ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގު ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދުއެވެ. އަދި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާއެވެ.

ދިރާގުން މިއަދު ބުނީ އެ ޕާޓްނާޝިޕަކީ ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދީ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ބާރުވެރިކޮށް، ހުނަރުވެރި ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިވެވޭނެ ކަމަށެވެ.

ރަސްމިއްޔާތުގައި ޖައިޝާން ހަމީދު ވިދާޅުވީ ހޭންޑްބޯޅައިގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހޭންޑްބޯޅައަކީ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ކުޅެން ފެށި ކުޅިވަރެއް ކަމަށެވެ

"އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ ހޭންޑްބޯލް މޯލްޑިވްސްއާއެކު މި ކުޅިވަރު އިތުރަށް ކުރިއަރުވައި ގިނަ ބަޔަކަށް ފުރުސަތުތަކެއް ހޯދައިދިނުން،" ޖައިޝާން ހަމީދު ވިދާޅުވިއެވެ.

"ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ދިރާގުން ވެދޭ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ޝުކުރު ދަންނަވަން. މި ޕާޓްނާޝިޕް މެދުވެރިކޮށް އަޅުގަނޑުމެންގެ އަމާޒަކީ ދިރާގާއެކު ރާއްޖޭގައި ހޭންޑްބޯޅަ އިތުރަށް ޕްރޮމޯޓްކޮށް ކުރިއަށް އޮތް ތަނުގައިވެސް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެފަދަ ކުޅުންތެރިން ބިނާކުރުން،" ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.

ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން އެކުންފުނިން ދަނީ ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވައި އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.