ށ. މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ފުޓުބޯޅައާއި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް އެކަޑަމީއެއް ހުޅުވައިފިއެވެ.
މާއުނގޫދޫ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެކަޑަމީ އިފްތިތާހުކޮށްދިނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެކަޑަމީ ކޯޗު އިބްރާހިމް ޝާފިއު (ޝާއްކޮ) އާއި ހޭންޑްބޯލް ޓްރެއިނަރު މުހައްމަދު އަސްލަމެވެ.
މާއުނގޫދޫ ބައޯނިކް ކްލަބުން ބުނީ ދެ ޖިންސުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ހުޅުވި އެ އެކަޑަމީ އަކީ މާއުނގޫދޫގެ ސްކޫލު ދަރިވަރުންނަށް އަމާޒުކޮށް ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ހުޅުވުނު އެކަޑަމީއެއް ކަމަށެވެ. އެގޮތުން އަންހެން ކުޅުންތެރިންނަށް ހޭންޑްބޯޅަ އަދި ފިރިހެން ކުޅުންތެރިންނަށް ފުޓުބޯޅަ ހާއްސަކުރެވިފައިވާ ކަމަށެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެކަޑަމީގެ ކުދިންނާ މުހާތަބުކޮށް ވާހަކަދައްކަމުން ހޭންޑްބޯލް ޓްރެއިނަރު އަސްލަމް ބުނީ، ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައިވީ ނަމަވެސް އެ ކުޅިވަރަކުން ކުރިއަރައިދާނީ ރިވެތި އަހުލާގާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއެކު ކަމަށެވެ. އެގޮތުން ތަމްރީނުތައް ކުރިއަށްދާ ވަގުތުތަކުގައި ކޯޗުން ކިޔައިދޭ ކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބައޯނިކް ކްލަބުގެ ރައީސް އުބައިދުﷲ މުހައްމަދު ވިދާޅުވީ، އެ އެކަޑަމީއަކީ މީގެ އެތަކެއް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި މިއީ އެކުވެރިކަމާއެކު އެކީގައި މަސައްކަތްކުރާ ޓީމެއްގެ ބުރަ މަސައްކަތް ކަމަށެވެ. އެހެންކަމުން ބައޯނިކް ކްލަބުގެ ރައީސް ވަނީ ކްލަބުގެ ހުރިހާ މެންބަރުންނާއި ވަކިން ހާއްސަކޮށް އެކަޑަމީގައި އުޅޭ ކުދިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ބައޯނިކް ކްލަބުގެ އެކަޑަމީގައި މިހާތަނަށް 94 ކުދިން ރެޖިސްޓްރީ ވެފައިވާ އިރު، ފުޓުބޯޅަ އެކަޑަމީގައި 58 ކުދިން އަދި ހޭންޑްބޯޅައިގައި 36 ކުދިން ވަނީ ރެޖިސްޓްރީ ވެފައެވެ. މީގެ އިތުރުންވެސް އެކަޑަމީއަށް އިތުރު ކުދިން ވެއްދުމަށް އެ ކްލަބުން ދަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
ބައޯނިކް ކްލަބަކީ 2006 ވަނަ އަހަރުން ފެށިގެން މާއުނގޫދޫގައި ހަރަކާތްތެރިވަމުން އަންނަ ކްލަބެކެވެ. އެ ކްލަބުން އަންނަނީ ރަށުގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުޅިވަރާއި އެނޫންވެސް ރަށުގެ ޒުވާނުންނާ ގުޅޭ ކަންކަމުގައި އެންމެ ގާތުން ޝާމިލުވަމުންނެވެ. ހަމައެއާއެކު، ބައޯނިކް ކްލަބުން އަންނަނީ އެ ރަށު ސްކޫލާއި އެހެނިހެންވެސް މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުން ބައޯނިކުން ވަނީ ތަފާތު އެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތައްވެސް ހާސިލުކޮށްފައެވެ.
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