އުތުރު ކޮރެޔާއަކީ އެހެން މީހުންނަށް ދެއްކުމަށްޓަކައި ވަރަށް އާދަޔާ ޚިލާފު ކަންކަން ކުރާކަމަށް މަޝްހޫރު ގައުމެކެވެ. ގައުމުގެ އަސްލު ހާލަތު ބައިނަލްއަގުވާމީ މުޖުތަމައަށް ފޮރުވައި މުޅިން އެހެން މަންޒަރަކާއެކު ދެއްކުންތެރިކަން އިސްކުރާ ކަމަށް ބުނެވޭ ގައުމެކެވެ. އާއްމުގޮތެއްގައި ބޭރުމީހުން ޒިޔާރަތްކުރާ ގައުމަކަށް ނުވިއަސް ވަރަށް ރީތި އުސް ހޮޓާތައްވެސް ވެރިރަށް ޕިޔޮންގްޔަންގުން ފެންނާނެއެވެ. ފެނެއެވެ. ހުޅަނގުން ތުހުމަތުކުރާ ގޮތުގައި އެއީ އަސްލު ހޮޓާ ހޮޓަލެއް ނޫނެވެ. ތޮށިގަނޑެކެވެ. ހަމަމިގޮތަށް ވަރަށް ރީތި ވިލެޖުތައްވެސް ދެކުނު ކޮރެޔާގެ ބޯޑަރާއި ގާތުން ފެނެއެވެ. އެތަންތަނަކީވެސް އަސްލު ވިލެޖުތަކެއް ނޫންކަމަށާއި އެއީ ބޭރަށް މަންޒަރު ދެއްކުމަށް ކާޑުބޯޑުން ހަދާފައި ހުންނަ ނަގުލީ ތަންތަންކަމަށް ހުޅަނގުން ބުނެއެވެ.

ބަައެއްފަހަރަށް އެކިކަހަލަ މުނާސަބާތަކާއި ގުޅުވައިގެން ބާއްވާ އަސްކަރީ ޕެރޭޑުތަކަށް ނެރޭ އެކިކަހަލަ ހަތިޔާރަކީވެސް އަސްލު ހަތިޔާރު ނޫންކަމަށާއި އެއީ ޕްލައިވުޑާއި ކަރުދާހުން ހަދައިފައި ކުލަޖައްސާފައި ހުންނަ ތަކެތިކަމަށް ގަބޫލުކުރާ މީހުން ވަރަށްވެސް ގިނައެވެ. އުތުރު ކޮރެޔާގެ އެއްގަމު ސިފައިންގެ ލަޝްކަރުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ 8 ވަނަ ދުވަހު ނުހަނު ބޮޑު އަސްކަރީ ޕެރޭޑަކާއެކު ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އުތުރު ކޮރެޔާގެ އަތުގައި ހުންނަ އެންމެ ޒަމާނީ ހަތިޔާރާއި އައު އުފެއްދުންތައް ދުނިޔެއަށް ދައްކައިލުންވެސް އެންމެ ބޮޑަށް އޮންނަނީ މިދުވަހުއެވެ. މިފަހަރުގެ މިދުވަސް ވެރިރަށް ޕިޔޮންގްޔަންގައި ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑުގެ ތެރެއިން ފެނުނީ އިހަށް ފެނިފައިނުވާ ކަހަލަ ޒަމާނީ ވަރުގަދަ ހަތިޔާރުތަކެވެ. ގިނަ އަދަދަކަށެވެ. އެއީ އަސްލު ހަތިޔާރު ހެއްޔެވެ؟

މިފަހަރު ދައްކައިލި މިފަދަ އައު އެކައްޗަކީ ހުވާސޮންގް-17 މަރުކާގެ ދިގުރާސްތާގެ މިސައިލެވެ. މިއީ ބައްރުތައް ހުރަސްކޮށް ދަތުރުކުރާ އަދި ނިއުކުލިއަރ ބޯ އުފުލުމުގެ ކުޅަދާނަކަން ލިބިގެންވާ މިސައިލެކެވެ. މި އެއްޗެއްގެ އަޖުމަވެސް އުތުރު ކޮރެޔާއިން ބަލައިފައިވަނީ ހުސްވި އަހަރުގެ ތެރޭގައެވެ. މިފަހަރުގެ ޕެރޭޑުގައި މީގެ އެގާރަ މިސައިލް ދައްކައިލިއެވެ. ހުވާސޮންގް-17 އަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައިވާ އަމާޒަކަށްވެސް ވާސިލްވެވޭވަރުގެ ދިގު ރާސްތާއެއް ލިބިގެންވާ، އަދި އެހާމެ ދުވެލިބާރު އެއްޗެކެވެ. އެއް ބޮލަށްވުރެ ގިނަ ބޯ ހަރުކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ ހަތިޔާރެކެވެ. އުތުރު ކޮރެޔާއިން މި އެއްޗެއްގެ އަޖުމަ ބެލިފަހުން އެމެރިކާގެ އަސްކަރިއްޔާގެ ވެރީންނަށް ރަނގަޅަށް ހަމަނިދިވެސް ނުލިބޭކަމަށްވެއެވެ. މި އެއްޗެއް އެމެރިކާއަށްވެސް ފޯރުން އެކަށީގެންވާތީއެވެ.

