ރާއްޖޭގެ އިގުތިސޯދު ފަތުރުވެރިކަމަށް ބިނާވެފައިވާ އިރު، ގައުމުތަކާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވައި ހެދުން ކަމަކުނުދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ފަތުރުވެރިކަމަކީ އިގުތިސޯދުގެ އެންމެ މުހިންމު ތަނބު ކަމަށްވާ އިރު، ގައުމުތަކާ މެދު ބަހައްޓަން ޖެހޭ އަހުލާގީ މިންގަނޑު ބަހައްޓަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ސިނާއަތަކީ މުޅި ދިވެހިރާއްޖޭގެ އިގުތިސޯދުގެ އެންމެ ބޮޑު ސިނާއަތުކަމަށްވެ ތިބެ، އަޅުގަނޑުމެންގެ ރާއްޖެ ފަތުރުވެރިކަމަށް އިގުތިސޯދު ބިނާވެގެން ތިބެ، އަޅުގަނޑުމެންނަކަށް ދުނިޔޭގެ ގައުމުތަކާ ދިމާއަށް ހިތުހުރި އެއްޗެއް ކިޔައި، ހިތުހުރި ގޮތަކަށް ހަދައިގެން ކަމަކުނުދާނެ. އެއަކީ ބުއްދިވެރި ގޮތެއް ނޫން. އަޅުގަނޑުމެންގެ މި ރާއްޖެ ވާން ޖެހޭނީ ބޭރުގެ ފަތުރުވެރިންނަށް އަބަދުވެސް މަރުހަބާ ކިޔައި، އެމީހުންނާ ދޭތެރޭގައި އޯގާތެރިކަމާއެކު އަޅުގަނޑުމެންގެ ހިތްތައް ހުޅުވާލައިގެން ތިބި ބަޔަކަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދުނިޔެއަށް ރާއްޖެ މަޝްހޫރުވެފައިވަނީ މަރުހަބާ ދެންނެވުމުގައި ކަމަށާއި އެ މަތިވެރި ރަމްޒު އަބަދުވެސް ދެމި އޮންނަންވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ވަކި ބަޔަކާ ދިމާކޮށްލައިގެން، ވަކި ނަސްލަކާ ދިމާކޮށްލައިގެން، ވަކި ގޮތަކަށް އުޅޭ ބައެއް ކަމަށް ހަދަން ފަށައިފިނަމަ ފަތުރުވެރިކަމަށް މިދިޔަ 50 އަހަރު ލިބުނު ރީތި ނަން ހަރާބުވެގެން ހިނގައިދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން ބޭރުގެ ފަރާތްތަކަށް މަރުހަބާ ކިޔައި، ބޭރުގެ މީހުން ރާއްޖެ އައުމުން ހިތްތަކާއި އަތްތައް ހުޅުވާލައިގެން ތިބޭ ބަޔަކަށް ދިވެހިންވުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.