ކުރިން ޖަރުމަނުގެ ޝާލްކޭ އާއި އާރްބީ ލެއިޕްޒިގްގެ އިތުރުން ރަޝިއާގެ ސްޕާޓަކް މޮސްކޯއަށް ކޯޗުކަން ކޮށްދިން ޑޮމެނީކޯ ޓެޑެސްކޯ، ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ޓެޑެސްކޯއަކީ އުމުރުން 37 އަހަރުގެ އިޓަލީއަށް އުފަން ކޯޗެކެވެ. ޓެޑެސްކޯއަކީ އިޓަލީއަށް އުފަން ކޯޗެއް ނަމަވެސް އޭނާ އަތުގައި ޖަރުމަނުގެ ރަށްވެހިކަންވެސް އޮވެއެވެ. ބެލްޖިއަމްގެ ގައުމީ ޓީމާ ޓެޑެސްކޯ ހަވާލުވީ 2024 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތް ނިމެންދެންނެވެ.
ބެލްޖިއަމްގެ ކޯޗުކަމުގައި ކުރިން ހުރި ރޮބާޓޯ މާޓިނޭޒް އެ މަގާމު ދޫކޮށްލީ ނިމިދިޔަ ވޯލްޑް ކަޕަށްފަހުއެވެ. 2016 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ކޯޗުކަމުގައި ހުރި މާޓިނޭޒް އެ މަގާމުން އިސްތިއުފާ ދިނީ މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއެކުގައެވެ. ބެލްޖިއަމް މިފަހަރު ވޯލްޑް ކަޕްގައި މޮޅުވީ ހަމައެކަނި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އޭގެ ފަހުން ދެން ކުޅުނު މެޗުގައި މޮރޮކޯ އަތުން ބެލްޖިއަމް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ކްރޮއޭޝިއާއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
މާޓިނޭޒްގެ ބެލްޖިއަމްއާ ހަވާލުވީ އެގައުމުގެ ރަން ޖީލެއްގެ ފެށުމަށެވެ. އޭނާ ވަނީ ބެލްޖިއަމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތިންވަނަ ހޯދައި، ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ދަމަހައްޓައިފައެވެ. މިފަހަރު ވޯލްޑް ކަޕަށް ދިޔައީވެސް ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮވެގެންނެވެ.
ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމު ތެރޭގައި މައްސަލަތަކެއްވެސް ޖެހިފައިވާ އިރު، މާޓިނޭޒް ވަކިވީވެސް އެ މައްސަލަތައް ބޮޑުވެގެން ކަމަށް ބެލެވެއެވެ. މާޓިނޭޒް ވަނީ ދާދިފަހުން ޕޯޗުގަލްގެ ގައުމީ ޓީމާ ހަވާލުވެފައެވެ.
ބެލްޖިއަމާ މިއަދު ހަވާލުވި ޓެޑެސްކޯ ވަނީ އުމުރުން 31 އަހަރުގައި ކޯޗިން ކެރިއަރަށް ނުކުމެފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޖަރުމަނުގެ ދަށް ޑިވިޝަންތަކުގައި ޓެޑެސްކޯ ކުޅެފައިވާ އިރު، ޓެޑެސްކޯ ކޯޗިން ފެށީ ޖަރުމަނުގެ ދަށް ޑިވިޝަނުގެ އާޒްބާގޭ އޯއިންނެވެ. އޭގެ ފަހުން އޭނާ ވަނީ 2017 ވަނަ އަހަރު ޝާލްކޭގެ ކޯޗުކަމަށް ނުކުމެފައެވެ.
ޝާލްކޭގެ ކޯޗުކަމުގެ މަގާމުން ޓެޑެސްކޯ 2019 ވަނަ އަހަރު ވަކިކުރި ފަހުން ދެން ރަޝިއާގެ މޮސްކޯގައި ޓެޑެސްކޯ ކޯޗުކަން ކޮށް، ކާމިޔާބީތައް ހޯދީ ލެއިޕްޒިގާއެކުގައެވެ. ލެއިޕްޒިގާ 2021 ވަނަ އަހަރު ހަވާލުވެ، ފުރަތަމަ ސީޒަނުގައި ޓެޑެސްކޯ ވަނީ އެ ކްލަބާއެކު ލީގުގެ ދެވަނަ ހޯދައި، ޖަރުމަނު ކަޕް ކާމިޔާބު ކޮށްފައެވެ.
ބެލްޖިއަމް
ބެލްޖިއަމް
ބެލްޖިއަމް
ބެލްޖިއަމް