މި އެެއްޗެއްގެ އަޖުމަބެލިތާ އަދި ގިނަ ދުވަސްތަކެއް ނުވެއެވެ. އަހަރެއްވެސް ނުވެއެވެ. އެކަމަކު މިފަހަރުގެ އަސްކަރީ ޕެރޭޑަށް މީގެ އެގާރައެތި އެއޮތީ ނެރެ ދައްކައިފައެވެ. މިކަން މިމަގުން ކުރީމާ އެމެރިކާގެ ބިރުވެރިކަން އިހުނަށްވުރެވެސް ބޮޑުވެއްޖެއެވެ. މިހާ އަވަހަށް މިހާ ގިނައިން އުފެއްދިދާނެ ކަމަށް ލަފާކުރެވިފައިވެސް ނެތީއެވެ. ޕެރޭޑަށް އެގާރައެތި ނެރޭނީ ސްޓޮކްގައި ފަންސާހަށްވުރެ މަދުނޫން އަދަދެއް ބެހެއްޓުމަށްފަހުގައެވެ. މީގެ ދެބައިކުޅައެއްބައިވެސް އެއްފަހަރާ އުދުއްސާލައިފިނަމަ އެމެރިކާގެ މިސައިލުން ދިފާއުވާ އައްޑަނަޔަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ. ދެން އޮންނާނީ މިސައިލްތައް އުދުއްސައިލުމުގެ ކުރިން އެޔަށް ހަމަލަދީ ހަލާކުކޮށްލުމެވެ. އުތުރު ކޮރެޔާގެ މިސައިލްތަކަކީ ލިކުއިޑް ފިއުލް މިސައިލްތަކަށްވާތީ ކުރީބައިގައި އެތަކެއްޗަށް ހަމަލަދޭންވެސް ފަސޭހަވާނެއެވެ.

އުތުރު ކޮރެޔާއިން މިހާތަނަށް ތަރައްގީކޮށް އުފައްދާފައިވާ ދުރުރާސްތާގެ މިސައިލްތަކަކީ ކޮންމެ ނަމެއްކިޔަސް ލިކުއިޑް ފިއުލް މިސައިލްތަކެކެވެ. މިއީ އުދުއްސައިލުމަށް ވަގުތު ބޭނުންވާ އެއްޗެކެވެ. ދުޝްމަނުންނަށް އޭގެ މައުލޫމާތު އެނގި މާކުރިން ހަމަލަދީ ހަލާކުކޮށްލުމުގެ ފުރުސަތު އޮންނަ އެއްޗެކެވެ. މި ފުރުސަތު ކުޑައީ ސޮލިޑް ފިއުލް މިސައިލްތަކުގެއެވެ. މިއީ އުތުރު ކޮރެޔާގެ އެއްގަމު ސިފައިންގެ އަތުގައި ހުރި އެއްޗެއް ނޫންކަމަށް މިހާތަނަށް އޮތީ ހީކުރެވިފައެވެ. އެކަމަކު މިފަހަރުގެ އަސްކަރީ ޕެރޭޑުގައި ސޮލިޑް ފިއުލް މިސައިލްތަލާއި އޭގެ ހަރުވެސް ވަނީ ދައްކާލައިފައެވެ. މިއިން އެނގުނު އެއްޗަކީ އެއްގަމާއި ކަނޑުންވެސް މިޒާތުގެ މިސައިލް ފޮނުވައިލުމުގެ ކެރިކުޅަދާނަކަން އުތުރު ކޮރެޔާއަށް މިހާރު ލިބިގެންވާ ކަމެވެ.

އަނެއްކާވެސް އެމެރިކާ އާއި ޖަޕާނާއި ދެކުނު ކޮރެޔާއަށް ކުރިމަތިމިވީ އައު ބިރެކެވެ. އައު ގޮންޖެހުމެކެވެ. ރާވަންޖެހިފައިވަނީ އައު ރޭވުންތަކެކެވެ. އުތުރު ކޮރެޔާއިން މިފަހަރު ދައްކައިލި ހަތިޔާރުތަކަކީ ހަގީގީ ހަތިޔާރުކަމަށް ވަންޏާ ބިރުވެރިކަން ކިތަންމެހައިވެސް ބޮޑެވެ. އެކަމަކު އުތުރު ކޮރެޔާއަކީ އަސްލު ތަކެތީގެ ބަދަލުގައި ނަގުލީތަކެތި ދެއްކުމުގެ ސަގާފަތެއް ގެންގުޅޭ ގައުމަކަށްވާތީ މިފަހަރުވެސް ގިނައިން ނެރުނީ ކާޑުބޯޑުން ހަދައިފައިވާ ތަކެތި ކަމަށް ހީކޮށްގެން ހިތަށް ހަމަޖެހުން ގެނެވިދާނެއެވެ. އުތުރު ކޮރެޔާގެ އެންމެ ދެކުނު ބިތުން ދެކުނު ކޮރެޔާގެ ބޯޑަރާ ގާތުގައި ހަދައިފައިވާ ކިޖޮންޑޮންގް ވިލެޖު ފަދައިންނެވެ. ދުރުން ބަލާ މީހަކަށް އެއީ ނުހަނު ރީތި ޒަމާނީ ވިލެޖެކެވެ. އެކަމަކު ވަދެ ބެލީމާ ކާޑުބޯޑުގެ ފުނިވަރެކެވެ.