މިދިޔަ ޖެނުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 3.40 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. މިއީ މަހެއްގެ ތެރޭގައި ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.
މީރާ އިން އިއްޔެ އާންމުކުރި "މަންތްލީ ރެވެނިއު ކަލެކްޝަން" ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލައި އިރު، މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ ވަނީ 43.1 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ ޖެނުއަރީ މަހު ލިބުނު އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 43.6 ޕަސެންޓް އިތުރު އަދަދަކެވެ.
މީރާ އިން ބުނާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލައި އިރު، މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އިތުރުވީ ޖީއެސްޓީ، އިންކަމް ޓެކްސް، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ، ޓޫރިޒަމް ބިމު ކުލި އަދި ގްރީން ޓެކްސް އިތުރުވުމުންނެވެ.
އެގޮތުން ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 1.62 ބިލިއަން ރުފިޔާ އަދި އިންކަމް ޓެކްސްގެ ގޮތުގައި 1.30 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ގްރީން ޓެކްސްގެ ގޮތުގައި 100.79 މިލިއަން ރުފިޔާ ލިބުނުއިރު، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އަދަދަކީ 94.04 މިލިއަން ރުފިޔާއެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 89.60 ރުފިޔާ ލިބިފައިވާއިރު، އެހެނިހެން ގޮތްގޮތުން ދައުލަތައް ލިބުނު އާމްދަނީއަކީ 198.63 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު