މިމަހުގެ 24 ގައި ބާއްވަން ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ޖަލްސާއަށް، އެ ޕާޓީގެ ގޮފިތަކުގެ އިންތިހާބު ބާއްވަން އަންގައިފިއެވެ.

ޖޭޕީން އަންގާފައިވަނީ، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ހަދާފައިވާ ޕާޓީގެ ގޮފިތަކުގެ ތެރެއިން، މިހާތަނަށް އެތެރޭގެ އިންތިހާބު ނުބާއްވާ ގޮފިތަކުގެ އެތެރޭގެ އިންތިހާބު ޕާޓީގެ އިލެކްޝަންސް ކޮމިޓީގެ ލަފާގެ މަތިން ކުރިއަށް ގެންދިއުމަށްފަހު، އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ބައިވެރިވުމަށް ޕާޓީގެ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެކަމަށްޓަކައި ހުޅުވާލާފައިވާ އެންމެ ފަހު ތާރީހަކީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް ވެސް ބުނެފައިވެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނެ ކައުންސިލް އިންތިހާބުކުރުމަށް ބާއްވާ ގައުމީ ޖަލްސާ ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 24 އިން 25 އަށެވެ.

ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޖޭޕީން ރިޔާސީ އިންތިހާބާ ގުޅޭ ނިންމުންތައް ނިންމާނީ، ގައުމީ މަޖިލީހުގެ ޖަލްސާ އިން ފާސްކުރާ އެ ޕާޓީގެ ކައުންސިލުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފުތަރުގައިވާ ގޮތުގައި ޖޭޕީގައި 18،000 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

ޖޭޕީން ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ޕާޓީގެ ލީޑަރުގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމަށް ރައީސަކު އައްޔަންކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރުން ހިމެނެއެވެ.

ޖޭޕީގެ ރައީސްކަމުގައި މިހާރު ހުންނެވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޖޭޕީގެ ގައުމީ ޖަލްސާގައި ބައިވެރިވާނީ އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިބި މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނެވެ.

ޖޭޕީން ވަނީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ދައްކާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.

ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި ބޭއްވި ތިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް ޖޭޕީގެ ހިއްސާ އޮތެވެ. އެ ޕާޓީން ވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ.