އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން އެއްވަރުވި އިރު، ލެސްޓާ ސިޓީން ބޮޑު ތަފާތަކުން ޓޮޓެންހަމް ބަލިކޮށްފިއެވެ.
ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފުތާ އާސެނަލުން ލީގުގައި ކުޅުނު މެޗުގައި އެވަޓަން ކައިރިން 1-0 އިން ބަލިވެފައިވުމާއެކު މިރޭގެ ނަތީޖާވީ މާޔޫސީ ނަތީޖާއަކަށެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އާސެނަލުން 21 މެޗުން 51 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި އޮތް ސިޓީން 21 މެޗުން ވަނީ 45 ޕޮއިންޓް ހަމަކޮށްފައެވެ. ސިޓީން އެސްޓަންވިލާއާ ދެކޮޅަށް މާދަމާ ރޭ ނުކުންނަ އިރު، މި ހަފުތާ ތެރޭގައި އާސެނަލްއާ ވާދަކުރާނެއެވެ. އެހެންކަމުން އެ ދެ މެޗުގެ ނަތީޖާއިން ސިޓީއަށް ލީގު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު މިހާރު އެބައޮތެވެ.
މިރޭގެ މެޗު ފެށިގެން އާސެނަލުން މެޗުގެ ކޮންޓްރޯލުގައި ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ހާފުގައި ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ބްރެންޓްފޯޑެވެ. ރިކޯ ހެންރީއަށް ހުސް ދެ ފުރުސަތު ލިބި ބޭކާރުވެގެން ދިޔަ އިރު، ބްރައިން އެމްބުއޭމޯ ވަނީ ބޯޅަ ގޯލަށް ވައްދައިވެސް ލައިފައެވެ.
އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ކައިރިން އެމްބުއޭމޯ ބޯޅަ ހިފައިގެން ގޮސް ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޭނާ ފައުލް ކުރި ކަމަށެވެ.
ދެވަނަ ހާފު ފެށިގެންވެސް ނުރައްކާ ކުރީ ބްރެންޓްފޯޑުންނެވެ. އިވާން ޓޮނޭއަށް ފުރުސަތެއް ލިބި ބޭކާރުވި އިރު، އާސެނަލުން ލީޑު ނެގީ ފުރަތަމަ ރަނގަޅު ހަމަލާގައެވެ. އަރިމަތިން ނަގައިދިން ހިތްގައިމު ގޯލެއް ގޯލަށް ވައްދާލައި، މެޗުގެ 66 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ލިއޭންޑްރޯ ޓްރޮސާޑެވެ.
އެ ގޯލަކީ އާސެނަލަށް ބަދަލުވިފަހުން ޓްރޮސާޑް ޖެހި ފުރަތަމަ ގޯލެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ބްރެންޓްފޯޑް ކުރި މަސައްކަތް ކާމިޔާބުވީ 74 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމެއްގައި ހުރަސްވި ބޯޅައެއް އާސެނަލް ޑިފެންސަށް ސާފު ނުކޮށްލެވިގެން ދިއުމުގެ ފައިދާ ނަގައި ގޯލު ޖެހީ ޓޮނޭއެވެ.
ލީގުގައި މިރޭ ޓޮޓެންހަމް ކުޅުނު މެޗުގައި ލެސްޓާ އަތުން ބަލިވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިދިޔަ ހަފުތާގައި ސިޓީ ބަލިކުރި ޓޮޓެންހަމަށް މި ހަފުތާ ކުރިމަތިވި ބޮޑު ބައްޔާއެކު އެޓީމު ތާވަލުގެ ފަސްވަނައިގައި އޮތީ 23 މެޗުން 39 ޕޮއިންޓާ އެކުގައެވެ. މޮޅާއެކު ލެސްޓާ ވަނީ 13 ވަނައަށް ޖެހިލައިފައެވެ. އެއީ 22 މެޗުން 24 ޕޮއިންޓާއެކުގައެވެ.
ޓޮޓެންހަމްގެ އެއް ނަންބަރު ގޯލްކީޕަރު ހޫގޯ ލޮރިސްއަށް އަނިޔާވެ، މިރޭގެ މެޗަށް ނުކުތީ ފްރޭސާ ފޯސްޓާއެވެ. ޓޮޓެންހަމްއިން ރަނގަޅަށް މެޗު ފަށައި، ރޮޑްރީގޯ ބެންޓެންކޫރުގެ ގޯލުން ލީޑު ނެގި ނަމަވެސް ލެސްޓާއިން ވަނީ ފުރަތަމަ ހާފުގައިވެސް ފަހަތުން އަރައި ތިން ގޯލް ޖަހައިފައެވެ.
ލެސްޓާގެ ގޯލުތައް ޖަހައިދިނީ ނަމްޕްލޭސް މެންޑީއާއި ޖޭމްސް މެޑިސަން އަދި ކެލެޝީ އިހެނާޗޯއެވެ. ދެވަނަ ހާފްގައިވެސް ރަނގަޅަށް ކުޅެ، ހާވީ ބާންސް ޖެހި ގޯލާއެކު ލެސްޓާ އިތުރަށް ލީޑު ފުޅާކޮށް މެޗު ކާމިޔާބު ކުރިއެވެ.
މިރޭ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާލައި އިރު، ފުރަތަމަ ހާފުން ފެށިގެން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ވުލްވްސްއިން ވަނީ ފަހަތުން އަރައި 2-1 އިން ސައުތުހެމްޓަން ބަލިކޮށްފައެވެ. ފުލްހަމްއިން 2-0 އިން ނޮޓިންހަމް ބަލިކުރި އިރު، ކްރިސްޓަލް ޕެލެސްއާއި ބްރައިޓަން ވީ 1-1 އިން އެއްވަރެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު