މުދަލުޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް، އެކަމަށް ބޭނުންވާ ގާނޫނު ހެދުމަށްޓަކައި، ބިލެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި ޒަކާތް ދައްކަން ޖެހޭ މީހުންގެ އަދަދާއި، ޒަކާތް ދައްކާ މީހުންގެ އަދަދާއި، އަދި ޒަކާތް ދެއްކުން ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްތީފު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޒަކާތް ދެއްކޭ ގޮތަށް ހަމަޖެހިފައިވަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަމަށެވެ.

މުދަލު ޒަކާތް ދައްކަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި، ނަމަވެސް ކަނޑައެޅިގެން ވަކި ބައެއްގެ އަތުން ނުވަތަ، މަޖުބޫރުން މުދަލު ޒަކާތް ނެގުމުގެ އުސޫލެއް ނެތްކަމަށްވެސް ވިދާޅުވިެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، ޒަކާތް ނެގުން ހަރުދަނާ ކުރުމަށް މަޖިލީހަށް ބިލެއް ހުށައެޅުމަށް އޭޖީއަށް ވަނީ ފޮނުވާފައިވާ ކަމަށެވެ. ވަރަށް އަވަހަށް އެބިލު މަޖިލީހަށް ހުށައެޅި، މަސައްކަތް ފެށޭނެކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.