށްލުމުން އެފޮޓޯއާ އެންމެ ވައްތަރު އަދި ގުޅުން ހުރި ހުރިހާ ފޮޓޯއެއް ފެސޭހަކަމާއިއެކު ހޯދައިދޭނެއެވެ.
އާންމު ދިރިއުޅުމާ ގުޅޭ އެތައް ކަމެއް ފަސޭހަކަމާއެކު ރާވާލުމަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް އެއްތާކުން ހޯދޭނެ ތަނަކީ ގޫގުލް އެވެ. މިހުރިހާ ކަމެއް ކުރި މީހުންނަށް ގޫގުލްގައި ލިޔެލައިދޭ ބަސްތަކާ ގުޅުވައިގެން އެ ބަސްތަކާ ގުޅުން ހުރި މިޔުޒިކާއި އެ ލިޔާ ބަސްތަކާގުޅޭ ރީތި ރާގެއްވެސް ހިމެނޭހެން ލަވައެއް ހަދާލުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހުރިހާ ކަމެއްގެ ފަހަތުގައި މިފަހަރު ހިމެނެނީ އާޓިފިޝައަލް އިންޓެލިޖެންސްގެ އެންމެ ފަހުގެ ޓެކްނޮލީކަމަށް މީޑިއާތަކުން ބުނެއެވެ.
އޯޕަން އެއާގެ އިމޭޖް ޖެނެރޭޓަރ ޑަލް-އީއާ އެއްގޮތް މޮޑެލްގެ ނަމަކީ މިޔުޒިކްއެލްއެމް ކަމަށާއި މިއީ ގޫގުލް އިން ތިރީސް ދިރާސާވެރިން ބޭނުން ކޮށްގެން އުފެއްދި އުފެއްދުމެކެވެ. އެގޮތުން މިޔުޒިކްއެލްއެމް ބޭނުންކޮށްގެން ހަދާފައިވާ ގިނަ އަދަދެއްގެ ސާމްޕަލްތައް ހިމެނޭއިރު، އޭގެތެރޭގައި މެލޯޑިކް ޓެކްނޯ، ސްވިންގް، އަދި ޖޭޒްގެ ފަސް މިނެޓުގެ ކްލިޕްތައް ހިމެނޭއިރު، މެޑިޓޭޝަން އަޑުތަކާއި އިލެކްޓްރޯނިކް މިޔުޒިކުން ފެށިގެން ޑެތު މެޓަލް އަދި ރެޕްގެ ޖޯންރާތަކެއް މި ޕްރޮގްރާމްގައި ހިމެނެ އެވެ. އަމިއްލައަށް ހަދާ ޅެމަކަށް ނުވަތަ ލިޔާ ބަސްތަކަކަށް މިޔުޒިކް އުފައްދަނީ، އޭގެ ރާގު، މިޔުޒިކް އަދި އެ ބަސްތައް ނުވަތަ ލެންބައިތުގައި ބުނާ ބަސްތަކާއި އޭގެ މާނައަށްވެސް ބަލައިގެން އެ އިހްސާސްތައް ގެނެސްދޭނެ ގޮތަށެވެ. މިސާލަކަށް އެއް ހާލަތެއްގައި އެއީ ހިތާމަވެރި ބަސްތަކެއް ނަމަ ހިތާމަވެރި ރާގެކެވެ. އަދި ލޯބީގެ ބަސްތަކެއް ނަމަ ނަށައިލެވޭ ފަދަ ރާގަށް އޮޕެރާ ސްޓައިލްގެ މިޔުޒިކާ އެކުވެސް ލަވަ ހެދިދާނެއެވެ.
ގޫގުލްގެ އެޕްލިކޭޝަންތަކާއި ގުޅުވައިގެން ދޫކޮށްލާ މި ޓޫލްގެ ސަބަބުން ލަވައިގެ ރާގެއް އަދި އެކިއެކި ފާޑުގެ ރީތި މިޔުޒިކާއެކު ރާގުތައް އެންމެ ފަހުގެ އެންމެ ޒަމާނީ ސްޓައިލްގައި ވަގުތުން އުފެއްދޭނެއެވެ. އެހެން ކަމުން މި ހިދުމަތާއެކު އަމިއްލައަށް ހަދާ ޅެންތަކަށް ރާގު އަދި މިޔުޒިކް ނުހެދިގެން އުޅޭ ޒަމާން މާޒީވެ ފަސޭހަ ހައްލެއް މިކަމަށް ލިބިގެންދާނެއެވެ.