ކަންފަތް ބީރުވެފައިވާ އަދި މަންމަން މީހުންނަށް ފަރުވާ ހޯދައިދޭ ކަމަށްބުނެ ރާއްޖެ އައި އިރާގުގެ ޑޮކްޓަރު، މާލާ އަލީ މަހުމޫދު ރާއްޖެއިން ފުރައިގެން ދިޔަ ފަހުން އޭނާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ގުރުއާނުގެ އާޔަތްތައް ކިޔަވައިގެން މީހުންނަށް ފަރުވާދެމުންދާ ޑރ. މާލާ އަކީ ސައުދީ އަރަބިއްޔާ އިން ވެސް ޑީޕޯޓުކޮށްލާފައިވާ މީހެކެވެ. އަދި ޑރ. މާލާގެ އުފަން ގައުމު، އިރާގުން ވެސް އެ މައްސަލައިގައި މީގެ ކުރިން އޭނާ ވަނީ ހައްޔަކޮށްފައެވެ.
ހެލެތު މިނިސްޓްރީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު "ވަން" އަށް މިރޭ ވިދާޅުވީ ޑރ. މާލާ ރާއްޖެ އައިސްފައިވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން ޓޫރިސްޓް ވިސާގައި ކަމަށާއި ޑރ. މާލާ މީހުންނަށް ފަރުވާ ދީފައިވަނީ ހެލްތު މިނިސްޓްރީން ހުއްދައެއް ލިބިގެން ނޫން ކަމަށެވެ. އަދި އޭނާގެ މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ މިއަދު ކަމަށް ވިދާޅުވިއެވެ.
ޝަތުފާ ވިދާޅުވީ ޑރ. މާލާ ރާއްޖެ އައިސް މީހުންނަށް ފަރުވާ ދީފައިވަނީ ދިވެހިންގެ ބަޔަކާ ގުޅިގެންކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ފަރުވާ ދީފައިވަނީ ކޮން ރަށެއްގެ ބަޔަކަށްކަން އަދި ސާފުނުވާތީ އެކަން ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިނިސްޓްރީގެ ސަމާލުކަމަށް މިއަދު އެ މައްސަލަ އައިސްފައިވުމުން މިދަނީ އެ މައްސަލަ ބަލަމުން. އޭނާ ވަނީ މިހާރު ރާއްޖެއިން ފުރާފައި. އޭނާއަށް އެޅޭނެ ފިޔަވަޅަކީ ރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓު ކުރުން. ނަމަވެސް އެއީ މައްސަލަ ބެލުމަށްފަހު ނިންމާނީ،" ޝަތުފާ ވިދާޅުވިއެވެ.
ޝަތުފާ އިތުރަށް ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވޭނީ ރައްޔިތުންވެސް ހޭލުންތެރިވެގެން ކަމަށާއި އެފަދަކަމެއް މީހަކު ކުރާނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަކީ މުހިންމުކަމެއް ކަމަށެވެ.
ޑރ. މާލާ ވަނީ ރާއްޖޭގައި އޭނާ ފަރުވާ ދިންކަން އެންގުމަށް މީހުންނަށް ފަރުވާ ދޭ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކޮށްފައެވެ. އެގޮތުން ރާއްޖޭގައި ހަތަރު ވަރަކަށް މީހުންނަށް ފަރުވާ ދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުކޮށްފައެވެ.
ޑރ. މާލާއާ މެދު ސަމާލުވުމަށް ދީނީ އިލްމުވެރިންވެސް ވަނީ ގޮވާލައިފައެވެ. ބައެއް މީހުން ފާހަގަކުރާ ގޮތުގައި ޑރ. މާލޭ ހަދަނީ ސިހުރެވެ.
ޚަބަރު
ޚަބަރު