މ. ދިއްގަރު ފަޅުގައި އޮތް ލޯންޗެއް ގޮވައި އޭގައި ތިބި ދެ ފަޅުވެރިން ވަރަށް ބޮޑަށް ފިހިއްޖެއެވެ.
ދިއްގަރު ކައުންސިލުގެ ނައިބު ރައީސް އިސްމާއިލް މާހިދު މިއަދު "ވަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަމަށާއި އެ ވަގުތު ލޯންޗުގައި ތިބީ އޭގެ ވެރިފަރާތާއި އިތުރު ފަޅުވެރިއަކު ކަމަށެވެ.
އެ ދެ މީހުން މަހަށް ދާން ނައްޓާލުމަށް ލޯންޗު ސްޓާޓް ކުރިތަނާ ކުއްލިއަކަށް ލޯންޗުގެ ތެރެއިން އެއްޗެއް ގޮވައި ރޯވީ ކަމަށް މާހިދު ވިދާޅުވިއެވެ.
"އާއްމުކޮށް ދަތުރުކުރާ ލޯންޗެއް އެއީ. މިއަދުވެސް ހެނދުނު ދަތުރެއް ކޮށްފައި އައިސް ހީވަނީ މަހަށް ދާން ކަންނާނގެ އެ ގަޑީ ފުރަން އުޅުނީ. ފުރަން އުޅެނިކޮށް އެއްޗެއް ގޮވައި ރޯވީ. ބޮޑަށް ބެލެވެނީ ބެޓެރީ ގޮވައިގެން ރޯވީ ކަމަށް،" މާހިދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހާދިސާގައި ފިހުނު ދެ މީހުންނަށް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން ވެރިފަރާތުގެ ފައި ވަރަށް ބޮޑަށް ފިހިފައިވާއިރު، ދެން ހުރި މީހާއަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މާހިދު އިތުރަށް ވިދާޅުވި ގޮތުގައި ލޯންޗުގައި ގޮވި އިރު، އޭގައި ގިނަ އަދަދެއްގެ ޕެޓްރޯލް ހުރުމުން ލޯންޗުގައި އަލިފާންގަނޑު ވަރަށް އަވަހަށް ހިފިއެވެ. އަދި އަލިފާންގަނޑު ނިއްވާލަން ދަތިވުމުން ލޯންޗު ފަަޅުތެރެއަށް ފައްތާލުމަށްފަހު އެމްޓީސީސީގެ އެހީގައި މިހާރު ލޯންޗު ތިލަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު