ގިނަ ބަދަލުތަކާއެކު ޒަމާނީ ވަސީލަތްތަކާއެކު މަޖީދީމަގުގައި ހުރި ޒަމާންވީ އޮލިމްޕަސް އަލުން ހުޅުވައިފިއެވެ. ދިވެހި ފިލްމެއް ބަލައިލަން ތިން އަހަރެއްހާ ދުވަހުގެ އިންތިޒާރަކަށްފަހު އޮލިމްޕަހުންގެ ދޮރާށިން އެތެރެއަށް ވަދެ ކުރީ ބަރިން ސީޓެއްގައި އިށީނދެލައިފީމެވެ. ސީޓުތައް އަރާމުވެފައި ހިތްގައިމެވެ. ކުރިމަތީގައި ހުރި ބިޔަ ސްކްރީނާއި ވަށައިގެންވާ މާހައުލުވެސް ފައްކާ ކޮށްފައި އޮތީ ފިލްމެއް ބަލައިލުމަށް އެންމެ ކަމުދާނެ މާހައުލެއްގެ ގޮތުގައެވެ.
މަރާމާތަށްފަހު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމުކަމަށްވާ ޑާކް ރެއިން އެންޓަޓައިނަމަންޓްސްގެ ފިލްމު "ބީވީމާ" ބަލައިލުމުގެ ޝައުގާއެކު އަހަރެން އިނީ ފިލްމުގައިވާނެ ގޮތަކާމެދު ކެތްމަދުވެފައެވެ. އެއީ ދޫދޫމަތިން އެނގިފައިވާ ގޮތުގައި އެ ފިލްމަކީ ނިކަން ސަޅި ފިލްމެއް ކަމަށް ބުނާތީއެވެ. ފިލްމު ފެށޭނެ ގަޑިއެއްކަމަށް ބުނެފައި އޮތީ 21:00 އެވެ. ނަމަވެސް ފިލްމަށް އޮތް ތަރުހީބެއްގެ ބޮޑުކަމުން، ފިލްމު ފެށޭވަރުވީ އޭގެ އިރުކޮޅެއް ފަހުންނެވެ.
އާއްމު އުސޫލުން ކޮންމެ ފިލްމެއްވެސް ފެށުމުގެ ކުރިން ދޭ ނޯޓިސް މިފަހަރުވެސް ދިނެވެ. ފިލްމު ބަލާއިރު އަނެކުންނަށް އުނދަގޫނުވާނެހެން ކަންކަން ނުކުރުމަށާއި އަޑުގަދަކޮށް ހީނސަމާސާކޮށް ނުހެދުމަށާއި މޯބައިލް ފޯނު ސައިލެޓް މޯޑަށް ލުން ފަދަ ކަންކަން ކުރުމަށް ހަނދާންކޮށްދިނެވެ.
"ބީވީމާ" އަކީ 15 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަ ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެ ފިލްމަކީ މަގުމަތީގެ ބަސްމަގާއި ގައިގޯޅި މަންޒަރުތައް ނުހިމެނޭ ފިލްމެއްކަމުން އެއީ އެއަށްވުރެ ދަށު އުމުރުފުރާތަކަށްވެސް ބެލުމަށް އެކަށޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމަށް އޮލިމްޕަހުގައި ހުރި 400 އަށްވުރެ ގިނަ ސީޓު ފުރާލިއިރު 15 އަހަރުން މަތީގެ އެތައް ކުދީންނެއްވެސް ފިލްމަށް ވަދެ ތިއްބެވެ. ފުރަތަމަ ކޮޅުގައި ފިލްމުގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. ބައެއް ފަހަރު ފިލްމުގައި ބުނާ އެއްްޗަކުން މީހުން ހޭ އަޑު ފިޔަވައެވެ. އެއީ މައްސަލައެއް ނޫނެވެ. ސިނަމާއެއް ވިއްޔާ ފޯރިވެސް ނަގަންވާނެތާއެވެ. ނަމަވެސް ފިލްމު ފެށިގެން ޝައުގުވެރި ބައިތައް އަންނަން ފެށި ވަރަކަށް އޯޑިއަންސްގެ ބައެއް މީހުންގެ ފޯރިވެސް ގަދަވާން ފެށިއެވެ. ފިލްމުގެ ބައެއް ފަންނާނުންނަށް ފުރައްސާރަކޮށް، ހަޑި ހުތުރު ބަސްތައް ކިޔުން އާއްމުވިއެވެ.
އެކަމުގައި އެންމެ އިސްކޮށް އުޅުނު ބަޔަކު ވެސް ތިއްބެވެ. އެމީހުންނާ ބައިވެ، އެހެން ސީޓުތަކުގައި ތިބި މީހުންވެސް އެކި ޒާތްޒާތުގެ އަޑުތައް ލައްވައި އަޑުގަދަކޮށް ފުރައްސާރަ އާއި މަލާމާތުގެ ބަސްތައް ކިޔައި އުޅުނެވެ.
""ތި މަންނަ ނަމަ މިހާރު ގަޔަށް އަރައި ތިކަން ނިންމާލަފާނަން"، "ދެން ކި* ކުރޭ"، "ހާދަ ކަޅު ކުއްޖެކޭ، ޔަގީނޭ އެހުރީ ކަޅުތެޔޮ އުނގުޅާފަ. އެހެންނޫންނަމަ އެހާ ކަޅެއް ނުވާނެ"،" މިއީ ސިނަމާ ތެރެއިން ބާރަށް އިވުނު އަޑުތަކެވެ. އެ އަޑުތަކަކީ ސިނަމާއަށް ވަދެ ތިބި އެންމެން އަޑުއިވެން ބޭނުންވާނެ އަޑުތަކެއް ނޫނެވެ. ކުޑަކުދިންވެސް ތިބިއިރު، އެއީ އަހުލާގީ މިންގަނޑުން ބެއްޔަސް ދަށުދަރަޖައިގެ ކަންކަމެވެ.
މިވަރަކުން އަދި ނުނިމެއެވެ. ފިލްމުގެ ތެރެއަށް ގެއްލި އިން މީހާ ހޭލައްވަނީ، އެހެން މީހުންގެ ސަކަރާތާ ހެދިއެވެ. އަޑުގަދަކޮށް، ބާރަށް ވާހަކަ ދައްކައި، ފިލްމުގައި ދެންވާނެ ގޮތްތައް އެކަކު އަނެކެކަށް މަޝްވަރާކޮށް، މިހެން ގޮސް އެތައް ކަމެއް ކޮށްފިއެވެ.
"މީ ދެން ކޮން ކަމެއް، މިތިބަ މީހުންނަކާ ހެދި ހަމަޖެހިގެން ފިލްމެއް ބަލައިލެވެން ނޯވޭ، އަނގައެކޭ ކިޔަފާ މަށަކަށްވާ ނޭނގެ ކޮންއެއްޗެއްކަމެއް ދެއްވާފަ އެ އޮންނަނީ" އަހަންނާ އިންވެގެން ފަހަތު ސީޓުގައި ތިބި ނޫކަށިފުރައިގެ ދެ އަންހެން ކުދިން އެކަކު އަނެކަކު ކައިރީ ވައި އަޑުން ބުނި އަޑު އިވުނެވެ. އެހެންވީމާ އުނދަގޫ މިވަނީ އަހަންނަށް އެކަންޏެއް ނޫންކަންވެސް ސާފުވެއެވެ. މިއީ ސިނަމާއަށް ފިލްމަށް ދިޔަ އެތައް ބައެއްގެވެސް ހާލެވެ.
ޑާކްރެއިން އެންޓަޓައިނަމަންޓްގެ ވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވިދާޅުވި ގޮތުގައި ފިލްމު ބަލަންދާ ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން ފިލްމާމެދު އާންމުން ކުރާ އިތުބާރު ގެއްލި، ފިލްމު ބެލުމަށް ފޫހިވާގޮތް ވެއެވެ. މޮގާ ވިދާޅުވި ގޮތުގައި ފިލްމު ބަލަން ގޮސް އަދަބާ ހިލާފު ކަންކަން ކޮށް އުޅެނީ ސަމާލުކަން ހޯދަން އުޅޭ މީހުންނެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ އެއީ ފިލްމު ބަލަންދާ ބައެއްހެނެއް. އެޓެންޝަން ސީކާޒް ގޮތަށް ބޮޑަށް ބެލެވެނީ. އެ މީހުންގެ އަމަލުތަކުގެ ސަބަބުން ފިލްމަށް ކޮންސެންޓްރޭޓްކޮށްގެން އިންނަ މީހާއަށްވެސް އެބަ އުނދަގޫވޭ. އެއީ ވަރަށް ގިނައިން ނޯޓިސްވާކަމެއް. އެފަދަ މީހުންނަށް ނަސޭހަތްވެސް ދީފަވެސް ބައެއް ފަހަރު ހުންނާނެ. ފުރަތަމަ ޝޯގަވެސް ވަރަށް ބޮޑަށް އެކަން ފާހަގަވި" މޮގާ ވިދާޅުވިއެވެ.
އޮލިމްޕަހުގައި ފުދޭވަރަކަށް ސީސީޓީވީ ހަރުކޮށްފައި އެބަހުއްޓެވެ. ފިލްމުގެ ތަންކޮޅެއް ވަގަށް ސްނެޕެއް ކޮށްލަން ފޯނު ނެގި މީހަކަށްވެސް އޮފިޝަލަކު އައިސް އެކަން ނުކުރަން އެންގިއެވެ. ނަމަވެސް ފިލްމު ބަލަމުންދިޔަ ގަޑީގައި އަނެކުންނަށް އުނދަގޫކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށް، ފުރައްސާރަކުރަމުންދިޔައިރު އެއިން އޮފިޝަލަކު "ކަހާތަން ހިރުވައިވެސް" ނުލިއެވެ. ފަހަރުގައި އެކަން އެގޮތަށް ނުކުރަން ބުނަން ނުކެރުނީ ކަމަށްވެސް ވެދާނެއެވެ. އެކަމުވެސް ހެވެ. ފިލްމަށްދާންވާނީ ފިލްމު ބަލާށެވެ. ފުރައްސާރައާއި ބޭއަދަބީ ބަސްތަކުގެ ހާއްޔަކަށް އެތަން ހެދުމަކީ ސިނަމާގެ ގަދަރު ކުޑަވެ، ފިލްމުގެ ރޫހާ މުޅީން ހިލާފު ކަމެކެވެ. އޮލިމްޕަސް މޮޅުކޮށް ހަދައި ފައްކާ ކުރިޔަކަސް ނުނިމޭނެ އެވެ. އަހަރެމެންގެ ވިސްނުމާއި އަދަބު އަހުލާގުވެސް ރީތިވާން ޖެހޭނެ އެވެ.